އެންމެ ގިނަ އަދަދަކަށް ކާގޯ އެތެރެކުރެވެނު އަހަރަށް ނިމުނު ވުން ދޭހަކޮށްދެނީ ރައީސްގެ ފުރަތަމަ އަހަރުވެސް އިޤުތިޞާދަށް ކުރިއެރުން އައިސްފައިވާކަން: ވަޖީހް

ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ކާގޯ އެތެރެކުރެވުނު އަހަރަކަށް 2024 ވަނަ އަހަރު ވުމުން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަން ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2024 ވަނަ އަހަރު 66,387 ކޮންޓެއިނަރު ރާއްޖެ އެތެރެކޮށްފައިވާއިރު، 131,262 ފްރައިޓް ޓަނުގެ ޖެނެރަލް ކާގޯ އެތެރެކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު، އެތެރެކުރި ކޮންޓެއިނަރުތަކުގެ އަދަދު 7 އިންސައްތަ އަދި ޖެނެރަލް ކާގޯގެ ވޮލިއުމް 29 އިންސައްތަ އިތުރުވެފައިވާ މިންވަރެކެވެ.ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ "އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށްބޮޑު ތަނުން އިތުރުވެގެންދާނެތީ، ޕްރޮޖެކްޓުތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖުކުރުމަށްޓަކައި އެމްޕީއެލްއިން މިދަނީ ތައްޔާރުވަމުން،" ކަމަށެވެ.ކާގޯ އެތެރެކުރުމުގެ މިންވަރު އިތުރުވަމުންދާތީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި މާލޭ ވިޔަފާރި ބަނދަރު ފުރެމުންދާތީ، އެކި ބާވަތްތަކުގެ ކާގޯ ހިމެނޭ ކޮންޓެއިނަރު ބަނދަރުގައި ބެހެއްޓޭނެ ދުވަސްތަކުގެ އަދަދު މަދުކުރުމަށް ނިންމާފައިވާކަން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވަނީ ހާމަކުރައްވާފައެވެ.މި ތަފާސް ހިސާބުތަކުން ދައްކާގޮތުން، ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައިވެސް ރާއްޖޭގެ އިޤްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވާކަން އެނގެއެވެ. އަދި މި ކުރިއެރުމާއެކު އިތުރުވަމުންދާ ކާގޯ މެނޭޖުކުރުމަށް އެމްޕީއެލްއިން ޚާއްޞަ ސަމާލުކަމެއް ދެމުންދާކަންވެސް ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ