ކުރީ ސަރުކާރުން ސެޓްލްމަންޓް އެއްބަސްވުން ހަދައިގެން ބަދަލުދީފައިވާ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ދަންނަވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ 17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާކަން ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެ އެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖި އޮފީހުން ބުނެފައިވަނީ އެ ރިޕޯޓުގައިވާ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާއެކު މަޝްވަރާކުރަމުން ގެންދިއުމަށް ދަންނަވާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލައިގައި މަޖިލީހުން ފާސްކޮށްފައިވަނީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށެވެ.
މިފަހުން ބަންޑާރަނައިބުގެ އޮފީހުން ވަނީ ކުރީ ސަރުކާރުން 9 ފަރާތަކާއެކު ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން ބާތިލުކޮށްފަ އެވެ.
ބަދަލުދިން މައްސަލަ ތަހުގީގު ކުރަން ޕީޖީން އޭސީސީއަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ