މާފަންނުން ފެން ހިންދާ ޕަމްޕް މިވަގުތަށް ބޭނުން ކުރެވޭ ގޮތް ހަދައިފި
މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން މަރާމާތުކޮށް ސަރުކާރުން ވަގުތީ ގޮތުން ހައްލެއް ހޯދައިފި އެވެ.ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާފަންނު ސަހަރާގައި ބަހައްޓާފައިވާ ސްޓޯމް ވޯޓާ ޕަންޕް ސްޓޭޝަނަށް ލިބިފައިވާ ގެއްލުން، މިއަދު، އާރްޑީސީ އާއި ސްޓެލްކޯގެ އެހީތެރިކަމާއެކު އަލުން އޮޕަރޭޝަނަލައިޒް ކުރެވި ވަގުތީ ޙައްލެއް ގެނެވިފައިވާ ކަމަށެވެ.ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރިއިރު މާލޭ ހުޅަނގު އުތުރު ސަރަހައްދުތަކުން ފެން ހިންދަން ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށާއި މިކަން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށެވެ.މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވީ އެ ޕަމްޕް ސްޓޭޝަން ހަލާކުވެފައި ހުންނަތާ ގާތްގަނޑަކަށް ފަސް މަސް ވެދާނެ އެވެ.އެކަމަކު، އެ ވާހަކަ ދޮގުކޮށް މުއްތަލިބް ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރު ވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މާލެ އަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.ރޭ މާލެ އަށް ކުރި ވިއްސާރައިގައި ވެސް މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. އެމްއެންޑީއެފް އިން ބުނީ މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން މިހާތަނަށް 18،201 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.އަދި ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ