މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު، މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދު ހެނދުނުން ފެށިގެން ރަސްފަންނު ބޭނުންކުރެވޭނެ ކަމަށެވެ. މިއީ މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަށްފަހު، އާންމުންނަށް އަލުން ހުޅުވާލި ފުރަތަމަ ފަހަރެވެ. https://x.com/MIHUDmv/status/2065268706402615664 ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ އުތުރު ފަރާތުގައި ހާއްސަ ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ކުރިން ޖަހާފައިވާ ހިލަތޮށި އެއްކޮށް ނަގާފައިވެއެވެ. އަދި މޫދު ފެން ރަނގަޅަށް ދައުރުވާނެ ގޮތަށް އޮއިދެމޭ ހޮޅިތަކެއް ހިމަނައިގެން އަލުން ހިލަތޮށި ޖަހައި، ފެން ތަގައްޔަރުވުމުގެ މައްސަލައަށް ވަނީ ދާއިމީ ހައްލެއް ހޯދާފައެވެ. މިނިސްޓްރީން ވަނީ، މި ބޮޑު މަރާމާތުގެ މުއްދަތުގައި މާލޭގެ ރައްޔިތުންނާއި އެ ސަރަހައްދު ބޭނުންކުރާ އާންމު ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ކެތްތެރިކަމަށްޓަކައި ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި ހިތްފަސޭހަކޮށްލުމަށް އާންމުކޮށް ގޮސްއުޅޭ މުހިންމު މައިދާނެކެވެ. ނަމަވެސް މީގެ ކުރިން ފެން ދައުރުނުވުމާއި، ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ފެން ތަގައްޔަރުވެ، ގިނަ ފަހަރު މޫދަށް އެރުން މަނާކުރަން ޖެހުނެވެ. އަދި އެ ސަރަހައްދު ވަރަށް ބޮޑަށް ގިރައިގެން ގޮސް، އެތާނގައި ބަހައްޓާފައި ހުރި ހަޓުތައް ހަލާކުވެ، ބައެއް އުމްރާނީ ވަސީލަތްތަކަށް ވެސް ގެއްލުންވެފައި ހުއްޓެވެ. މިހާރު ގެނެވުނު ބަދަލުތަކާއެކު، މިއަދުން ފެށިގެން އާންމުންނަށް އެ ސަރަހައްދު ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ