ދިސާނަޔަކަގެ ސަރުކާރުގެ ބޮޑުވަޒީރަކީ ހަރީނީ އަމަރަސޫރިޔެ

ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ހަރީނީ އަމަރަސޫރިޔެ ޢައްޔަން ކުރައްވަން އެ ޤައުމުގެ އައު ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ނިންމަވައިފިއެވެ. ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ދިސާނަޔަކަ ރައީސް ކަމުގެ ހުވައި ކުރައްވައި, އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލު ވަޑައިގަތީ ހޯމަ ދުވަހުއެވެ. 55 އަހަރުގެ ދިސާނަޔަކަ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސަގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
ދިސާނަޔަކަ މިހާރު ގެންދަވަނީ އޭނާގެ އައު ސަރުކާރުގެ ކެބިނެޓު އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރައްވަން އޭނާ ނިންމަވާފައިވާ 54 އަހަރުގެ އަމަރަސޫރިޔެއަކީ ޤާނޫނު ހަދާ މަޖިލީހުގައި ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދު ތަމްސީލު ކުރައްވާ މެންބަރެކެވެ. އޭނާ, ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަންނަވާފައި ވަނީ 2020ވަނަ އަހަރުއެވެ.
އަމަރަސޫރިޔެއަކީ ޔުނިވަރސިޓީ އޮފް އެޑިންބްރާއިން ސޯޝަލް އެންތުރޮޕޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ތިންވަނަ އަންހެން ބޭފުޅާއެެވެ. ތާރީޚުގައި ވެސް ޤައުމެއްގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އެންމެ ފުރަތަމަ އަންހެނަކު އިންތިޚާބު ކޮށްފައި ވަނީ 1960ވަނަ އަހަރުއެވެ. އެއީ, ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު ސިރިމާވޯ ބަންޑާރަނަޔަކައެވެ. ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ދެވަނަ އަންހެން ބޭފުޅަކީ, އޭނާގެ ދަރިކަނބަލުން ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރަތުންގައެވެ. ދިސާނަޔަކަގެ ސަރުކާރުގައި ބޮޑުވަޒީރު ކަމުގެ މަޤާމުގެ އިތުރުން ޚާރިޖީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ އިތުރުން މީޑިޔާއާ ގުޅޭ ވުޒާރާގެ ވަޒީރު ކަން ވެސް ފުރުއްވާނީ އަމަރަސޫރިޔެއެވެ.
ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ދިސާނަޔަކަ ވާދަ ކުރައްވާފައި ވަނީ އެންޕީޕީ އިއްތިޙާދުގެ ކެނޑިޑޭޓުގެ ގޮތުގައެވެ. އޭނާގެ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީއަކީ ކާލް މާކްސްގެ ސިޔާސީ އަދި އިޤުތިޞާދީ ސިޔާސަތުތަކަށް ތާޢީދު ކުރާ, ވައަތު ފިޔައިގެ ޕާޓީއެކެވެ. ދިސާނަޔަކައާއި އޭނާގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ, އިޤުތިޞާދީ އަދި މާލީ ކާރިސާއަކާ ކުރިމަތިވެފައިވާ ސްރީ ލަންކާގެ އިޤުތިޞާދު ސަލާމަތްކޮށް, އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރަކަށް އަރާފައިވާ ބޭރުގެ ދަރަނި ދައްކާނެ ގޮތްތަކެއް ހޯދުމެވެ.
ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން ދިސާނަޔަކަގެ އެންޕީޕީ އިއްތިޙާދުން ތަމްސީލު ކުރަނީ އެންމެ ތިން ގޮނޑިއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިސާނަޔަކަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައްވައި, އައު އިންތިޚާބެއް އިޢުލާނު ކުރައްވާނެ ކަމަށް ބެލެވޭ ކަމުގައެވެ. ދިސާނަޔަކަ ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ކުރިން, އޭނާގެ ކެބިނެޓާއި ސަރުކާރަށް ފުރުޞަތު ދެއްވުމުގެ ގޮތުން, ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ދިނޭޝް ގުނަވަރްދަނަ ވަނީ އިސްތިޢުފާ ދެއްވާފައެވެ.
ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ, 2022ވަނަ އަހަރު ބާރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި އަހަރު ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެން ތެލާއި, ބޭހާއި ކައްކާ ގޭސް ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުން މެދުކެނޑި, ސްރީ ލަންކާގެ ރައްޔިތުން ހާލުގައި ޖެހުނެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން ސަލާމަތްވުމަށް ދިސާނަޔަކަގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެންގުމަށް ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ފަށާފައިވާ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް މުރާޖާ ކުރުމާއި, ޓެކުސްތައް ކުޑަ ކުރުން ހިމެނެއެވެ. ނަމަވެސް, އެ ފަދަ ފިޔަވަޅުތަކުގެ ސަބަބުން ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ