އުމުރުން 62 އަހަރުގެ މަހުޖަނުގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ނިއުޔޯކުގައި ސެކިއުރިޓީސް ފްރޯޑުގެ ދައުވާކުރުމާއެކު އޭނާގެ އަދާނީ ގުރޫޕުގެ ކުންފުނިތަކުގެ ހިއްސާގެ އަގު ހިއްސާގެ ބާޒާރުގައި ވަރަށް ބޮޑަށް ވެއްޓުނެވެ.
އެތައް އަހަރަކަށް ދެމިގެންދިޔަކަމަށް ތުހުމަތުވާ ރިޝްވަތު ބެހުމުގެ ސްކީމެއްގައި އިންޑިޔާގެ އެންމެ ބޮޑު މަހުޖަނުންގެ ތެރޭގައި ހިމެނޭ ގޯތަމް އަދާނީގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ދައުވާ އުފުލައިފި އެވެ. މި ސްކީމަކީ އިރުން ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކެއް ހޯދުމަށް ރިޝްވަތު ބެހި ސްކީމެއްކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ.
އުމުރުން 62 އަހަރުގެ މަހުޖަނުގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ނިއުޔޯކުގައި ސެކިއުރިޓީސް ފްރޯޑުގެ ދައުވާކުރުމާއެކު އޭނާގެ އަދާނީ ގުރޫޕުގެ ކުންފުނިތަކުގެ ހިއްސާގެ އަގު ހިއްސާގެ ބާޒާރުގައި ވަރަށް ބޮޑަށް ވެއްޓުނެވެ.
އަދާނީއަކީ އަދާނީ ގުރޫޕުގެ ޗެއާޕާސަނެވެ. އޭގެ އިތުރަށް އޭނާއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތްގުޅުމެއް އޮންނަ މޯދީއަށް ވަރަށް ބޮޑަށް އެހީތެރިވެ މަދަދުވެރިވާ ވިޔަފާރިވެރިއެކެވެ.
މި މައްސަލާގައި އަދާނީގެ އިތުރުން އަދާނީ އެނާޖީގެ ސަބްސިޑިއަރީ ކުންފުނިތަކުގެ އެކި ފަންތީގެ ވެރިންގެ ހިމެނޭހެން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފަައިވެ އެވެ. އަދި ކެނަޑާގެ ޕެންޝަން ފަންޑެއްގެ ކުރީގެ މުވައްޒަފުންތަކެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެ އެވެ. ދައުވާ ރައްދުވާ މީހުންގެ ތެރޭގައި އަދާނީއަށް ބޮޑުބޭބެ ކިޔާ ސަގަރް އަދާނީ ހިމެނެ އެވެ. ސަގަރްއަކީ ގޯތަމް އަދާނީ އުފެއްދި އިއާދަކުރަނަވި ހަކަތަ ކުންފުންޏެއްގެ އެގްޒެކެޓިވް ޑިރެކްޓަރެކެވެ.
އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ 2020 ވަނަ އަހަރާއި 2024 އާ ދެމެދުގައި އިންޑިޔާ ސަަރުކާރުގެ އެކި އޮފިޝަލުންނަށް 250 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިނުމަށް އަދާނީގެ ކުންފުނިތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ރިޝްވަތު ބެހިކަން އެ ކުންފުނިތަކަށް އިންވެސްޓުކުރި އެމެރިކާގެ ބޭންކުތަކާއި އެހެނިހެން އިންވެސްޓަރުންނަށް ސިއްރުކޮށްފައިވާކަމަށްވެސް ޕްރޮސެކިއުޓަރުން ތުހުމަތުކުރެ އެވެ.
އަދި މި ސްކީމު އިތުރަށް ކުރިއަށްގެންދެވޭނެ ގޮތްތައް ފަހިކުރުމަށް ގޯތަމް އަދާނީ އިންޑިޔާގެ މަސްއޫލުވެރިޔަކާ ބައްދަލުކޮށް މަޝްވަރާކުރި ކަމަށްވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. އެ މަސްއޫލުވެރިޔަކީ ކޮން ބޭފުޅެއްކަން ޕްރޮސެކިއުޓަރުން ހާމަނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ކެނަޑާގެ ބޮޑު ޕެންޝަން ފަންޑެއް ކަމަށްވާ ސީޑީޕީކިއުގެ ކުރީގެ ތިން މުވައްޒަފެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެ އެވެ. އެ މީހުންނަށް ތުހުމަތުކުރެވެނީ ރިޝްވަތު ސްކީމާ ގުޅޭ ތަހުގީގަށް ހުރަސްއަޅައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ފޮރުވައި ބައެއް އީމެއިލުތައް ނައްތައިލި ކަމަށެވެ. އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އިންވެސްޓުކުރާ ސީޑީޕީކިއުއަކީ އަދާނީ ކުންފުނިތަކުގެ ހިއްސާދާރެކެވެ.
ޑެޕިއުޓީ އެސިސްޓެންޓް އެޓާނީ ޖެނެރަލް ލީސާ މިލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިޔާ ސަރުކާރުގެ އޮފިޝަލުންނަށް 250 މިލިއަނަށްވުރެ ގިނަ ޑޮލަރު ދިނުމަށް އަދާނީ ގުރޫޕުގެ އިސްވެރިން ހުށަހެޅީ ސަރުކާރުގެ ކޮންޓްރެކްޓުތައް ކާމިޔާބުކުރުމަށް ކަމަށެވެ. އަދި އެ ފައިސާއަކީ އެމެރިކާގެ އިންވެސްޓަރުން އަތުން ހޯދި ފައިސާ ކަމަށެވެ.
އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗާންޖު ކޮމިޝަނުން ބުނި ގޮތުގައި މި ރިޝްވަތު ދީފައިވަނީ އިންޑިޔާ ސަރުކާރުން ބާޒާރުގެ އަގުތަކަށްވުރެ ބޮޑު އަގެއްގައި އަދާނީ ގްރީން އަދި އަޒޫރޭ ޕަވާ ނަމަަކަށް ކިޔާ ދެ ކުންފުންޏަކުން ހަކަތަ ގަތުމަށް އެއްބަސް ކުރުވުމަށް ކަމަށެވެ.
އަދާނީ ގްރީންއިން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ސޯލާ ޕްލާންޓު އިންޑިޔާގެ ގުޖުރާތުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަޝްރޫއަށް އެމެރިކާގެ އިންވެސްޓަރުން އަތުން 175 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އިންވެސްޓުމެންޓުގެ ގޮތުގައި އެ ކުންފުނިންވަނީ ހޯދާފ އެވެ.
މި ތުހުމަތުތަކާ ގުޅިގެން އަދާނީ ކުންފުނިތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ޕްރޮސެކިއުޓަރުން ކުރަނީ ހައްތާވެސް ދޮގު ތުހުމަތުތައް ކަމަށެވެ. އަދި ގާނޫނީ ގޮތުން އެ ތުހުމަތުތަކުން ބަރީއަވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެމެރިކާގައި އިންވެސްޓަރުން އަތުން ފައިސާ ހޯދުމަށް ވިއްކަން ކުރިން ނިންމާފައި އޮތް 600 މިލިއަން ޑޮލަރުގެ ބޮންޑެއް ނުވިއްކަން އެކުންފުނިންވަނީ ނިންމާފަ އެވެ.
މީގެ ކުރިންވެސް އަދާނީ ގުރޫޕަށް އޮޅުވައިލުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވިފައިވެ އެވެ. އެމެރިކާގެ ޝޯޓް ސެލާއެއްކަމަށްވާ ހިންޑެންބާގް ރިސާޗްއިން ފާއިތުވި އަހަރު ބުނެފައިވަނީ އަދާނީ ގުރޫޕުން އެ ކުންފުނިތަކުގެ މާލީ ހިސާބުތައް އޮޅުވައިލާ އެކައުންޓިން ފްރޯޑު ހަދާފައިވާ ކަމަށެވެ. އެ ތުހުމަތުތައް އެ ކުންފުނިން ދޮގުކުރި އެވެ.
ފާއިތުވި ވިއްސަކަށް އަހަރު ތެރޭ އަދާނީވަނީ އޭނާގެ ކުންފުނީގެ މައި ވިޔަފާރިކަމަށްވާ ބަނދަރު ހިންގުމާއި ޓްރޭޑުން ބޭރަށް ވިޔަފާރި ފުޅާކޮށް މައިނިންއާއި އެއާޕޯޓު ހިންގުމާއި އިއާދަކުރަނަވި ހަކަތަައިގެ ތެރެއަށް ވަދެފަ އެވެ.
އަދި އިންޑިޔާއިން ބޭރުން ބަންގުލަދޭޝާއި ސްރީލަންކާއާއި އިސްރާއީލުގައި ބޮޑެތި އެކި މަޝްރޫއުތައް ހިންގުމަށް ބިޑުކޮށް ބައެއް މަޝްރޫއުތައް ކާމިޔާބުވެސް ކޮށްފައިވެ އެވެ. އިސްރާއީލުގެ ހައިފާ ބަނދަރު ހިންގަނީ އެ ކުންފުނިންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރިޝްވަތު ދިނުމުގެ ތުހުމަތުގައި އަދާނީގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ