އީރާންގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާއަށް ތާއީދުކުރަނީ، އެ މުޒާހަރާއިން ރާއްޖޭގެ މާޒީ ހަނދާންވާތީ ކަމަށާއި ހުންނެވީ ހައްގުތަކުގެ ދިފާއުގައި ނިކުމެތިބި މުޒާހަރާގެ ބައިވެރިންނާ އެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އީރާންގައި ތަކެތީގެ އަގުތައް މައްޗަށް އުފުލި، އިގްތިސާދީ ކަންބޮޑުވުންތަކާ އެކު މިދިޔަ މަހު 28ގައި ފެށި މުޒާހަރާތައް ފުޅާވެ ވެރިކަން ވައްޓާލުމުގެ ހަރަކާތަކަށް ވަނީ ބަދަލުވެފަ އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ވަނީ މަގުތަަކަށް ނުކުމެ، މިސްކިތްތަކުގައި ވެސް ހުޅުޖަހާފަ އެވެ. އަދި ހޮސްޕިޓަލުތަކާއި ބޭންކުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި އަމަލުތައް ކުށްވެރިކޮށް، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކިޔަމަންތެރިވެ، ގާނޫނާ ހިލާފަށް އެއްވެ އަމަންއަމާންކަން ގެއްލުވާލައި މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފައިވަނިކޮށް ނަޝީދު އާދިއްތަ ދުވަހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދެއްވާފަ އެވެ.
އެގޮތުން ވިދާޅުވީ:
އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ތިބީ އިންތިހާއަށް މައްޗަށް ގޮސްފައިވާ ދިރިއުޅުމުގެ އަގުތަކާއި އެތައް ޒަމާނެއްވީ ހިފެހެއްޓުންތަކުން މިންޖުވާން ކަމަށް
އީރާނުގެ ރައްޔިތުންނަކީ އަހަރެމެންގެ އަހު މުސްލިމުން ކަމަށްވާތީ، މުސްލިމުންނާއި ބައިނަލްއަގްވާމީ މުޖުތަމައުން ތިބެން ޖެހޭނީ އީރާންގެ ރައްޔިތުންނާ އެކު ކަމަށާއި އެ ގައުމުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް
ތަފްސީލް - މި ޕޯސްޓަށް، ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ ރަސްމީ 'އެކްސް' އެކައުންޓުން ރައްދުދީފައިވެ އެވެ. މި ރައްދުގައި، މިދިޔަ ޖޫން މަހު އިޒްރޭލާ އެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ޒަޔަނިސްޓު އިސްތިއުމާރީ ބާރުތަކުން އީރާނުގެ ސިޓީތަކަށާއި އާންމު ރައްޔިތުންނަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ވަރުގަދަ އަސްކަރީ ހަމަލާތަކުގެ މަތިން ހަނދާންކޮށްދީފައިވެ އެވެ. އެގޮތުން ބުނީ:
އެއީ ރައްޔިތުންނަށް އަމާޒުކޮށް ހިންގި މީހުން މެރުމުގެ ލާއިންސާނީ އަމަލުތަކެއް؛ އެ ހަމަލާތަކުގައި ކުށެއް ނެތް ކުޑަކުދިންނާ އެކު އެތައް ހާސް ބަޔަކު މަރާލާފައިވޭ
އެ ހަމަލާތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ސާބިތުކަން ދެއްކި؛ އޭރު ވެސް މަސްލަހަތު ގޯސްވީ އެ ހަމަލާތަކަށް އެމެރިކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުން
އެމެރިކާއިން އޭރު ވެސް މަސައްކަތްކުރީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ނަގާލުމަށް
މި ފަހަރު އީރާނުގެ ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އާންމު ރައްޔިތުން ވެފައިވަނީ މޮސާޑާއާ ގުޅުން ހުރި ފަރާތްތަކުން ހިންގި ޓެރަރިސްޓް އަމަލުތަކުގެ ޝިކާރައަކަށް
"މިސްކިތްތަކުގައި ވަނީ ހުޅުޖަހާފައި. ހޮސްޕިޓަލުތައް ވަނީ ސުންނާފަތިކޮށްފައި. މަގުތަކާއި މާރުކޭޓުތަކުގައި އުޅުނު އާންމު ރައްޔިތުންނަށް ވަނީ ހަމަލާދީފަ. މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ގެއްލުންދީފައިވޭ. މި ހާލަތުގައި، ތިބޭފުޅާ ހުންނެވީ ކޮން ފަޅިއެއްގައިތޯ؟" އެމްބަސީގެ ޕޯސްޓު ނިންމާލަމުން ނަޝީދާ ސުވާލުކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - ނަޝީދުގެ ވާހަކަތަަކަށް ދިވެހިންގެ ވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ކަންކަމާ އެމެރިކާއިން ބެހެން ނުޖެހޭނެކަން ގަބޫލުކުރައްވާ ކަަމަށާއި އެކަމަކު މަގުމައްޗަށް ނުކުމެ ތިބި ޒުވާން މުޒާހަރާގެ ބައިވެރިންނަށް ތާއީދުކުރަންޖެހޭ ކަމަށެވެ.
ސަބަބަކަށް ވިދާޅުވ، އެ މުޒާހަރާތަކުން ރާއްޖޭގެ މާޒީ ހަނދާންވާތީ އެވެ.
"ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އެކްޓިވިސްޓުން މުޒާހަރާކުރުމުން، އެ މީހުންނަކީ ނަސޯރާ ދީން ފަތުރަން އުޅޭ މީހުންގެ ހިމާޔަތުގައި ނުކުމެ ތިބި ބައެއްގެ ގޮތުގައި އެ މަނިކުފާނު [މައުމޫން] ތުހުމަތުކުރި. ހަގީގީ ތަދަކީ މުޒާހަރާގެ ބައިވެރިންނަށް [މުޒާހަރާ ތެރޭ] ކުރިމަތިވާ އަނިޔާ އާއި ތެޅުންކަން އަޅުގަނޑުމެންނަށް އެނގޭ. މި ހުރީ ހައްގުތަކުގެ ދިފާއުގައި ތެދުވެ ތިބި ޒުވާނުންނާ އެކު،" ނަޝީދުގެ ޕޯސްޓު ނިންމާލައްވަމުން ލިއުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އީރާންގެ އެކި ސިޓީތަކުގައި ހިނގަމުންދާ މި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގައި މީހުން މަރުވެފައިވެ އެވެ.
މި މުޒާހަރާތަކަށް ނަޝީދު ތާއީދުކުރައްވާފައިވާއިރު، އެމެރިކާއިން ވެސް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ، މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭ ނަމަ އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރުދީފަ އެވެ.
މި މުޒާހަރާތައް ދެ ހަފްތާއަށް ދިގުދެމިގެން ގޮސްފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް ސަރުކާރަށް އޮތް ތާއީދު ދެއްކުމަށްޓަކައި ވަނީ މަގުތަކަށް ނުކުމެފަ އެވެ.
ނަޝީދުގެ ފާޑުކިއުމާ އެކު އީރާންގެ ރައްދެއް؛ ނަޝީދު ވިދާޅުވީ ރާއްޖޭގެ މާޒީ ހަނދާންވާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ