ދެވަނަ ބުރުގެ ވޯޓް ލުން، ދޮންފަނާއި ކެލައާއި ނޭކުރެންދޫއާއި މާވަށް އަދި ފުވައްމުލަކުގައި

މި ހިގާ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބައެއް ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، ރާއްޖޭގެ ފަސް ރަށެއްގައި އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ދެވަނަ ބުރެއް ބާއްވަން ޖެހުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، އިންތިޚާބުކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފަސް ރަށަކީ ބ. ދޮންފަނާއި ހއ. ކެލައާއި ހދ. ނޭކުރެންދޫއާއި ލ. މާވަށް އަދި ފުވައްމުލަކެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ބާއްވަނީ ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރު ބާއްވަނީ ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ނޭކުރެންދޫ އަދި މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށެވެ. މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ދާއިރާތަކަށް ނިސްބަތްވާ ރަށްރަށުގެ އިތުރުން މާލެ ސިޓީގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ