ދެ އިންތިހާބު އެއްކުރުމުން މުއިއްޒު ނޫންގޮތެއް ނުހޯދޭނެ

ވެރިކަމާ ހަވާލުވީ ދުވަހުއްސުރެ ރައީސް މުއިއްޒުގެ މަގުބޫލުކަން ރައްޔިތުންގެ ތެރޭގައި ވަނީ އިންތިހާއަށް ދަށްވެފައެވެ. ދޮގާޢި ރިޝްވަތާއި ހިޔާނާތާއި އިސްރާފާއި މަވެތިކަން ވެރިއެއްގެ ކިބައިން ފެންނާނެ އެންމެ މަތީ ދަރަޖައަށް ރައީސް މުއިއްޒުގެ ކިބައިން ރައްޔިތުން ދެކެފިއެވެ.
ކޮންޓްރެކް އުސޫލުން ފައިސާ ލިބޭގޮތަށް އަނބިކަބަލުންނަށް ހައްގުނޫން ނޯޕޭ ލީވެއް ގާނޫނާއި ހިލާފަށް ދިނުމުން ފެށިގެން ދެއިންތިހާބު އެއްކުރުމާ ހަމައަށް މުއިއްޒު ކިބައިން ފެންނަނީ މަގާމުގެ ނާޖާއޒު ފައިދާ ނަގާތަނެވެ. 
ބަޖެޓް ނެތި ދައުލަތް ލޫޓުވާލުމުގެ ވަސީލަތަކަށް ރަސްމާލެ ހިއްކުން ހެދިއެވެ. ރައްޔިތުންގެ މަޖިލީހުން އިދިކޮޅު މެންބަރުންތަކެއް ގަނެލިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޕާޓީ މެންބަރުންނަށް ކޮންމެ މަހަކު 50000 ރުފިޔާ ދިނެވެ. އެންސްޕާ ދަވާލައިގެން ޓީވީ ޗެނަލެއް އުފެއްދިއެވެ. ފޭކް ޕްރިންސް ފިނޭންސް ސެންޓަރާއި ތިނަދޫ ފްލޯޓިންގ ޓާމިނަލް އެއަރޕޯޓާއި ވިލިގިލި އެއަރޕޯޓާއި އައްޑޫ ބުރިޖާއި އައްޑޫ ކަރަންޓް ވިއުގައާއި ޑިވްލޮޕްމަންޓް ބޭންކާއި މިހުރީ ހައްތަހާވެސް މަނީ ލޯންޑް ކުރުމަށް ބޭނުން ކުރިހާ ވަސީލަތެވެ.
ރަސްމާލެ އަންޑަރ ވޯޓަރ ޓަލާއި ފުނަދޫ ބިޒްނަސް ސެންޓަރާއި މޮނޯ ރޭލާއި މާލެކައިރި ސޯލަރ ސިޓީއާއި ގްރޭޓާރ އައްޑޫ ތަސައްވުރާއި މިހުރީ ހައްތަހާވެސް ހީލަތްތެރި ކަމާއެކު އިންތިހާބީ ހުވަފެނެވެ. އެތައް މިލިޔަން ޑޮލަރެއްގެ ދަރަނި އިތުރު ކުރަމުން އިސްރާފް ކުރުމާ ބައިބޮޑުކުރަން ދައުލަތުން މުސާރަ ދޭމީހުންގެ ހައްދެއްނެތެވެ. 
ފަޒްލުމެން ކަހަލަ ގާތް މިތުރުން ލައްވާ ދައުލަތް ދަވާލައި ކޮރަޕްޝަނާއި ފަސާދައާއި މަނީ ލޯންޑަރ ކުރާތަނަކަށް ސަރުކާރު ހަދާ ނިމިއްޖެއެވެ. ފާޅުގައި ޕާޓީތަކުން މެންބަރުން ވަގަށްނަގާ ޕާޓީ ބޮޑުކޮށް ޕީއެންސީއަށް ދައިލަތް ބަންޑުން ޖަހާލައިފިއެވެ. ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ކަރުގައި ވާޖަހާ ސިޔާސީ ގޮތުން ބްލެކް މޭލުކޮށް ފަނޑިޔާރުގެ ރޫޅާލީއެވެ.
އެންމެ ފަހުން ފަސޭހަކަމާއެކު ރިޔާސީ ދައުރު ހޯދުމަށް ދެއިންތިހާބު އެކުގައި ބޭއްވުމަށް ނިންމަނީއެވެ. ދެއިންތިހާބު އެއްކޮށްލުމުން  މަގާމުގައި ހުންނަ ރައީސް ނޫން މީހަކަށް ވެރިކަމަށް އާދެވޭނެ ގޮތެއް އަދި އެހެން ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ގޮތެއް ނުއޮންނާނެއެވެ. މަގާމުގައި ހުރެ މުއިއްޒަށް ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުން ގޮތަކަށް ތަޅާލަން ފުރުސަތު އޮތުމުން އެއްދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމުން މުއިއްޒު ނޫން ގޮތެއް ހޯދުމަކީ ރާއްޔިތުންނަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ. އިދިކޮޅުން އެއް ކެންޑިޑޭޓް ކޮންމެ ދާއިރާއަކަށް ނެރުނަސް ސަރުކާރުގެ ކެންޑިޑޭޓުން ބަލިކުރުމަކީ ވެސް ވާނެކަމެއް ނޫނެވެ. ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނަންޖެހެނީ އެހެން ވެގެންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ