ގުޅިފަޅު، ގިރާވަރު އަދި ހުޅުމާލެ 3 ގައި މީހުންނަށް އާބާދު ވެވޭނެ ދުވަހެއް މުއްތަލިބަށް ނުބުނެވުނު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގޯތި ދިނުމަށް ހިންގި ސްކީމުގެ ދަށުން ގޯތި ދީފައިވާ ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ 3 ގައި މީހުންނަށް އާބާދުވެވޭނެ ދުވަހެއް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ވިދާޅެއް ނުވެވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބާ ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާ މީކާއިލު އަހުމަދު ނަސީމް ވަނީ ގުޅިފަޅު ގިރާވަރުފަޅު ހުޅުމާލެ ތިނަކުން ގޯތި ލިބުނު މީހުންނަށް އެތަނުގައި އާބާދު ވެވޭނީ ކޮން ތާރީހެއްގައިތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ 3 ގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަޅައި ވީހާވެސް އަވަހަކަށް ފަހިކުރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށެވެ.
”ނަމަވެސް މިއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ. އެ ފައިސާތައް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރިން. އެހެންނަމަވެސް މިހާރު ފައިސާ ހޯދަން ދަތިވާތީވެ، ސަރުކާރު ކުންފުނިތައް މެދުވެރިވެގެން މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން މިގެންދަނީ،“ މުއްތަލިބް ވިދާޅުވި އެވެ.
ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3ގެ ތެރެއިން މިހާތަނަށް އެއްކޮށް ހިއްކައި ނިމިފައިވަނީ ހުޅުމާލެ ފޭސް 3 އެކަންޏެވެ. އަނެއް ދެ ބިމުގެ ތެރެއިން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެއާޕޯޓްތައް ހިންގާ، އެމްއޭސީއެލްއާ އެވެ.
މުއްތަލިބް މީގެ މަހެއް ކުރިން ވިދާޅުވި ގޮތުގައި ގިރާވަރުފަޅު ތިން ހަފުތާގެ ތެރޭގައި ހިއްކައި ނިމޭނެ އެވެ. އޭގެ ފަހުން މިހާރު ފަސް ހަފުތާ ވެގެން ގޮސްފައިވާއިރު، އަދިވެސް އެތަން ހިއްކައި ނިމިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ