ބުލީ ކުރުމަކީ ގާނޫނީ ކުށަކަށް ހެދުމަށް އެކަމާ ގުޅޭ ގާނޫނެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ބުލީ ކުރުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫން ކަމަށާއި، މިއީ ވަރަށް "ޑީޕް ރޫޓެޑް، އިންޓަަކަނެކްޓެޑް"، ގިނަ ކަންތައްތަކެއް ހިމެނޭ ނުރަނގަޅު އާދައެއް ކަމަށެވެ.
ތަފްސީލް - ބުލީ ކުރުމަކީ ތުއްތުކުދިންނުން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް ވެސް ހިނގާ ކަމެއްކަން ފާހަގަަކުރައްވައި ރައީސް ވިދާޅުވީ އެކަން ހުއްޓުވުމަށް ސަރުކާރުގެ ލެވެލްގައި މިހާރު ވެސް ކަންތައްތަކެއް ކޮށްފައިވާނެ ކަމަށާއި އިތުރު ކަންތައްތައް ކުރަން ގަސްދުކުރާ ކަމަށެވެ.
"މިހާރު އަމަލުކުރަމުންދާ ގާނޫނީ ނިޒާމުގެ ތެރޭގައި ވެސް ބުލީ ކުރުމާ ގުޅޭ ކަންކަމަށް ފިޔަވަޅު އެޅުމަށް ވަނީ ފަހިވެފައި،" ރައީސް ވިދާޅުވި އެވެ.
އެގޮތުން، 2024ގައި ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހުގައި ސައިބާ ވަޔަލަންސަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާކަމަށާއި އޭގެ ތެރޭ ސައިބާ ސްޓޯކިންގެ އަމަލުވެސް ވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިކަން އިތުރަށް ގާނޫނީ ނިޒާމުގެ ތެރެއިން ހުއްޓުވުމަށްޓަކާ އަދި ޕްރެވެންޓިވް އެކި މެޝާސްތައް ލުމަށްޓަކާ އަދި މިފަދަ އެކި އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމާ ގުޅޭ ހާއްސަ ގާނޫނެއް، އެންޓި ބުލީ ގާނޫނެއް ތައާރަފު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށައިފިން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަސައްކަތް ކަމާ ގުޅުން ހުރި ފަންނީ މީހުންނާ އެކު އޭޖީ އޮފީހުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ގާނޫނުގައި ބުލީ ކުރުމުގެ އަމަލުތައް ވަރަށް ސާފުކޮށް ބަޔާންކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މީގެ ތެރޭގައި ސްކޫލުތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި އެތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތް ކުރާ ފަރާތްތައް އަދި ވަޒީފާގެ މާހައުލުގައްޔާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ތަންތަނުން ހިދުމަތް ލިބިގަންނަ މީހުން ހިމެނޭހެން ތަފްސީލުގައި މި ބިލުގައި ފާހަގަކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި އޮންލައިކޮށް ބުލީ ކުރުން ހުއްޓުވުމަށް ވެސް އެކަމަށް ހާއްސަ ބައިތަކެއް އަޅުގަނޑުމެން މި ބިލުގައި ހިމަނާނަން."
ރައީސް ވިދާޅުވީ ސްކޫލުތަކާއި ތައުލީމީ މުވައްސަސާތަކުގައި ބުލީ ކުރުން ހުއްޓުވުމަށް ހާއްސަ ސިޔާސަތުތައް އެކުލަވާލުމާއި ބުލީ ކުރާ ކުދިންނަށް ފިޔަވަޅު އެޅުމަށް ހާއްސަ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. އަދި އެކަން ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށާއި ބުލީއާ ގުޅުން ހުރި ކަންތައް ރަސްމީ މަންހަޖުގައި ހިމަނުއްވާނެކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ބުލީއަށް ހޭލުންތެރިކުރުމާ ގުޅޭ ކަންތައް ވެސް ގާނޫނުގައި ހިމެނުމަށް އެ ބިލުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބުލީ ކުރުން ގާނޫނީ ކުށަކަށް ހަދަން ބިލެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ