ކައިވެނިކުރަން ކައިވެނީގެ ޙަފްލާއަށް ލޯބިވެރިޔާ ނައުމުން އެތަނުން މީހަކު ހޯދައިގެން ކައިވެނިކުރުމުން މާއުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަހުރެންވެސް މީހަކު ދެކެ ލޯބިވީމެވެ. ލޯބިވެގެން 2 އަހަރު އުޅެފައި ކައިވެނިކުރަން ނިންމައި ކައިވެނީގެ ޙަފްލާއަށް ދެމީހުންގެ ޢާއިލާއަށާއި އެކުވެރިންނަށް ދަޢުވަތުދިނީމެވެ. ދަޢުވަތުދިން މީހުންނާއި ކައިވެނިކޮށްދޭ މީހުން ޙަފްލާއަށް ޙާޒިރުވެ ގަޑިއެއްގެއިރު ފާއިތުވިއިރުވެސް ކައިވެނިކުރަން އުޅޭމީހާއަކަށް ނައުދެވެއެވެ.  
އެހިސާބަށް ދިއުމުން 3 ވަނަ ފަހަރަށް ފޯނުކުރީމެވެ. ބުނީ 5 މިނިޓް ތެރޭގައި އެބަ އަންނަކަމަށެވެ. އެވަޤުތު ނުދަންނަ ނަންބަރަކުން ވީޑިއޯ މެސެޖެއް ލިބުނެވެ. އަންނަން އުޅޭމީހާއަށް ނައުދެވިގެން އުޅޭ ސަބަބު އެނގުނެވެ. އޭނާގެ ދެވަނަ ލޯބިވެރިޔާ އޭނާގެ ގެއަށްގޮސް ކައިވެނިކުރަން އައުމަށް ހުރަސް އަޅަނީއެވެ.  
އެވަޤުތު ވަރަށް ބާރަށް ބުނެވުނެވެ. "އަންތބަކު ނެތް، ލޯބިވެރިއަކު ނެތް އެކަނި ހުރި ފިރިހެނަކު މިތަނުގައި ހުރިނަމަ އަހުރެންގެ ކައިވެންޏަށް ބޭނުންނަމަ އެދޭށެވެ. އެމީހަކާއި އަހުރެން މިހުރީ ކައިވެނިކުރާށެވެ." މިބުނެވުނީ ކީކޭކަން ވިސްނުނީވެސް ބުނެވުނުފަހުންނެވެ. ނަމަވެސް ބުނެވުނިތީ ބޭނުންވީ ބުނެވުނު ބަހުގައި ހިފަހައްޓާށެވެ!  
އެހެން ބުނުމުން ވާހަކަދެއްކީ ލޯބިވެރިޔާގެ ޢާއިލާއިންނެވެ. އެދުނީ އަދި އިރުކޮޅަކު މަޑުކޮށްލުމަށެވެ. ބުނީމެވެ. "ނޫނެކެވެ. އިތުރަށް ފަޅި ސިކުންތަކުވެސް މަޑުކުރާކަށް ބޭނުމެއް ނޫނެވެ." އެހެން ބުނެފައި ވީޑިއޯ ދެއްކީމެވެ. އެމީހުން ކުށްވެރިކުރީ ވީޑިއޯ ފޮނުވި ކުއްޖާއެވެ. އެއީ ގޭގައި ގެންގުޅޭ ނޯކަރުކުއްޖާ އުފެއްދި ފިތުނައެއްކަމަށް ބުނުމުން ބުނީމެވެ. "އެހެންވީމާ އޭނާގެ ލޯބިވެރިޔާ އެގެއަށް ގެންގޮސްގެންވެސް އެއުޅެނީ އެކުއްޖާ އުފެއްދި ފިތުނައިގެ ޖާދޫގައިދޯއެވެ! ކަލޭމެންނަކީ މަކަރުވެރި ބައެކެވެ. މިއީ ކަލޭމެންނަށް ނުއެނގި ހިނގަމުން އަންނާނެ ކަމެއް ކަމަކަށްވެސް ޤަބޫލެއް ނުކުރަމެވެ." 
އެހިސާބަށް ވާހަކަ ދިއަތަނާ ޒުވާނަކު އައިސް ބުންޏެވެ. "ޢާރިފާ އެހެން ބުނީ ޤަޞްދުގައި ކަމަށްވާނަމަ އަހުރެން މިހުރީ ކުރިމަތިލާށެވެ!" ބަލައިލިއިރު އެއީ ސްކޫލްގައި އެކުގައި އުޅުނު ކުއްޖެކެވެ. ސްކޫލް ނިމުނުފަހުން ބައްދަލެއް ނުވެއެވެ. އެކަމަކުވެސް ބައްޕައަށް ބުނީމެވެ. "ބައްޕާއެވެ. ކިޔާފައި އޮތް ރަން ކަނޑައިފީމެވެ. މި ޒުވާނާ އާއި ކައިވެނިކޮށްދޭށެވެ. މިތަނުން ނުކުންނަން ބޭނުމީ ކައިވެނިކޮށްގެންނެވެ."  
ބައްޕަ އެވަޤުތު އަހުރެންނަށް ހަމްދަރުދީވިއެވެ. ކައިވެނިކޮށްދޭން އައިސް ތިބި މީހުންނާއި ވާހަކަދައްކައިގެން ކަންކަން ހަމަޖެއްސިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކައިވެނިކުރެވި ޙަފްލާ ބޭއްވި މަޤްޞަދު ޙާޞިލްކުރެވުނެވެ. ތަފާތުވީ ކައިވެނިކުރެވުނު މީހާއެވެ. ލިބުނު ފިރިމީހާއެވެ.  
ދެން ލިބުނު ތަފާތަކީ ކުރިން ކައިވެނިކުރަން އުޅެވުނު މީހާއަކީ ވަޒީފާއަދާކުރާ މުވައްޒިފަކަށްވެފައި ކައިވެނި ކުރެވުނީ އަމިއްލަ ވިޔަފާރިކުރާ މީހަކު ކަމެވެ. އެކަންވެސް އެނގުނީ ކައިވެނިކުރިފަހުންނެވެ. އޭނާ ބުނީ ސްކޫލުގައި އުޅުނުއިރުވެސް ލޯބިވާކަމަށާއި އެއިރު ތަނަވަސްކަމެއް ނެތުމުން ބުނަން ނުކެރުނީ ކަމަށެވެ.  
ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. އޭނާވީ އަހުރެންނަށް ވަރަށް ހެޔޮ ތެދުވެރި ފިރިއަކަށެވެ. އެހެންވެ ކުރީގެ ލޯބިވެރިޔާގެ ހަނދާންތަކާއި ދުރުވުމަކީ އެއްވެސް އުނދަގޫ ކަމަކަށް ނުވިއެވެ. އަދި ފިރިމީހާ ދެކެ ލޯބިވުމަކީ އުނދަގޫކަމަކަށްވެސް ނުވިއެވެ.  
އަހުރެން މިވާހަކަ މިލިޔަނީ ދެމީހުންގެ ކައިވެނީގައި އުފާވެރި 20 އަހަރު ފާއިތުވުން ފާހަގަކުރުމަށެވެ. ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް ބުނެލަން ބޭނުންވަނީ ލޯބިނުވެހުރެ މީހަކާ ކައިވެނިކުރަންޖެހުނަސް ކަންބޮޑުނުވާށެވެ! އެއީ ރަނގަޅު މީހަކުނަމަ ވަޤުތުން ލޯބި އުފެދެން ފަށާނެއެވެ. އަދި ދުވަހެއް ދުވަހަކަށް ދާނީވެސް އިތުރުވަމުންނެވެ.  
ދެން ބުނެލަން ބޭނުންވަނީ ޒުވާން ނަމަވެސް އަހުރެންނަކީ ތަޤްވާވެރިއެއް ކަމެވެ. ޒުވާނަސް ރޭއަޅުކަންވެސް ކުރަމެވެ. އެހެންވެ އަހުރެންނަށް ލިބެން އުޅުނު މަކަރުވެރި މީހާ އާއި ކައިވެނިނުކުރެވި ހެޔޮލަފާ މީހަކާ ކައިވެނިކުރެވުނީއެވެ. ﷲ ތަޢާލާ އަހުރެންނަށް ރަނގަޅު ގޮތް މިންވަރުކުރެއްވެވީއެވެ. ހުރިހާ އަންހެނުންވެސް އަދި ފިރިހެނުންވެސް ތަޤްވާވެރިވާށެވެ! ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ  
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ. މިއަދުނޫހުގައި ލިޔާ ލިޔުންތަކާއި ވަރަށް ގުޅުންހުރި ޙާދިސާއެކެވެ. އުންމީދުކުރަނީ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.
 
- ޝަހުޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ