ޒުވާން އެކްޓިވިސްޓެކެވެ. މި ސަރުކާރުގެ ސިޔާސަތުތަކާ އޭނާ ނުރުހެ އެވެ. ސިޔާސީ ރުޅީގައި އޭނާ ކުރީ ޕޯސްޓެކެވެ. އޭގައި ވަނީ "ކަރްކް އެޗް*އެމް" އެވެ. އެމެރިކާގެ ޗާލީ ކަރްކް އަވަހާރަކޮށްލުމާ ގުޅުވީ ފުލުހުންނެވެ. އެއިން ރައީސުލްޖުމްހޫރިއްޔާ އަވާހަރަކޮށްލަން ގޮވާލީ ކަމަށް ބެލެވިގެންނެވެ. އެފަދަ ކުށެއް ހިންގަފާނެ ކަމަށް ފުލުހުންނަށް ފެނިގެންނެވެ. މި ތުހުމަތުގައި ފުލުހުން އެދުނީ އޭނާގެ ފޯނުން ހެކި ގަރީނާ ހޯދުމަށް ފޯނު ހިފެހެއްޓުމަށެވެ.
އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި ފަސް ދުވަހު ބޭއްވި އެވެ.
އެ ފަސް ދުވަހުގެ ތެރޭގައި ހިނގި އެއް ކަމަކީ ޒުވާނާގެ ޒާތީ ފޮޓޯއެއް ލީކުވުމެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު އޮތް ވަގުތު ހިނގި ކަމަކަށް ވާތީ، އޭރު ވެސް ތުހުމަތު އިނގިލި ދިއްކުރީ ފުލުހުންނަށެވެ. ފޯނު އަނބުރާ ހަވާލުކޮށް ބެލިއިރު އެ ތުހުމަތަށް ބާރު ލިބޭ ގޮތަށް ފުލުހުން ވަނީ އަމަލުކޮށްފަ އެވެ. 'ގޫގްލް ފޮޓޯސް' އެޕްލިކޭޝަންއަށް އެކްސެސްވެގެން 33 މިނެޓް ފުލުހުން ހޭދަކޮށްފައިވާކަން، ފޯނުގެ ބެޓެރީ ޔުސޭޖް އެކްޓިވިޓީސްތަކުން ހާމަވި އެވެ.
މިއީ ގޯހެެކެވެ. ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރެވިގެން ވާނެ ކަމެއް ވެސް ނޫނެވެ. އޭނާއަށް ކުރި ތުހުމަތަށް ފޯނު ބެލި ނަމަވެސް، ފޮޓޯތައް ބަލަން ޖެހޭ ސަބަބެއް ނުވިސްނެ އެވެ. މި ކަހަލަ ކަންކަން ހިނގާތީ ގަނޫނީ ބައެއް ވަކީލުންގެ ނަޒަރުގައި ފުލުހުން ކޮންމެ ކަމެއްގައި އިލެކްޓްރޯނިކް ޑިވައިސްތައް ހިފެހެއްޓުމުގެ އާދައިން ދުރުހެލިވާން ޖެހެ އެވެ.
"އިލެކްޓްރޯނިކް ޑިވައިސް ހިފަހައްޓާ ކޮންމެ ފަހަރަކު ވެސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އެބަ ލިބޭ، ހެކި އުފައްދައިގެން ވިއަސް. އެހެންވެ އާއި އެ ނޫން ވެސް ބޮޑެތި ސަބަބުތަަކަށްޓަަކައި ފުލުހުން އެބަ ޖެހޭ މި އާދަ ދޫކޮށްލަން. މިއީ ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން،" ގާނޫނީ ވަކީލެއް ކަމަށްވާ ހަމްޒާ ލަތީފް ލިއުއްވި އެވެ.
ފޯނު، ލެޕްޓޮޕް، ޕެންޑްރައިވް ފަދަ ސްޓޯރޭޖްތައް ވެސް ހިމެނޭ ގޮތަށް އެއްވެސް ޒާތެއްގެ އިލެކްޓްރޯނިކް ޑިވައިސްއަކުން ހެކި ހޯދުމަށް ފުލުހުން ހިންގަން ޖެހޭ އިޖުރާއަތެއް އޮވެ އެވެ. ވަރަށް ހަރުކަށި ސްޓެންޑަޑް އޮޕަރޭޓިކް ޕްރޮސީޖާ (އެސްއޯޕީ) އެއް އޮވެ އެވެ. އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ފަދަ އިޖުރާއަތެކެވެ.
ފުރަތަމަ ކަމަކަށް ކޯޓު އަމުރާ އެކު ފުލުހުން ފޯނެއް ހިފަހައްޓާ ނަމަ ފޯނުގެ ވެރިފަރާތުގެ ކުރިމަތީގައި އެއާޕްލޭން މޯޑްއަށް ފޯނު ލާން ޖެހޭނެ އެވެ. އަދި 'ފަރަޑޭ ބޭގް'އަަކަށް ފޯނު ލަ އެވެ. އެއީ އެއްވެސް ޒާތެއްގެ ސިގްނަލް އާއި ނެޓްވޯކް ނުލިބޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗެކެވެ. މީގެ ބޭނުމަކީ ފޯނު ހިފެހެއްޓުމަށް ފަހު އޭގެ އެއްވެސް ޑޭޓާއަކަށް ބަދަލެއް ނާންނެ ކަމުގެ ޔަގީންކަން ބޭއްވުމެވެ. އަދި ހެކީގެ ރައްކާތެރިކަމާއި ކަށަވަރުކަން ވެސް ބޭއްވުމެވެ.
އޭގެ ފަހުގައި ފުލުހުން ފޯނުގައި ރައްކާކޮށްފައިވާ ޑޭޓާތައް ބަލަނީ އެ ޑިވައިސް ހުޅުވައިގެން ފަހަރަކު އެޕްލިކޭޝަންއަކަށް އެކްސެސްވެގެން ބަލައިގެން ފޯނު އިންސްޕެކްޓްކޮށްގެނެއް ނޫނެވެ.
ފަރަޑޭ ބޭގްއާ އެކު ފުލުހުން ހަވާލުކުރަން ޖެހޭނީ ފޮރެންސިކް ލެބޯރެޓަރީއާ އެވެ. އެ ތަނުން އެ ޑިވައިސް ސްޓޯރޭޖްގެ ބިޓް-ބައި-ބިޓް ކޮޕީ (ކްލޯން) ފޮޓޯއެއް އުފައްދަ އެވެ. އެއީ މުޅި ފޯނުގެ އިމޭޖްއެކެވެ.
މިކަން ކުރަނީ އެކަން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ސޮފްޓްވެއާތަކުގެ އެހީގަ އެވެ. ސެލެބްރައިޓް، އޮކްސިޖަން ފޮރެންސިކްސް، އެންކޭސް، މެގްނެޓް އެކްސިއޯމް ފަދަ ހާއްސަ ފޮރެންސިކް ސޮފްޓްވެއާތައް ހުރެ އެވެ. ކްލޯނިން ޕްރޮސެސްގައި ޑިލީޓްކޮށްފައިވާ ފައިލްތަކާއި، މެސެޖްތަކާއި، ފޮޓޯތަކާއި، މެޓަޑޭޓާ ފަދަ ހުރިހާ ޑޭޓާއެއް ވެސް ނަކަލު ކުރާނެ އެވެ.
އޭގެ ފަހުގައި ފުލުހުން ބޭނުންވާ، ތުހުމަތުކުރާ މައްސަލައަށް ބޭނުންވާ ހެކި ހޯދާނީ ވެސް ލެބުންނެވެ. ލެބުން ފޯނު ތަހުލީލުކުރުމަށް ފަހު، ތުހުމަތަށް ބާރު ލިބޭ ޑޭޓާތަކުގެ ރިޕޯޓެއް ތައްޔާރުކުރާނެ އެވެ. މައްސަލަ ތަހުގީގުކުރާ އޮފިސަރުންނާ ހަވާލުކުރާނީ ތުހުމަތަށް ބާރު ލިބޭ ޑޭޓާތައް އެކަނި ނަކަލުކޮށްފައިވާ ރިޕޯޓްތަކެވެ.
ފުރަތަމަ ދޭ ރިޕޯޓްގައި ފުލުހުން އެދޭ ފަދަ ކަމެއް ނެތް ނަމަ، ވަކި އެޕްލިކޭޝަންތަކުން ކޮށްފައިވާ މެސެޖުތަކާއި އެކި ފޮޓޯތަކާއި ވީޑިއޯ ހޯދަން ވެސް ތަހުގީގުކުރާ ފުލުހުން އެދެން ޖެހޭނީ ލެބްގަ އެވެ. ދެން އަނެއްކާވެސް މި ބުނާ ތަހުލީލުގެ މަސައްކަތްކުރާނީ ފޯނުގެ ކްލޯން އިމޭޖްއަށް ބަލައިގެން، ލެބުންނެވެ.
ދިވެހި ފުލުހުން ވެސް މި 'ޗެއިން އޮފް ކަސްޓަޑީ' ރޫޅާލުމެއް ނެތި ކުރިއަށް ގެންގޮސްގެން ހެކި ގަރީނާ ހޯދިކަން ޝަރީއަތުގައި ވެސް ޔަގީންކުރެ އެވެ. ޑިވައިސް ހިފެހެއްޓި ފުލުސް އޮފިސަރާއި، ލެބުން ހަވާލުވި އޮފިސަރުގެ ހެކިބަސް ހޯދަ އެވެ. ތަހުލީލުކުރި މީހާގެ ގާބިލްކަން ވެސް ބަލަ އެވެ. ބޭނުމަކީ ހެކީގެ ކަށަވަރުކަން ހޯދުމެވެ. އެ ޑޭޓާއަކީ އުފެއްދި އެއްޗެއް ނޫންކަން ޔަގީންކުރުމެވެ.
'ދައުރު'އާ ވާހަކަދައްކަވަމުން ހަމްޒާ ވިދާޅުވީ ފޯނު ހުޅުވައިގެން އެޕްލިކޭޝަންތަކަށް އެކްސެސްކޮށްފައިވާ ނަމަ ފުލުހުން އެ ވަނީ އެ މީހުންގެ އެތެރޭގެ އުސޫލުތަކާ ހިލާފުވެފަ އެވެ.
"އަޅުގަނޑަކަށް ނޭނގެ ދޮގު ތެދެއް. އެކަމަކު އެއްވެސް ފުލުހަކު، ފޯނެއް ހިފެހެއްޓުމަށް ފަހު އޭގެ ލޮކްކޯޑު ޖަހާފައި ފިޒިކަލީ އެ ފޯނު ތެރެ ބަލާފައި އޮތިއްޔާ، ތިއީ ވަރަށް ބޮޑު ގޯހެއް. އެ ގޮތަށް ހުޅުވައިގެން އުޅޭ އުޅުމުގައި އެ ހޯދާ އެއްޗަކީ [ޝަރީއަތަކުން ގަބޫލުކުރާނެ] އެވިޑެންސްއެއް ވެސް ނޫން،" ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހަމްޒާ ވިދާޅުވި އެވެ.
އެއީ ފުލުހުންގެ ތެރެއިންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅޭނެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސްކޮންޑަޓްކްޓްއެއް އެއީ. ފުލުހުންގެ އެއްވެސް އުސޫލަކާ ހިލާފުވިއްޔާ ފުލުހުންގެ އިންޓާނަލް އިންވެސްޓިގޭޝަން [ޕްރޮފެޝަނަލް ސްޓެންޑަޑް]އިން ބަލަން ހުށަހެޅޭނެ. އަދި ފުލުހަށް އިތުބާރު ނެތިއްޔާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް ވެސް ގޮސް ހުށަހެޅޭނެ،" ހަމްޒާ ވިދާޅުވި އެވެ.
ފުލުހުންގެ އެތެރޭގައި އަމަލުކުރަމުންދާ އުސޫލު، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައި ހިމަނާފައެއް ނުވެ އެވެ. ފުލުހުން މިފަދަ މައްސަލަތަކުގައި ރަނގަޅަށް އަމަލުކުރުމުގެ ޔަގީންކަން ހޯދަން އެ ގަވާއިދަށް މި ކަން ހިމެނުން ބޭނުންތެރި އެވެ.
ނަމަވެސް މި ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލުން ގަބޫލުކުރައްވާ ގޮތުގައި މީގެ އެންމެ ބޮޑު މައްސަލައަކީ އެހާ ފަސޭހައިން ފޯނު ހިފެހެއްޓުމުގެ އަމުރު ކޯޓުތަކުން ދޫކުރާ ފަދަ އާދަކާދައެއް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އަށަގަނެފައިވުމެވެ.
"އައި ބްލޭމް ދަ ކޯޓްސް [މީގައި ގޯހީ ކޯޓުތައް]. މިހާ ފަސޭހައިން ޒާތީ މައުލޫމާތަށް އެކްސެސްވާ ގޮތަށް ކޯޓު އަމުރުތައް ދޫކުރާތީ ގޯހީ. ހަމަ ކުށެއް ކޮށްފައި އޮތްތޯ ބަލަން އުމުރު ދުވަހުގެ ޑޭޓާތަކަށް، ބޭންކް ސްޓޭޓްމަންޓްތައް ދޭން އަމުރުދީފާނެ،" ހަމްޒާ ވިދާޅުވި އެވެ.
ކޯޓު އަމުރަކާ އެކު ނޫނީ މީހުންގެ މުދަލާއި ގެދޮރަށް، ފުލުހުންގެ ތަހުގީގަކަށް ވެސް ނުވަދެވޭ ގޮތަށް ހެދީ ޒާތީ ދިރިއުޅުމަކީ ހައްގަކަށް ވާތީ އެވެ. ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން އެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބެ އެވެ.
ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޮވަތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާސަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކު މެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ އެވެ.
ހަމްޒާ ވިދާޅުވީ މި އުސޫލު ހިންގުމުގައި ކޯޓުތަކުން ވެސް އަމަލުކުރަނީ އެކި ފަހަރު އެކި ގޮތަށް ކަމަށެވެ. ކޯޓު އަމުރަކުން މެނުވީ، އަދި ތަހުގީގަށް ބޭނުންވާ ވަރަށް ނޫނީ ބޭންކް ސްޓޭޓްމަންޓް ވެސް ނުހޯދޭނެ ކަމަށް ކަނޑައަޅާފައި އޮއްވައި ފަހުންފަހުން އައިސް ކޯޓު އަމުރެއް ނެތި ވެސް ބޭންކް ސްޓޭޓްމަންޓް ހޯދިއަސް ކޯޓަށް މައްސަލައަކަށް ނުވާ ކަން ފާހަގަކުރެއްވި އެވެ.
"ގާތްގަނޑަކަށް 2013ގެ ފަހުން ފުލުހުން ހަމަ ބޭންކްތަކަށް ސިޓީބިޓީ ފޮނުވައިގެން ބޭންކް ސްޓޭޓްމަންޓްތައް ހޯދައިގެން ހެކީގެ ގޮތުގައި ހުށަހަޅަން ފަށައިފި. ކޯޓުތަކުން މި ހެކި ބަލައި ވެސް ގަތީ. ރާއްޖޭގެ މައްސަލައަކީ އެއްވެސް ސްޓެންޑަޑެއް ނޯންނާތީ،" ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާގެ އިތުރުން މި ރިޕޯޓަށް ވާހަކަ ދެއްކެވި އެހެން ވަކީލަކު ވެސް ފާހަގަކުރެއްވި ކަމަކީ ޒާތީ ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހެނީ ކޯޓު އަމުރުންނެވެ. ފުރަތަމަ ބަދަލުކުރަން ޖެހޭ ކަމަކީ ކޯޓުތަކުން އެކި ފަހަރު އެކި ގޮތަށް އަމަލުކުރުން ބަދަލުކުރުމެވެ. އަދި ގާނޫނުން އިތުރަށް ތަފްސީލްކުރަންވީ ކަމަކީ ވެސް އެފަދަ އަމުރުތައް ނެރުމުގެ އިޖުރާއަތެވެ.
"ކޯޓުގެ އަމުރުން ޔަގީންކޮށްދޭނީ ޒާތީ ދިރިއުޅުމުގެ ހައްގު. އެއީ ފުލުހުން އަމަލުކުރާ އުސޫލުން ވެސް ހުރިހާ ޑޭޓާއެއް ފުލުހަށް އެބަ ލިބިދޭ. އެކަމަކު ކޯޓު އަމުރުގައި ވަކި ޑޭޓާތަކެއް ހޯދަން އޮތީމަ އޭގެ ރައްކާތެރިކަން ދޭން ފުލުހަށް ވެސް މަޖުބޫރުވާނީ. މީގައި ރަނގަޅުކުރަން ވީ ކޯޓުތަކުން މި އަމުރު ނެރެން އޮންނަ އިޖުރާއަތު،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުގޭގެ ބޭނުމަކީ އެއީ އެވެ. ޖިނާއީ ކުށެއްގެ ތަހުގީގެއް ކުރުމުގެ ނަމުގައި ބަޔެއްގެ ހައްގަށް އަރައިގަންނަން ފުރުސަތު ނުދޭން ވެގެނެވެ. ހަމަ ބޭނުން ކަމެއް ކުރުމުގެ ޖާގަ ނުދޭން އޮންނަ ފަށަލައެއް ގޮތަށެވެ. ނަމަވެސް ހަމްޒާ ވެސް ލިއުއްވާފައިވާ ގޮތަށް، އެ ފަށަލަ މިހާރު ފެންނަނީ ފުލުހުންގެ 'ރަބާ ސްޓޭމްޕެއް' ގޮތަށެވެ.
ފޯނު އަތުލާފައި ބެލީ ފޮޓޯތައް؛ ކުރެވޭނެ ކަމެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ