ފީފާ ރޭންކިން: ރާއްޖޭގެ އަންހެން އަދި ފިރިހެން ފުޓްސަލް ޓީމު ވެސް ދުނިޔޭގެ ގަދަ 100 ގައި

ފީފާއިން މިއަދު އާންމު ކުރި  ފުޓްސަލް ރޭންކިންގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ގައުމީ ޓީމު ވެސް ދުނިޔޭގެ އެންމެ ގަދަ 100 ގެ ތެރޭގައި ހިމެނިއްޖެ އެވެ. 
މި ތާރީހީ ކުރިއެރުމަކީ ރާއްޖެ އަށް ހާއްސަ ކާމިޔާބެކެވެ. މިއީ ފީފާ ވޯލްޑް ރޭންކިން ސިސްޓަމްގައި ރާއްޖޭގެ ޓީމަކަށް ދުނިޔޭގެ ގަދަ 100 ގައި ތެރޭގައި ލައްވާލީ ފުރަތަމަ ފަހަރެވެ. 
ފީފާއިން ފުޓްސަލްގެ ރޭންކިން އެކުލަވާލައި އާންމުކުރަން ފެށީ 2024 ގަ އެވެ. ދެ ޖިންސް ވަކިވަކިން ނެރޭ ރޭންކިގައި ރާއްޖޭގެ ފިރިހެން ޓީމު އޮތީ ދުނިޔޭގެ 99 ވަނައިގަ އެވެ. މި އަހަރު ޖަނުއަރީ މަހު ފުރަތަމަ ފަހަރަށް ފުޓްސަލްގެ އަންހެން ޓީމެއް އެކުލަވާލި ރާއްޖޭން ވަނީ އަންހެން ފުޓްސަލް ރޭންކިންގައި 96 ވަނަ މަގާމު ހޯދާފަ އެވެ.  
ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންކަން މި އަހަރު ހޯދި ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ފީފާ ރޭންކިންގައި ސާފް ސަރަހައްދުގެ އެއްވަނަ މަގާމު ހޯދާފަ އެވެ. 
ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތައް ފިރިހެން ފުޓްސަލްގެ ގަދަ 100 އެއްގައި ހިމެނިފައި ނުވެ އެވެ. ރާއްޖޭން ވަނީ އޭޝިއާ ސަރަހައްދުގެ 24 ވަނަ މަގާމު ވެސް ކަށަވަރުކޮށްފަ އެވެ.
ފިރިހެން ރޭނކިންގައި ރާއްޖޭގެ ވަނީ ކުރިއަރާފައިވާ ބައެއް ގައުމުތައް ކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ތުރުކީ ސްވިޒަލެންޑް އަދި ހޮންކޮން އަށް ވުރެ ކުރިއަށް ޖެހިލާފަ އެވެ. 
އަންހެން ފުޓްސަލް ރޭންކިންގައި ރާއްޖެ ދުނިޔޭގެ 96 ވަނައިގައި އޮތް ނަމަވެސް، ސަރަހައްދީ ފެންވަރުގައި ބޮޑު ވާދަވެރިކަމެއް އެބައޮތެވެ.
އަންހެން ރޭންކިންގައި ސާފް ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ އިންޑިއާ، ބޫޓާން، އަދި ނޭޕާލް ފަދަ ގައުމުތައް ރާއްޖެއަށް ވުރެ ކުރީގައި އޮތް ނަމަވެސް، ރާއްޖޭގެ އަންހެން ޓީމަކީ އޭޝިއާގެ 35 ވަނަ އެވެ.
ގަވާއިދުން މެޗުތައް ކުޅެ، މުބާރާތްތަކުގައި ބައިވެރިވެއްޖެނަމަ ރޭންކިންގައި އިތުރަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އަންހެން ޓީމަށް ވަރަށް ބޮޑަށް އެބައޮތް ކަމަށް ތަޖުރިބާކާރަކު ބުންޏެވެ. 
ކުރިއަރާފައިވާ ބައެއް ގައުމުތައް ކަމަށްވާ ދެކިުނު ކޮރެއާ އާއި ޑެންމާކް، ގަތަރު ސިންގަޕޫރު އަދި އުރުދުން، އަންހެން ރޭންކިން އަށް ހިމެނިފަ އެއް ވެސް ނުވެ އެވެ. 
ރާއްޖޭގެ ފުޓްސަލް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެފްއޭއެމުން ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.
އެގޮތުން ކްލަބް މޯލްޑިވްސް މުބާރާތަކީ ރާއްޖޭގެ ރަސްމީ 'ޓޮޕް ޓިއާ' ލީގު ކަމަށް ބަލައިގަނެ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުންދޭ 7،000 ރުފިޔާގެ އިނާޔަތް ފުޓްސަލް ގައުމީ ޓީމަށް ލިބެން މަގުފަހިކުރުމަށް ކްލަބް މޯލްޑިވްސް މުބާރާތުގެ ގަވާއިދުތަކަށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ