މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހދ.އިން 5 މީހަކު ހައްޔަރުކޮށްފި
ހދ. ހަނިމާދުއާއި ފިއްލަދޫގައި އިއްޔެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އަޕާ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ. ފުލުހުން ބުނީ މި ފަސް މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަނުގައި ހަނިމާދޫން ހައްޔަރުކޮށްފައިވަނީ: ހދ. ހަނިމާދޫ، ލޭކޮކާ، އުމުރުން 38 އަހަރުގެ އަބްދުލްއަޒީޒް ހަސަން ކ. ގުރައިދޫ، ގުލްފާމުގޭ، އުމުރުން 21 އަހަރުގެ ޖައިލަމް މުހައްމަދު ކ. ގުރައިދޫ، ނަލަވާ، އުމުރުނއ 23 އަހަރުގެ ހުސައިން ޝާވިން މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެކަކުގެ އަތުން ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.6 ގުރާމު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމާއި ޝާވިން ފަސް ދުވަހަށް ބަންދުކުރުމަށް، އަދި އަބްދުލްއަޒީޒް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި ފިއްލަދޫން ހައްޔަރުކޮށްފައިވަނީ: ހއ. ފިއްލަދޫ، ކެވެލި، އުމުރުން 34 އަހަރުގެ އަހުމަދު ހަލީމް ހއ. ފިއްލަދޫ، ޓާޓާގެ، އުމުރުން 45 އަހަރުގެ މުހައްމަދު ސާދިގު މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަލީމް 15 ދުވަހަށް އަދި މުހައްމަދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ފުލުހުން ބުނީ މި މައްސަލަތައް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ