ކަރަންޓް ބިލް އަބަދުވެސް ތައްޔާރު ކުރަނީ ރީޑީން ނަގައިގެން

ކަރަންޓް ބިލް އަބަދުވެސް ތައްޔާރު ކުރަނީ މީޓަރުގެ ރީޑީންގެ މައްޗަށް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯއިން މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ބުނެ "ދިޔަރެސް" ނޫހުން ރިޕޯޓުކުރި ހަބަރަކާއި ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މި ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ.
‎އެގޮތުން ސްޓެލްކޯ އިން އަބަދުވެސް ކަރަންޓު ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށް ކަމަށާއި މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރަށް ކަމަށް ބުނެފައިވެ އެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ،
"ކޮވިޑް-19 ގެ ޚާއްސަ ޙާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި ގޮތްވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުޞޫލަށް އިޔާދަކުރެވިފަ އެވެ. އެހެންކަމުން، ކޮވިޑް-19ގެ ޚާއްޞަ ޙާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް ޢަމަލުކުރި އުޞޫލަށް މިހާރުވެސް ރީޑިންގ ނަގާކަމަށް މި ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަޤީޤަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް މިކުންފުނިން ދެކެމެވެ." އެ ބަޔާނުގައިވެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ކަމަށާއި ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ސްޓެލްކޯގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ