ޖަލުން އަންނަ ސްކޭމް ކޯލްތައް ހުއްޓުވޭނީ ޚިދުމަތްދޭ ފަރާތްތައް ޒިންމާދާރު ކޮށްގެން: އިމްރާން

ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޮބައިލް ފޯނު ބޭނުންކޮށްގެން ހިންގާ އެކިއެކި ކުށްތައް ހުއްޓުވޭނީ މޯބައިލް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޒިންމާދާރު ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ލިޔުމުން ޖަވާބު ހޯއްދަވަން ސުވާލު ކުރެއްވުމުން ފޮނުއްވި ޖަވާބުގައެވެ. މެމްބަރު ވަނީ ޖަލުގެ ގޮޅިތަކަށް ސިއްރުން މޯބައިލް ވައްދައިގެން އެކިއެކި ބޭންކުތަކާއި އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި އާންމު ރައްޔިތުންނަށް އޮޅުވާލައިގެން "ފައިސާ ފޭރޭ ކޯލްސެންޓަރު" ހިންގަން ބޭނުން ކުރާ ނަންބަރުތައް ދެނެގަނެވޭނެ އެންޓަނާ ހަރުކުރިތޯ އައްސަވައިފައެވެ. އަދި، އެފަދަ މައުލޫމާތުތައް ލިބެން ހުރި ނަމަވެސް އެ މައުލޫމާތު ތަހުގީގީ އިދާރާތަކާ ހިއްސާ ނުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށް، އެ އަމަލުތައް ހުއްޓުވަން ކޮށްފައިވާ މަސައްކަތުގެ ތަފްސީލް ހޯއްދަވަން އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުން މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ ފޯނުތަކުގެ މައުލޫމާތު ލިބޭނެ އެންޓަނާއެއް ހަރުކޮށްފައިވާ ކަމަށެވެ. މި އަހަރުގެ މިހާތަނަށް ޖަލުގައި ބޭނުންކުރި 431 ނަމްބަރެއް ބްލޮކްކޮށް، 365 އައިއެމްއީއައި ބްލެކްލިސްޓްކޮށް 10 އައިޕީ އާއި 12 ވެބްސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށާއި، ޖަލުތެރޭގައި އެފަދަ ކަންކަން ކުރާ ކަމަށް ފާހަގަ ކުރެވޭ ގައިދީންގެ ގޮޅިތައް ރެއިޑްކޮށް، މުވާސަލާތީ ވަސީލަތްތައް އަތުލައިގަނެ އެ ގައިދީން އެކަހެރި ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެންޓަނާތަކަށް ނެގޭ މައުލޫމާތު ރައްކާ ކުރެވިފައި ހުންނަނީ މޯބައިލް ސާވިސް ޕްރޮވައިޑަރުންގެ އަތުގައި ކަމުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާ ކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ. އެ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތައް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުން ނުދާތީ އާއި ފޯރުކޮށްދޭ މައުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން އެކަމުގެ ސަބަބުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާކަން ފާހަގަކޮށް، އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާ ކުރުން ލާޒިމްވާ ފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިންމު ކަމުގައި ދެކެމެވެ. މިނިސްޓަރު އިމްރާން އަބްދުﷲ އެގޮތުން، ޚިދުމަތް މެދުކަނޑާލަން އެދޭ ބައެއް ނަމްބަރުތައް މެދުކަނޑާލުން ލަސްވުމާއި، އެއް ބައެއްގެ ނަމުގައި ގިނަ އަދަދަކަށް ސިމް ދޫކޮށްފައިވުމާއި، އައިޑީ ކާޑެއްގެ ކޮޕީއެއް ހުށަހެޅުމުން އެކޮޕީއަށް ގިނަ އަދަދަކަށް މޮބައިލް ނަމްބަރު ދޫކޮށްފައިވުމާއި، ބިދޭސީއެއްގެ ޕާސްޕޯޓް ނަމްބަރު ބޭނުންކޮށްގެން އެކި ނަންނަމުގައި ސިމް ކާޑު ރަޖިސްޓްރީކޮށްދީފައި ހުރުމާއި އެއްވެސް ވަރަކަށް ރަޖިސްޓްރީ ނުކޮށް ހުންނަ ނަމްބަރުތައް ބޭނުން ކުރަމުން ދިޔުމަކީ ކަންބޮޑުވުން ހުރި މައްސަލަތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަދަލު ގެންނަން ޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލު ގެންނަ ކަމަށާއި، ކުރިއަށް ދެ ތިން މަސް ދުވަހުގެ ތެރޭ އެ ކަންކަމުގެ ނަތީޖާ ފެނިގެން ދާނެ ކަމަށެވެ. "ގޮންޖެހުން އެބަ ހުރި ނަމަވެސް އެކަންކަން ހައްލު ކުރަމުން މި އަންނަނީ. ބައެއް ކަންކަން މިހާރުވެސް ހައްލު ވެފަ އެބަ ހުރި." އިލްޔާސް ވިދާޅުވިއެވެ. ޖަލުތަކަށް ސިއްރުން ފޯނު ވައްދައިގެން ހިންގާ ސްކޭމް ކޯލްތަކުގެ މައްސަލަތައް ފެންމަތިވެފައިވާތާ އެތައް ދުވަސްތަކެއް ވޭތުވެގެން ގޮސްފައި ވާއިރު މިއީ އާންމުންގެ ކަންބޮޑުވުންވެސް ހިމެނޭ މައްސަލައެކެވެ. މިފަދަ ސްކޭމްތަކުގައި އެތައް ބައެއްގެ ބޭންކު އެކައުންޓުތަކުން ފައިސާވެސް ގެއްލިފައި އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ