ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރި ޑްރެޖަރު ސަރުކާރުން ފައިސާ ނުދޭތީ މަސައްކަތް ހުއްޓައިލުމަށްފަހު ހިނގައްޖެ އެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ސެޕްޓެމްބަރު 3، 2024 ގައި ސަރުކާރުން ހަވާލު ކުރީ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާއި ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް މޯހަން މުތާއިން ކުރަމުން ދިޔައީ ނެދާލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް ކިޔާ ކުންފުންޏެއްގެ ޑްރެޖަރެއް ބޭނުން ކޮށްގެންނެވެ. ވެން އޫޑްގެ ޑްރެޖަރަށް ދޭންވާ ފައިސާ މޯހަން މުތާއިން ދީފައި ނުވަނީ ސަރުކާރުން މޯހަން މުތާއަށް ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް އެނގިފައިވެ އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަދެއްކި ސަރުކާރުގެ ބައެއް އޮފިޝަލުން ބުނީ އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ފައިސާ ދޫކުރުން އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދަނީ، ދޭންޖެހޭ ފައިސާ ދޫކޮށް އެތަން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭތޯ މަސައްކަތަ ކުރަމުން ދަނީ،" ސަރުކާރުގެ އޮފިޝަލް ބުންޏެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ސެޕްޓެމްބަރު 18، 2023 ގަ އެވެ. އެ މަސައްކަތް އޭރި ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.
ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އާއި ހުޅުމާލެއިން 70 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިގު މުއްދަތަށް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާ ނިންމަން ކަނޑައެޅި އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ %2.5 އެވެ.
ސީއެމްސީސީ އާއެކު ހެދި އެއްބަސްވުން ބާތިލުކުރުމަށްފަހު އެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލޯނެއް ނަގައިގެންނެވެ. ނަމަވެސް އެ ލޯނާ ބެހޭ އެއްވެސް މައުލޫމާތެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ނަގާ ލޯނުގެ އަދަދު ކަށަވަރު ނުވިޔަސް ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެންވެސް ހަރުދުވާނެ،" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އެހެންކަމުން މި މަޝްރޫއަށް ނަގާ ލޯނަކީ އެންމެ މަދުން ނަމަވެސް 500 މިލިއަން ޑޮލަރުގެ ލޯނަކަށް ވާނެ އެވެ.
ރަސްމާލެ ހިއްކަން ބޭނުންކުރި ޑްރެޖަރަށް ސަރުކާރުން ފައިސާ ނުދޭތީ ފުރައިފި ރަސްމާލެ ހިއްކަން ބޭނުންކުރި ޑްރެޖަރަށް ސަރުކާރުން ފައިސާ ނުދޭތީ ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ