މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރު އަޑީގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވައި މަޖިލީހަށް ހުށަހެޅި ބިލުގެ ހޫނުވެފައި ވަނިކޮށް ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.
ސަރުކާރުން ގެޒެޓުކުރި އުސޫލުގައި ވާގޮތުން ދައުލަތުން މާލީ އެހީ ދޫކުރާނީ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނު ނުވަތަ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކަށެވެ.
އެގޮތުން ދައުލަތުން ދޫކުރާ މާލީ އެހީ ދޫކުރެވޭނީ އެ މީޑިއާއެއް ރެޖިސްޓްރީވުމަށްފަހު މެދުނުކެނޑި ހިންގާތާ މަދުވެގެން ތިން އަހަރު ފުރިފައިވާ މީޑިއާތަކަށް ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
އެހީގެ ގޮތުގައި ދައުލަތުން މީޑިއާތަކަށް ދޫކުރަން ނިންމާފައި ވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ބަޖެޓުގައި ހިމެނޭ ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓަށްވާ ފައިސާ އެވެ.
ދައުލަތުން އެހީގެ ގޮތުގައި ދޭން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ފައިސާގެ 35 ޕަސެންޓު ބަހަން ނިންމާފައި ވަނީ ބްރޯޑްކާސްޓިން މީޑިއާތަކަށެވެ. ބަކީ 65 ޕަސެންޓު ބަހަން ނިންމާފައި ވަނީ އޮންލައިން އަދި ޕްރިންޓް މީޑިއާތަކަށެވެ.
ދައުލަތުން އެހީގެ ގޮތުގައި ދޫކުރާ ފައިސާ ދޫކުރާނީ އެ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މީޑިއާތަކަށް މިނިސްޓްރީން ދޭ ޕޮއިންޓު 60 ޕޮއިންޓަށްވުރެ މަތިވާ ނަމަ އެވެ. އެއަށްވުރެ މަދުން ޕޮއިންޓު ލިބޭ މީޑިއާތަކަށް އެހީގެ ފައިސާ ދުލެއް ނުކުރާނެ އެވެ. އަދި އިގުރާރެއްގައި ވެސް ސޮއިކުރަން ޖެހެ އެވެ.
އިގުރާރުގައި ސޮއިކޮށް ފައިސާ ލިބުމަށް ފަހުގައި ވެސް، ގާނޫނުއަސާސީ އާއި އެއްވެސް ގާނޫނަކާއި ހިލާފުވެއްޖެ ކަމަށް ދައުލަތުގެ އިދާރާއަކުން އަންގައިފި ހާލަތެއްގައި އިގުރާރު ބާތިލުކުރެވެ އެވެ.
މި އުސޫލުގައި އޮތް ގޮތުން މާލީ އެހީ ނުދޭން ނިންމާ ހާލަތުގައި މައްސަލަ ހުށަހަޅަން ޖެހެނީ މުރާޖައާ ކޮމިޓީއަށެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޓީގައި ތިބެން ޖެހެނީ ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލާއި މީޑިއާތަކުން އައްޔަނުކުރާ މެންބަރެކެވެ.
މީޑިއާތަކަށް މާލީ އެހީ ދޭ އުސޫލު ސަރުކާރުން އާންމުކޮށްފައި މިވަނީ މިނިވަން މީޑިއާ ހުއްޓުވުމުގެ ބިލެއް މަޖިލީހަށް މިއަދު ހުށަހެޅުމުން އެކަމާ ދެކޮޅަށް ނޫސްވެރިން މަޖިލީހުގައި އިހުތިޖާޖެއް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މަޖިލީހުގެ މިއަދުގެ އެޖެންޑާގައި އޮތީ މީޑިއާ ނެތިކޮށްލާ ބިލު ބަލައިގަނެ، އެ ބިލަށް ބަހުސް ކުރުން ވެސް ހިމަނައިފަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލީ ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކުރުމުންނެވެ. އެ އިހުތިޖާޖުގައި "އަދަދު" އާއި "މިހާރު" އާއި "ދައުރު" ގެ ނޫސްވެރިން ބައިވެރިވި އެވެ.
މީޑީއާ ނައްތާލާ ބިލުގެ މައްސަލަ ހޫނުވެފައި ވަނިކޮށް މީޑިއާތަކަށް ސަރުކާރުން މާލީ އެހީ ދޭ އުސޫލު އާންމުކޮށްފި މީޑީއާ ނައްތާލާ ބިލުގެ މައްސަލަ ހޫނުވެފައި ވަނިކޮށް މީޑިއާތަކަށް ސަރުކާރުން މާލީ އެހީ ދޭ އުސޫލު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ