ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މެދު ރާއްޖޭގެ ރަށްތަކަށް މިރެއާއި މާދަމާވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށްވެސް ވިއްސާރަވާނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ. އަދި ވިލާގަނޑުގައި 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެތީ ޑިޒާސްޓާ އޮތޯރިޓީން ވަނީ ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ރައްކާތެރިވުމަށާއި ކަނޑުމައްޗަށް ނުކުންނައިރު ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯއާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުމަށްވެސް އެދިފައިވެއެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވެފައި، ކަނޑު ގަދަވާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ