ގާސިމް އިނދަޖައްސާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން: އިމްރާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދެކޮޅަށް މިއަދު ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ އެމަނިކުފާނު ހަލާކުކޮށް އިނދަޖައްސާލުމަށް ކުރަމުން ގެންދާކަމެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
މިރޭ ވީޓީވީން ގެނެސްދިން ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ މިސަރުކާރު ގެނައުމަށް އެންމެ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރެއްވި ގާސިމް އިބްރާހިމާއި މެދު ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށާ ގާސިމްއާއި މެދު ސަރުކާރުން އަނިޔާވެރިނުވާ ކަމަށް ނުބުނެވޭނެ ކަމަށެވެ.
ގާސިމްއާއި މެދު މިއަދު އަމަލުކުރަމުންދާ ގޮތުން އެމަނިކުފާނުގެ މުވައްޒިފުންގެ ގޮތުގައި ތިބި އެތައްހާސް ބަޔަކާއި، އެމަނިކުފާނުގެ އެހީތެރިކަން ލިބޭ އެތައް ހާސް ރައްޔިތަކަށް އެދެވެނީ ވަރަށް ބޮޑު ގެއްލުމެއް ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާސިމަށް އަނިޔާވެރިވަނީ އެމަނިކުފާނު މުޅިން އިނދަޖައްސާލާ ހަލާކުކޮށްލުމުގެ ބޭނުމުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެދުވަހު ގާސިމް އިބްރާހިމްގެ ވައިގެ ބަދަރު ބަދަލްވެދާނެ އިންޓަނޭޝަނަލް އެއާޕޯޓަކަށް. އަނެއްދުވަހު ބަދަލްވެދާނެ ޑޮމެސްޓިކަށް. މިކަންކަމަށް ބަލާލުމުން އިނގޭ ދެއްތޯ މިއީ އިންސާފް ނޫންކަން. ގާސިމަށް އަނިޔާވެރިވަނީ ނުހައްްގުން" އިމްރާން ވިދާޅުވި އެވެ.
މި ޕްރޮގްރާމްގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ޝަރީއަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ޝައިޚް އިމްރާން ވިދާޅުވީ ނާޒިމް ފްރޭމް ކުރައްވާފައިވާ ކަމަށް ވިދާޅުވަނީ އެމަނިކުފާނާއި ދެކޮޅަށް ކުރައްވާފައިވާ ތުހުމަތުތަކަކީ ނާޒިމް ނުކުރައްވާނެ ކަންތައްތަކެއް ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
ނާޒިމަށް އިންސާފު ލިބުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށާ މިއަދުގެ މިހާލަތުގައި ދިވެހި އެއްވެސް ރައްޔިތަކަށް ފުރިހަމަ ރައްކާތެރިކަން އޮތްކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ނާޒިމްގެ މައްސަލައާއި ގުޅިގެން ސަރުކާރު ޖަވާބުދާރީވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާ އެއީ ސަރުކާރު ޒިންމާވާންޖެހޭނެ ކަމެއް ކަމަށެވެ.
"މި މައްސަލާގައި ސަރުކާރުގެ ތެރެއިން އެއްވެސް ހާސްކަމެއް ނެތް އިނގޭތޯ. ނަމަވެސް މިއީ ސަރުކާރު ޖަވާބުދާރީވާންޖެހޭނެ ކަމެއް. އަދި ޒިންމާވެސް އުފުލަންޖެހޭނެ ކަމެއް." އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށްދާ ގޮތުންވެސް ތަފާތު ވާހަކަތައް ދެއްކުމުގެ ފުރުސަތު އޮތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތްވެސް ކުރިއަށްދާން ޖެހޭނީވެސް އިންސާފާއި ހަމައާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ