"ސްކޫލް ކޮރިޑޯ އެކްޓިވިޓީ" އިފްތިތާހު ކޮށްދެއްވައިފި

"ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާޓީ ބްރޭކްސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލުގައި އިފްތިތާހު ކުރި އެ ހަރަކާތަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓައިނީ ހާޓްސް މޯލްޑިވްސް ފަދަ މުހިންމު ޖަމްއިއްޔާއަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެފަދަ މަސައްކަތްތަކެއް ކުރައްވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ.
އޭގެ އިތުރުން ދަރިވަރުން ކްލާހުން ނުކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮއްލުމުގެ ފުރުސަތު ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއްކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން އިރުޝާދުތަކަށް ތަބާވާން ކުދިންނަށް ދަސްވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އެހަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެހެދުމުގެ ބަދަލުގައި ކޮރިޑޯގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަރިވަރުންނަށް ދަސްވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
ޓައިނީ ހާޓްސް އާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގާޒީ ސްކޫލުގައި ފެށި އަޖުމަބެލުމުގެ އެ ހަރަކާތަކީ މިއަހަރުގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސްކޫލް މާހައުލުގައި ފައިދާހުރި ގޮތެއްގައި ކުދިންގެ ހަރަކާތްތެރިކަން އިތުރުކުރެވޭފަދަ ކަންތައްތަކެއް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ