ސިއްހީ ދާއިރާގެ މައުލޫމާތު ރިޕޯޓްކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ސިއްހީ ދާއިރާގެ މައުލޫމާތު ރިޕޯޓުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ހެލްތު މިނިސްޓްރީ އާއި އިންޓަނޭޝަނަލް ސްޓެޓިސްޓިކަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް ގުޅިގެން މާލޭގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމަކީ ބަލިތަކާއި ބައެއް ބަލިތަކުގައި މީހުން މަރުވާ ސަބަބާ ގުޅޭ ތަފާސްހިސާބުތައް އެއްކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކުލަވާލާފައިވާ މިންގަނޑުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.
ހުކުރު ދުވަހުގެ ރޭ ފެށި މި ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދަޅުވީ ސިއްހީ ދާއިރާގެ މައުލޫމާތު ރިޕޯޓުކުރުމުގެ ފަންނުވެރިކަމަކީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ކިބައިގައިވެސް ހުންނަންޖެހޭނެ ހުނަރެއް ކަމަށެވެ. އަދި ރާއްޖޭގެ ކަންކޮޅުތަކުން ލިބޭ ސިއްހީ މައުލޫމާތުތައް ބެލެހެއްޓުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ހަމަތަކާ އުސޫލުތައް ގެންގުޅުމަކީ މައުލޫމާތުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައިވެސް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ އަލީގައި އެއްކުރެވޭ މައުލޫމާތު ތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ސިއްހީ ނިޒާމުގައި ހިމެނޭ އިންސާނީ ވަސީލަތްތަކާއި ހިދުމަތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވަސީލަތްތަށް ލިބުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަރްވިންދް މާތޫރް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އެހީތެރިވުމަކީ ޑަބްލިއުއެޗްއޯ އަށް ލިބިގެންދާ އުފަލެއް ކަމަށެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަކީ ރަނގަޅު ތަމްރީން ލިބިފައިވާ މީހުންކަމުގައި ވުމަކީ މުހިއްމު ކަމެއް ކަމުގައިވެސް އަރްވިންދް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް ސިއްހީ ދާއިރާގެ ބަސްތަކާއި ބަސްމަގަށް އަހުލުވެރިކުރުމާއެކު ބަލިތަކުގައި މަރުވާން ދިމާވާ ސަބަބު ބައިނަލްއަގްވާމީ މިންގަނޑަކަށް ފައްތާ ޑަބްލިޔޫއެޗްއޯއިން ގަބޫލުކުރާ ފެންވަރަށް ސިއްހީ ތަފާސްހިސާބު ބަލަހައްޓަން ބުނެދޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރުގެ ބޭފުޅުންނާއި އަމިއްލަ ހިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތަށް 60 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ