ލަވައާއި މިއުޒިކު ކުޅެގެން ޣައްޒާއަށް އެހީވާން ފައިސާހޯދުން ހުއްދަ ނުވާނެ: ޝެއިޚް މައުމޫން

ލަވައާއި މިއުޒިކު ކުޅެގެން ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޕެލެސްޓައިން ބުރަދާހުޑް އެސޯސިއޭޝަން ގެ ރައީސް ޝެއިޚް އަހްމަދު މައުމޫން ވިދާޅުވެއްޖެއެވެ.ޣައްޒާއަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓުން އިންތިޒާމް ކޮށްގެން ބޮޑުބެރު ޝޯވް ތަކެއް ބާއްވަމުން ގެންދާ މި ދަނޑިވަޅުގައި ޝެއިޚް މައުމޫން ވިދާޅުވީ، އިސްލާމްދީނަކީ ހުރިހާ ކަމަކަށްވެސް އެންމެ ފުރުހަމައަށް މަގުދައްކާ ދީން ކަމަށާއި، އެދީނުގައި ކުރަން އަންގަވާފައިވާ ކަންތައްތަކާއި ނުކުރުމަށް އަންގަވާފައިވާ ކަންތައްތަކެއް ވާ ކަމަށެވެ.އެ ގޮތުން ލަހުވުގެ ކުޅިވަރުތަކަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންތައްތައް ކަމަށާއި، ހިތާމައެއް ނުވަތަ މުޞީބާތެއް މެދުވެރިވާހިނދު ބެރުދުންމާރި ތާޅަފިލި ޖެހުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއްނޫން ކަމަށް ޝެއިޚް މައުމޫން ވިދާޅުވިއެވެ.އެހެންނަމަވެސް ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ މީހަކު މަރުވެއްޖެނަމަ އެމީހާގެ ޖަނާޒާގައި ލަވަކިޔުމާއި ނެށުމުގެ ޙަރަކާތްތައް ބާއްވާ ކަމަށާއި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމް ޤައުމަކަށްވާ ހިނދު މި ޤައުމުގައި އެފަދަ ކަމަކަށް މަގުފަހި ކުރުވާ ގޮތަށް ކަންތައް ކުރުމަކީ ދީނީ ނަޒަރަކުން ބަލާއިރު އެއްވެސް މާނައެއްގައި ހުއްދަވެގެންވާ ކަމަކަށް ނުވާނެ ކަމަށް ޝެއިޚް މައުމޫން ވިދާޅުވިއެވެ.ލަވައާއި މިއުޒިކު ކުޅެގެން ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ ލޮބުވެތި ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ ހޯދުމަކީ ޙާރާމް ގޮތުގައި ފައިސާ ހޯދުން ކަމަށް ޝެއިޚް މައުމޫން ސިފަ ކުރައްވާފައި ވާއިރު، ޝެއިޚް އާދަމް ޝަމީމް ވެސް ވަނީ މި މައްސަލާގައި މިފަދަ ފަތުވާއެއް ދެއްވާފައެވެ.ޝެއިޚް ޝަމީމްވެސް ވިދާޅުވެފައި ވަނީ ބޮޑުބެރު ޖެހުމާއި ނެށުމާއި ނާޗަރަންގީގެ ތެރެއިން ޣައްޒާ އަށް އެހީވުމަށް ފައިސާ އެއްކުރުން ހުއްދަ ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ