އެފްއޭއެމްގެ ނައިބު ރައީސްކަމުން އަލީ އުމަރު އިސްތިއުފާ ދެއްވައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބު ރައީސްކަމުން، އަލީ އުމަރު އިސްތިއުފާ ދެއްވައިފިއެވެ.
އަލީ އުމަރުގެ އިތުރުން، އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ  ފަސް މެމްބަރަކު ވެސް ވަނީ އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވާފައިވަނީ، ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބް އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި ޓީސީ ސްޕޯޓްސްގެ މެނޭޖަރު މުހައްމަދު އީސަ އާއި ނިއުރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ އަދި އެފްއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުރި އަލީ އުމަރެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެކްސްކޯގެ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދީފިނަމަ، "އިމެޖެންސީކޮމިޓީއެއްގެ" ބެލުމުގެ ދަށުން އަލުން އިންތިހާބެއް ބާއްވަން ޖެހޭނެއެވެ.
އަދި އެފަދަ ކޮމެޓީއެއް ނެތްނަމަ، އިންތިހާބު ބާއްވަން ޖެހޭނީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ ބެލުމުގެ ދަށުންނެވެ.
މަގާމުން އިސްތިއުފާ ދިނުމަށްފަހު، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގުއަށް ފޮނުވާފައިވާ ސިޓީތަކުގައި ވަނީ، އެފްއޭއެމްގެ ބޮޑެތި ނިންމުންތަށް އެކްސްކޯގެ ލަފައަކާ ނުލައި ނިންމަމުންދާ ކަމަށް ބުނެފައެވެ.
އަދި އެފްއޭއެމްގެ މުޅި ސިސްޓަމް ބަދަލުވެފައިވާ ކަމަށާއި، ބައެއ ކްލަބްތަކާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށްވެސް، އިސްތިއުފާ ދެއްވި މެމްބަރުން ވިދާޅުވެފައިވެއެވެ.
އެސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފައިވާއިރު، އެފްއޭއެމްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުގައި ހުންނެވި، ބައްސާމް އަދީލް ޖަލީލު ވަނީ އިއްޔެ  އެ މަގާމުން ވަކިކުރައްވައިފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ