11 ގަޑިއިރު ފަހުން އުލިގަމަށް ކަރަންޓް ލިބިއްޖެ

ހއ.އުލިގަމަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ 128 ކިލޯވޯޓްގެ ޖަނަރޭޓަރު ހަލާކުވެ އެރަށުން ކަރަންޓް ކެނޑުނުތާ 11 ވަރަކަށް ގަޑިއިރު ފަހުން މީގެ އިރުކޮޅެއް ކުރިން ކަރަންޓް ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުލިގަމުން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 11:00 ހާއިރުއެވެ. ކަރަންޓް ލިބުނީ މިރޭ 22:30 ހާއިރުއެވެ.
އުލިގަމުގައި 160 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 128 ކިލޯވޯޓްގެ ޖަނަރޭޓަރެއް ހުރި ނަމަވެސް ކަރަންޓް ދެމުން އައީ 128 ކިލޯވޯޓްގެ ޖަނަރޭޓަރުންނެވެ. އެއީ 160 ކިލޯވޯޓްގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައި ވާތީއެވެ.
އުލިގަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ރަމަޟާން މަހުން ފެށިގެން ކޮންމެ ދުވަހަކު 30 މިނެޓް ނުވަތަ އެއްގަޑިއިރަށް އެރަށުން ކަރަންޓް ކަނޑާލާ ކަމަށެވެ.
މިއަދު ކަރަންޓް ކެނޑުނުތާ ގިނައިރުތަކެއްވީ އިރުވެސް ކަރަންޓް އަނބުރާ ލިބިފައި ނުވާތީ ރަށުގެ ބައެއް ރައްޔިތުން ޖަނަރޭޓަރުގެ ހުންނަ ސަރަހައްދަށް އެއްވިއެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުން ހިނގާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކަރަންޓް ކެނޑުނުއިރު ރަށު ސިއްހީ މަރުކަޒުގައި އޮކްސިޖަން ގުޅައިގެން ބަލި މީހަކަށް ފަރުވާ ދެމުން ވެސް ދިޔައެވެ. ކަރަންޓް ކެނޑުމާއި ގުޅިގެން ފަހުން އޭނާ އަށް ފަރުވާ ދީފައި ވަނީ ކަރަންޓް ބޭނުން ނުކުރާ އޮކްސިން ފުޅިއެއް ބޭނުން ކޮށްގެން ކަމަށް ވެއެވެ.
މިރޭ އުލިގަމަށް ކަރަންޓް ދީފައި ވަނީ 128 ކިލޯވޯޓްގެ ޖަނަރޭޓަރު މަރާމާތު ކޮށްގެންނެވެ. ނަމަވެސް އަދިވެސް ކަރަންޓް ދެވޭ ހާލަތުގައި ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށްވާތީ މިއީ ދާއިމީ ހައްލެއް ނޫން ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ