ކޮންމެ ފަސް ގަޑިއިރެއްގެ ތެރޭގައި މާރާމާރީއެއް!

"އެކިވަރަށް މަންޒަރު ފެނުނު ވަރަށް ގިނަ މީހުންގެ އަޑު އަޅުގަނޑުމެން އަހައިފިން ހުރިހާ އެންމެން ވެސް ބުނޭ ލޭތައް ބިމަށް ފެތުރިފައި ހުއްޓޭ އެތަނުގައި. ވޭވް 125، ކަޅާއި ހުދުގެ ސައިކަލެއް ވެއްޓިފައި އޮތޭ. އެތާނގައި ތިބި ފުލުހުން ބުންޏޭ މީހުން އައީ ދެ ސައިކަލްގައޭ،"
މިއީ މިއަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އަލިކިލޭގެފާނުމަގު މަޖީދީމަގު ޓްރެފިކްލައިޓް ކައިރީ ފަތިސް ގަޑީގައި ހިނގި މާރާމާރީއެއްގައި ޒަހަމް ކޮށްލުމާ ގުޅިގެން މަރުވި އައްޑު އަތޮޅަށް އުފަން އަހުސަން ބަޝީރު، 21، (ބަކްސީ) އަށް ދިން ހަމަލަ އާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަ އެވެ.
މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު ބަޝީރުގެ މަރާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފައި ވަނީ ފަޅުރަށެއްގައި ފިލައިގެން އުޅެނިކޮށެވެ.
ބަޝީރުގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިތާ ހަފްތާއެއް ވީ ދުވަހުގެ އިރު އެރީ ވެސް މަރުގެ ޚަބަރަކައިގެންނެވެ. މީޑިއާތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދީ "ކ. ބަރޮސް ރިސޯޓަށް ފަތިހު ވަގަށް އެރި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން އެކަކު އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ" ކަމަށް ބުނާ ޚަބަރެވެ. މަރުވީ ހއ. ތުރާކުނަށް އުފަން އަލީ ޝާފިއު، 20، އެވެ.
ނަމަވެސް، އޭނާގެ އާއިލާ އާ ގާތް ރަހުމަތްތެރިން ދެކޭ ގޮތް ތަފާތެވެ. ޝާފިއު މަރާލާފައި ވަނީ ބަޔަކު ގަސްތުގައި ކަމަށް އެމީހުން ތުހުމަތުކުރެ އެވެ.
"އޭނަގެ ކަނާތް ފަރާތު ކަންފަތުގައި އިންޗިއެއްހާތަން މަތިން ހުރި ފަސް އިންޗިވަރު ދިގުމިނަށް ފަޅައިގެންގޮސްފައި. ފުއްކިބައިގައި ވެސް ހުރި ބޮޑު ޒަޚަމެއް. ހިނެވިއިރު ވެސް ލޭމަނާނުވެއޭ ބުނީ. ކަނާތު ލޮލަށް ވެސް ލޭއަރައި، އެ ލޯހުރީ ވަރަށް ބޮޑަށް ދުޅަވެފައި. ކޮނޑުންނާއި އަތުގައި ހުރި އެކިތަންތަނުން ނޫފައިގައިންފައި،" ޝާފިއުގެ ގާތް އެކުވެރިޔަކު ކިޔައިދީފައިވެ އެވެ.
"ޝާފިއު މަރުވީކީނޫން. އަހަރެން ބުނާނީ ބޮލުގައި އެއްޗަކުން ޖަހައި މަރައިލައިފައި މޫދަށް އެއްލައިލީއޭ،" ޝާފިއުގެ އެހެން އެކުވެރިއަކު ބުންޏެވެ.
ފުލުހުން ވަނީ، އެނާއާ އެކު ވައްކަން ކުރަން އެ ރިސޯޓަށް އެރި ކަމަށް ތުހުމަތުކުރެވޭ ތިން މީހުންގެ އިތުރުން އެމީހުން ގޮވައިގެން ބަރޮހަށް ދިޔަ ލޯންޗުގައި ތިބި ހަތަރު މީހުން ވެސް ހައްޔަރު ކޮށްފަ އެވެ. މީގެ އިތުރުން ވެސް އެ ލޯންޗު ތެރެއިން ދެ ކަނޑިއާއި ތީރު ޖަހަން ބޭނުން ކުރާ ދުނި ބަޑިއެއް ފުލުހުން ވަނީ ހޯދައިފަ އެވެ.
ބަޝީރުގެ މަރާއި ޝާފިއުގެ މަރުގެ ޚަބަރު މީހުންގެ ހަނދާނުން ފިލައިގެން ނުދަނީސް، މާރާމާރީއެއްގެ ޝިކާރައަކަށްވި އިތުރު ޒުވާނަކު މަރުވި ހަބަރު އޭޕްރިލް 11 ވަނަ ދުވަހު ރައްޔިތުންނާ ބައްދަލުކުރި އެވެ.
މިފަހަރު ހޫރަމުންދާ ވަޅީގެ ޝިކާރައަކަށް ހެދީ ނ. މާޅެންދޫ އަހުމަދު މިރުޒާ 25، އެވެ. ބޮލަށް ލިބުނު ޒަހަމްގައި މިރުޒާ ހޭނާރާ އޮވެ، ދެދުވަސް ފަހުން މަރުވީ އޭނާ ލޯ ހުޅުވާލާނެ ކަމުގެ އުއްމީދުގައި އާއިލާ އާއި ރަހުމަތްތެރިން އުއްމީދުކޮށްކޮށް ތިއްބަ އެވެ. އެ ހަމަލައާ ގުޅިގެން ވެސް ފުލުހުން ފަސް މީހަކު ހައްޔަރުކުރި އެވެ.
މިއީ ހަމައެކަނި މި އަހަރުތެރޭ ކުށުގެ ވެށީގެ ތެރޭ މަރުވި ތިން ޒުވާނުންގެ ވާހަކަ އެވެ. ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެފައިވާ ގޮތުގައި، 2008 ވަނަ އަހަރުގެ ފަހުން މިއަދާ ހަމައަށް މާރާމާރީތަކާ ގުޅިގެން 22 މީހަކު މަރުވެފައިވާ ކަމަށެވެ.
މާރާމާރީ އާއި ގޭންގުކުށްތައް މިހާރު ވަނީ ހީނުކުރާހާ އަދަދަށް ފެތުރިފަ އެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޮންމެ ފަސް ގަޑި އިރެއްގެ ތެރޭ މާރާމާރީ އެއް ހިނގަ އެވެ. އަދި ކޮންމެ 31 މިނިޓެއްގެ ތެރޭގައި ކޮންމެވެސް ބާވަތެއްގެ ކުށެއް ފުލުހުންނަށް ރިޕޯޓު ކުރެ އެވެ.
ދިވެހިން އުއްމީދުނުކުރާ ދަރަޖައަށް ގޭންގުކުށްތަކާއި މާރާމާރީ އިތުރުވެ، މުޅި މުޖުތަމައު މިއަދު ބިރުވެރިކަމެއްގެ ތެރޭ އުޅެންޖެހިފައިވާ އިރު، މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ