ހިދުމަތް ބޭނުންވާ މީހުންނަށް ހިދުމަތް ދިނުމަކީ ވަރަށް މުހިންމު އިންސާނީ މަސައްކަތެއް: މައުމޫން

އެކިއެކި ހިދުމަތްތައް ބޭނުންވާ މީހުންނަށް ހިދުމަތް ދިނުމަކީ ވަރަށް މުހިންމު އިންސާނީ މަސައްކަތެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ) ގެ ފަރާތުން ރޭ ބޭއްވެވި ވެލިއުޒް ކްލެރިފިކޭޝަން އެންޑް އެޓިޓިއުޑް ޓްރާންސްފޮރމޭޝަން ފޯރަމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނަކީ ހިދުމަތުގެ ދީނެއް ކަމުގައި ވެފައިވަނީ، މާތް ﷲ އިސްލާމްދީން ބާވައިލައްވާފައިވަނީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދޭނެ މަގު އިންސާނުންނަށް ދެއްކެވުމަށްޓަކައި ކަމަށްވާއިރު ދުނިޔެއާއި އާހިރަތުގެ ދިންނެވުމާއި ބާއްޖަވެރިކަން ހޯދޭނެ މަގު ދެއްކުމަށްވުރެ ބޮޑު ހިދުމަތެއް އިންސާނަކަށް ނުދެވޭނެތީ ކަަމަށެވެ.
މިގޮތުން ބަލާއިރު، މި އުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މުޅި ތާރީހުގައިވެސް އިންސާނުން ދެކެފައިވާ އެންމެ މާތް އަދި އެންމެ އަގުހުރި ހިދުމަތްތެރި ސާހިބާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާ ދީނަށް ގޮވާލެއްވުމުގައި ގެންގުޅުއްވި މަތިވެރި އުސޫލުތައް އެމަނިކުފާނު ބަޔާންކޮށްދެއްވިއެވެ.
ކީރިތި ގުރްއާނާއި މާތް ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި ހިދުމަތް ލިބިގަތުމަށް އަންނަ އެންމެންނާ މެދުވެސް އަމަލުކުރަންޖެހޭނީ ހަމަހަމަކަމާއެކުގައިކަމަށް ވިދާޅުވިއެވެ.
އަދި ހިދުމަތް ލިބިގަންނަން އަންނަ މީހާގެ ކުލަޔަށް، ނުވަތަ ނަސްލަށް، ނުވަތަ ޖިންސަށް، ނުވަތަ ކަންކަމުގައި އަމަލުކުރާގޮތަށް ބަލާކަށް ނުޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށް މިސާލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވި ޒަކާތް ހައްގުވާ ދަރަނިވެރިޔާވެސް ދަރަނިވެރިވެފައިވަނީ ކިހިނެއްތޯ ބަލާކަށް ނުޖެހޭނެއެވެ. ހަމައެފަދައިން، އެކިއެކި ސިއްހީ ނުވަތަ އެނޫންވެސް ހިދުމަތެއް ހޯދުމަށް އަންނަ މީހާގެ އަމަލުތައް ހުންނަ ގޮތުގެ މައްޗަކަށްވެސް ބަލާކަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.
މިކަން އޮތީ މިހެންނަމަވެސް، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިނުވާ ކަމަކަށް ނުވަތަ ގާނޫނާ ހިލާފު ކަމަކަށް މަގުފަހިކޮށްދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅަށްފަހު ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޝީގެ އެއް ފައުންޑަރު މެންބަރު އަދި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، ޝީގެ ޗެއާޕާރސަން އާސިމް މުހަންމަދާއި، ޝީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި ސާވިސް ޕްރޮވައިޑަރުންގެ ގޮތުގައި ވޮލަންޓިއާ ކުރައްވައިގެން އެމަސައްކަތުގައި އުޅުއްވާ ވަރަށް ގިނަ ޒުވާން ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ