އަތޮޅަށް ހުޅުވާލައިގެން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން ބ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް އަންނަ އަހަރު ބާއްވަން ނިންމައިފި އެވެ.
އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ބާއްވަން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.
ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް އެފްއޭއެމުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަށް ޒޯނުގެ ތެރެއިން އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮފީސް ރަސްމީކޮށް އިފްތިތާހު ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އެފްއޭއެމުން ޒޯންތަކަށް ބަހާލައިގެން ފުޓްބޯޅަ ތަރައްގީކުރަން ނިންމީ ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކާއި ތަމްރީނުތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އަމާޒުހިފައިގެންނެވެ.
އޭދަފުށީގައި އަހަރުގެ ކުރީކޮޅު އޮފީސް ގާއިމްކުރިއިރު ފަސް ކޯޗުންނާއި ރީޖަނަލް ޑިވެލޮޕްމެންޓް އޮފިސަރެއް ވަނީ ހަމަޖައްސައިފަ އެވެ. ހަމަޖެއްސި ފަސް ކޯޗުންނަކީ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަބްދުލްމަޖީދު ހަސަން އާއި އަބްދުލްވާހިދު ހުސައިން އަދި މުހައްމަދު ފާސިރު (ފާއްޓެ)، އިބްރާހީމް ޝަހީދު އަދި ޒައިދު އަލީ އެވެ. ޑިވެލޮޕްމަންޓް އޮފިސަރަކަށް ހަމަޖެއްސީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި އަބަދުވެސް އޭދަފުށީގެ ފުޓްބޯޅައިގައި އަމަލީގޮތުން ހަރަކާތްތެރިވާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.
“އީޓީ” އާ ވާހަކަދައްކަމުން ބައްޓޭ ބުނީ 13 އަހަރުން ދަށުގެ ސްކޫލް ފުޓްބޯޅަ މުބާރާތް ބާއްވަން ނިންމައި އެކަމުގެ މަޝްވަރާތައް ރަށްތަކާއެކު ކުރަމުން އަންނަ ކަމަށެވެ. އަތޮޅުގެ ރަށްތަކުން މި މުބާރާތަށް ރަނގަޅު ސަޕޯޓެއް ލިބެމުން އަންނަކަމަށްވެސް ބައްޓޭ ބުންޏެވެ.
އޭދަފުށީގެ އިތުރުން ޑިވެލޮޕްމަންޓް އޮފީސް ހުންނަ އެހެން ރަށްތަކުގައި ވެސް މި މުބާރާތް ބާއްވަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މުޅި އަހަރަށް ބަހާލައިގެން އެކި އަތޮޅުތަކުގައި މި މުބާރާތް ބާއްވާނީ އެޑިއުކޭޝަންގެ ކަލަންޑަރާއި އެފްއޭއެމްގެ ކަލަންޑަރުގައި ވެސް ހިމަނައިގެންނެވެ.
މި މުބާރާތް ބ. އަތޮޅުގައި ޖޫން މަހަށް ޝެޑިއުލްކުރި ނަމަވެސް އަދި ތާރީހް ފައިނަލެއް ނުވެ އެވެ. ބައްޓޭ ބުނީ އަންނަ އަހަރުގެ ބާއްވާ މި މުބާރާތަށް ފަހު އަމާޒަކީ ދެމެހެއްޓެނިވި ގޮތަކަށް ކޮންމެ އަހަރަކު ވެސް މި މުބާރާތް އޭދަފުށީގައި ކުރިއަށްގެންދިއުން ކަމަށެވެ.
“އަށް ވަރަކަށް ރަށުން އިނީ ޝައުގުވެރިކަން ފާޅުކޮށްފަ. އެޑިއުކޭޝަން ކަލަންޑަރަށް ވެސް ލާފަ. އެފްއޭއެމުން ރަށްތަކަށް ބޭނުންވާ އެހީތެރިކަމަށް އެއްބާރުލުންދޭނެ. މިއީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ ކަމެއް. ކޮންމެ އަހަރަކު ވެސް ބޭއްވުން އަމާޒަކީ. މިކޮޅުގައި މުބާރާތް އޮންނާނީ ޖޫން މަހު” ބައްޓޭ ބުންޏެވެ.
އޭދަފުށީގައި ފެށި ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އެކި އުމުރުފުރާތަކުގެ ކުދިންނަށް ތަމްރީނު ދިނުމުގެ މަސައްކަތްތައް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ކޮށްފަ އެވެ. އަދި، މިދިޔަ ނޮވެމްބަރު މަހު އޭދަފުށީގެ 15 އަހަރުން ދަށުގެ އެލީޓް ޓީމާއި މާޒިޔާގެ 15 އަހަރުން ދަށުގެ އެލީޓް ޓީމު ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.
އޭދަފުށީގެ ޓާފް ދަނޑުގައި ކުޅުނު މި މެޗު 2-0 އިން ކާމިޔާބުކުރީ މާޒިޔާ އެވެ. އެލީޓް ޕްރޮގްރާމްގެ ދަށުން އިތުރު އެކެޑަމީތަކާއެކު އޭދަފުށީގެ އެލީޓް ޓީމުތައް އަންނަ އަހަރު އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅޭނެ އެވެ.
އޭދަފުށީގެ އިތުރުން ޒޯން އޮފީސްތައް ގާއިމްކުރަން އޭރު ނިންމީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކެވެ. މި ރަށްތަކުގެ އިތުރުން ސ. ހިތަދޫއަކީ ކުރިންވެސް ވައިޑީޕީ އާއި ޑިވެލޮޕްމަންޓުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްގެންދާ ރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ