މަސައްކަތް މި ކުރަނީ ރައީސް ކަމަށް ގާސިމް ހަމަޖެއްސޭނެ ގޮތެއް ހޯދަން: ނަޝީދު
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވާނެ ކަމަށާއި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހަމަޖެއްސޭނެ ގޮތެއް ހޯއްދަވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ވީޓީވީގެ ފަސް މަންޒަރު ޕްރޮގާރާމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެކަން "2015 ގައި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ" ކަމަށެވެ. ނަމަވެސް މި ބަދަލު ގެންނާނީ ބަގާވާތަކުން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަން ކާމިޔާބު ކުރެއްވޭނެ ގޮތުގެ ތަފްސީލެއް ނަޝީދު ވިދާޅެއް ނުވެ އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖެ މިހާރު މި މަސައްކަތް އެބަ ހިނގައިދޭ، ދިވެހިރާއްޖެ އަށް މި ބަދަލު އަންނަން ޖެހޭ. އެއަށް ފަހު ދެން އަޅުގަނޑުމެންނަށް ގިނަ ޕާޓީ އެކުލެވިގެން ރީތިކޮށް ދިވެހިންގެ ކަންކަން ހިންގޭނެ އުސޫލުތަކެއް ހޯދޭނީ. އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ މިދެންނެވި މަގަށް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ވާހަކަ ދަންނަވާއިރަށް ހަމަ ވިދާޅުވާނެ އަޅުގަނޑުމެން ބަގާވާތެއް ކުރަން އުޅެނީއޭ. ނޫން، އެއީއަކީ ނޫން އަޅުގަނޑުމެން ދައްކާ ވާހަކައަކީ. ދިވެހިރާއްޖޭގައި ގާނޫނީ ހަމަތަކެއް އެބަހުރޭ، ކަންކަމަށް ބަދަލު ގެނައުމަށް." ރިޔާސީ އިންތިހާބުގެ ތެރޭގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓުން ކަމަށްވާ ނަޝީދާއި ޔާމީނާއި ގާސިމް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.- ހަވީރު ފައިލް ފޮޓޯ ބޭރު ގައުމުތަކުންނާއި ބޮޑެތި ކުންފުނިތަކުން އަދި ރައްޔިތުން ވެސް އެދެނީ މިހާރުގެ ވެރިކަން ބަދަލު ކުރަން ކަމަށާއި އެކަމާ ދެކޮޅަށް ވެރިކަމުގެ ބާރާއި އާރު ރައީސް ޔާމީން ހިފެހެއްޓެވުމަކީ އެޅުއްވޭނެ "ޅައެއްޗެއް" ކަމަށް ނަޝީދު ވިދާޅުވި އެވެ. "ރައީސް ޔާމީނަށް ތާއިދު ނެތްކަން މިއަދު މާ ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ،" ކުރީގެ ރައީސް ވިދާޅުވި އެވެ. އެމްޑީޕީ އާއި ޖޭޕީން އެކުގައި މަސައްކަތް ކުރަން ފެށުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު އަގުލަބިއްޔަތެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާތް ބޭފުޅުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އެ ބޭފުޅުން ވެސް ތިއްބެވީ މިހާރު ވެރިކަން ބަދަލުކުރަން ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ޖަލަށް ލިޔަސް ވެސް، އިރާދަކުރެއްވިއްޔާ މިވެރިކަން ބަދަލުވާނެ. އަޅުގަނޑު ޖަލުގައި އިނދެގެން ވެސް އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްބީސީން ބޭއްވި ބަހުސްގައި އޭރުގެ ރިޔާސީ ކެންޑިޑޭޓުން ފޮޓޯއަކަށް ހުއްޓިގެން: --ހަވީރު ފައިލް ފޮޓޯ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމާ އެކުގައި ވާދަކުރައްވާ ތަން ފެނިދާނެތޯ ޕްރެޒެންޓަރު މުހައްމަދު އިކްރާމް ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ "ފުރުސަތު ނެތް އެއް ކަމެއް ވެސް ނެތް" ކަމަށެވެ. "2018 ގައި އަޅުގަނޑުމެންގެ ޕާޓީން ނިންމާފައި އޮތް ގޮތަކަށް ދާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ. ގާސިމަކީ ސިޔާސީ ގޮތުން އެ މަނިކުފާނަށް ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ބޭފުޅެއް ކަމަށާއި އޭނާއާ އެކު މަސައްކަތް ކުރައްވަން އުނދަގުލެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދާ އެކު މަސައްކަތް ކުރައްވަން ދަތިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ ގޮތުން ވާހަކަ ނުދެއްކެވޭނެ ބޭފުޅަކު ހުރެގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ