ގާސިމް ހައްޔަރުކުރުމުން އައިޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައިޕީޔޫ އަކީ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތައް ބައިވެރިވާ ދުނިޔޭގެ މިފަދަ އެންމެ ބޮޑު ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގާސިމް ހައްޔަރުކުރުމާ ގުޅިގެން އެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އައިޕީޔޫގެ ޓްވީޓްގައި ވަނީ ގާނޫނު ނަގަހައްޓާ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށްވެސް ދިވެހި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފަ އެވެ.
އައިޕީޔޫގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ހާލަތު އެޖަމިއްޔާ އިން ބަލަމުންދާ ކަމަށެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫއާއި ދިވެހި އެތައް ރައްޔިތުންނެއް ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް ގާސިމް އިބްރާހީމް ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް އަދި ތަކުރާރުކޮށް ހައްޔަރުކުރާ މައްސަލާގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގާސިމް އިބްރާހީމް ރޭ މެންދަމް ކުއްލި ގޮތަކަށް ހައްޔަރުކުރުމަށްފަހު މިއަދު ވަނީ ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ގާސިމް އިބްރާހީމްގެ ބަންދަށް 15 ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ