އައްޑޫއާއީ ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އަންގައިފި

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ގައިވެސް ޖަމާއަތުގައި ނަމާދުކުރުން ވަގުތި ގޮތުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން 23 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.
މާލެ ސިޓީ އާއި ސަރުކާރުން އަރާ ފޭބުން މަނާކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ވެސް ވަނީ ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފަ އެވެ. ޖަމާއަތުގައި ނަމާދުކުރުން އެންމެ ފުރަތަމަ މަނާކުރީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ. އަދި މިހާރު އެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.
މިނިސްޓްރީން ވަނީ މި މުއްދަތުގައި އިސްލާމިކް މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި ނުވާ ކަމަށާއި ހަމައެކަނި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތައް އެކަނި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ