މޫސުން ގޯސްވާނެތީ ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިދުވަސްވަރަކީ މާލެއާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާ ދުވަސްވަރަކަށް ވާތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. މީޓިއޮރޮލޮޖިކަލް ސާވިސް ސެންޓަރުން ލަފާކޮށްފައިވާ ގޮތުގައި، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅު ތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވިދައި ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ގިނަ އަދަދެއްގެ މީހުން ގޮވައިގެން ކަނޑުމަގުން ކުރާ ދަތުރުތަކާއި، އެއްރަށުން އަނެއް ރަށަށް ފެރީތަކުގައި ކުރާ ދަތުރުތަކުގައިވެސް ދަތުރުކުރާ މީހުންގެ ރައްކާތެރިކަމަށާއި މުވާސަލާތީ ކަންކަމަށް އިސްކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ދަތުރުތަކަށް ފުރާއިރު އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ. ކަނޑު ދަތުރު ކުރާއިރު މޫސުމާ ބެހޭ އިދާރާއިން އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުފަތުރު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ