ވޭންތަކުން ދިން

(19 އޭޕްރިލް 2021 އާ ގުޅޭ)
"އަލްޙަމްދުﷲ! އަލްޙަމްދުﷲ!" ލަބީބަށް އުފަލުން ފުންމެން ފެށުނީ ޖަންނަތު އުރައިލައިގެން ހުރެއެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. ލައިބާއަށް މިކަން އެނގެއްޖިއްޔާ އަދި މާ އުފާވާނެ." ލަބީބަށް ލިބިފައިވާ އުފާވެރިކަމުން އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ.
"މަރުޙަބާ ދަރިފުޅުމެން. މަންމަ ވަރަށް އުފާވެއްޖެ! މާމަ ކިޔަން ދެ ދަރިން ލިބެނީ ވިއްޔާ. އަލްޙަމްދުﷲ" ރަޝީދާ ވެސް ހުރިހާ ދަތްޕިލައެއް ދިއްލައިގެން ހުރެ ބުނެލިއެވެ.
***
ފޮށްޓަށް އެއްޗެހި އަޅައި، ތައްޔާރު ވެލައިގެން މަލާކު އިނީ ކޮޓަރީގައެވެ. ދުވަސް ތަކަކަށް ފަހު، ނާއިކު ފެންނާނެތީ މަލާކަށް ލިބެމުން ދިޔައީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. ނާއިކު ފެންނަ ހިނދު ނިކަން ބާރަށް ނާއިކު ގައިގައި ބައްދައިލަން މަލާކު ބޭނުން ވެއެވެ. ލޯބިން ގޮސް ނާއިކުގެ ކޮލަށް ބޮސްދޭން، މަލާކު ނުހަނު އެދެއެވެ. އެފަދަ ޚިޔާލުތަކުގައި މަލާކު ވަގުތު ގުނަމުން ދިޔައީ، އޭނާގެ ހިތް އުފަލުން ހެމުންދާ ޙާލުގައެވެ.
ރޭގަނޑުގެ އަނދިރިކަން ރަށުގެ ތެރެއަށް ވެރިވާން ފަށައިފިއެވެ. ލަބީބު އަވަސް ކޮށްލައިގެން ޑިއުޓީއަށް ދާން ތައްޔާރު ވަމުން ދިޔައެވެ. އެނދުގައި އޮތް ޖަންނަތު ކަޅި ޖަހައި ނުލާ ބަލަން އޮތީ ކޮޓަރީގައި ހުރި ލަބީބަށެވެ. އަދިވެސް ލަބީބުގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ.
"ޖަނާ.. ރަނގަޅަށް ކައިގެން ހުންނަންޗޭ! އެއްވެސް ކަމެއް ބޭނުން ވިޔަސް، އަހަރެންނަށް ވަގުތުން ގުޅާތި!" ކޮޓަރީން ނުކުންނަމުން ލަބީބު ބުންޏެވެ. ޖަންނަތަށް ލިބިފައި ވަނީ ވަރަށް އަޅާލާ، ރަނގަޅު ފިރިއެކެވެ. އެއީ ލަބީބުގެ ފަރާތުން ޖަންނަތަށް އަލަށް ފެނުނު ސިފަތަކެއް ނޫނެވެ. ޖަންނަތަށް އަބަދުވެސް ލަބީބު ވަރަށް ހިތް ހެޔޮކޮށް ކަންތައް ކުރެއެވެ. ލަބީބާ ދުރުވާން އުޅެނީ، ލަބީބަށް ދެރަ ދީ، ލަބީބު އެކަނިވެރި ކޮށްލި މީހަކީ ހަމަ ޖަންނަތެވެ. ނަމަވެސް ލަބީބުގެ ހިތުން މިހާރު އެކަން ހީވަނީ ފޮހެވިގެން ގޮސްފިހެންނެވެ. އެހާ ވެސް ލަބީބު ރަނގަޅެވެ.
***
"އައިޝާއަށް ނުކެރޭ ވިއްޔާ އަހަރެން ގެއަށް ގޮސްލަން ވެސް.." ރީޝާ ހިފައިލީ އޭނާއާ ޖެހިގެން ހުރި ސޯފާގައި އިން އައިޝާގެ އަތުގައެވެ. އެވަގުތު އެ ދެ މީހުން ތިބީ އައިޝާގެ ގޭގައި ވާހަކަދައްކާށެވެ.
"ނާއިކު ވަރަށް ބިޒީ.. ވަރަށް ބޭރަށް ނުދެވޭ.." އައިޝާ ބަލައިލީ ރީޝާގެ މޫނަށެވެ.
"ބޭރަކަށް ނުދެވެޔޯ އަދި ބުނެފި.. ހެހެ! ގައިމު ދާނެ ރޭގަނޑު ގަޑީ ދުއްވަން.." ރީޝާ ސަމާސާ ރާގެއްގައި ބުނެލިއެވެ.
"ނޫނޭ.. މިހާރު ނުދަމޭ ދުއްވަން. ނާއިކަށް މިނިސްޓަރުކަން ލިބުނީމަ ދެން އެހާ ނައިސް ކަމެއް ނޫނެއްނު! އެހެން ރައިޑް ތަކަށް ދިޔުން.." އައިޝާ އެހެން ބުނުމުން ރީޝާ ހައިރާން ކަމާއި އެކުގައި ހީނލިއެވެ.
"ތިބުނީ ހާދަ މަޖާ ވާހަކައެއް؟ ތީ ކޮން ފޮތެއްގަ އޮތް އެއްޗެއް؟ ބަލަގަ.. މިނިސްޓަރުކަން ލިބުނީމަ އެ މަޤާމަށް ވަދޭ ވޭތަ ދެމަފިރިންގެ ދޭތެރެއަށް ވެސް.. ހެހެ." ރީޝާ ގެންދިޔައީ ހެމުންނެވެ. އިތުރަށް އެ މަޢުލޫއަށް ވާހަކަދައްކަން އައިޝާ ބޭނުމެއް ނުވިއެވެ. ރީޝާގެ ވިސްނުމާއި އައިޝާ ދެކޭ ގޮތް އެއްގޮތެވެ. ނަމަވެސް އެއީ ނާއިކުގެ ނިންމުމެއް ކަމުން، އެކަމާ މެދު ބަސްބުނެ، ދެކޮޅު ވާކަށް އައިޝާ ބޭނުން ނުވީއެވެ. އެހެން ނޫނަސް، އެކަން އެހާ ބޮޑު ކަމަކަށް ހަދައި، ނާއިކަށް އިތުރު ބޮލުގެ ރިހުމަކަށް އެވަރު ކަމެއް ހެދުމަކީ އައިޝާ ރުހޭނެ ކަމެއް ވެސް ނޫނެވެ.
"ކޮބާ ރީޝާގެ ކޮއްކޮ؟ ރިފާދު؟" ދައްކަމުންދާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލުމަށް އައިޝާ ފެށީ މުޅިން އެހެން ވާހަަކައަކުންނެވެ.
"ހޯނ! ވާހަކަ ބަދަލުކޮށްލަން ވެސް މޮޅޭ!"
"ކޮއްކޮ ވީ ގޭގަ.. އޭނަ ނުނިިކުމޭ ބޭރަކަށް ވެސް.. ގެ ބުދު ޖެހިފަ.." ރީޝާ އެހެން ބުނެ، ހިނިތުންވެލިއެވެ.
***
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އައިޝާގެ ލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރެއެވެ. ގަޑިން ދަންވަރު 2 ޖަހައި ބޮޑުވިއިރު ވެސް، ނާއިކު ގެއަށް ނާންނާތީ އެކަމާ ކަންބޮޑުވެގެން އައިޝާ ނުނިދައި އޮތީއެވެ. މިހާރަކަށް އައިސް ނާއިކު ލަހުން ގެއަށް އައުމަކީ އާދައެކެވެ. ނާއިކު ލަސްވިޔަސް، ގިނައިން ގުޅާކަށް އައިޝާއަކަށް ނުކެރެއެވެ. އެއީ ނާއިކު އެގޮތަށް އެދިފައި އޮތުމުންނެވެ.
"ކޮންތާކަށް ބާ އެދަނީ؟ ކީއްވެބާ އެހާ ލަސްވަނީ؟" އައިޝާގެ ހިތަށް ވަންނަމުންދާ ވަސްވާސްތަކުން އައިޝާ ކުއްލިއަކަށް އެނދުން ތެދުވެގެން ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެެވެ.
"އަހަރެންގެ ފިރިމީހާ އަހަރެންނަށް ކަމެއް އޮޅުވައެއް ނުލާނެ. ނާއިކު ވަޒީފާގަ ބިޒީ ވެގެން އެހެން އެ ވަނީ.. އާނ! ނާއިކު އަހަރެންނަށް އެއްވެސް ކަމެއް އޮޅުވައެއް ނުލާނެ. އެޔަށް ވުރެން ބޮޑަށް ނާއިކު އަހަރެން ދެކެ ލޯބި ވާނެ. އަހަރެންނަށް ޔަޤީން. ކަށަވަރު!" އައިޝާ ފުންކޮށް ނޭވާއެއް ދޫކޮށްލަމުން، އަމިއަލް ޟަމީރާ ވާހަކަދައްކަމުން ދިޔައެވެ.
"އެހެން ވީމަ ކޮންމެހެން އަހަރެންގެ ސިކުނޑިއަށް ނުބައި ވިސްނުން ތަކެއް ވައްދަން އުޅޭނެ ކަމެއް ނެތް! އަހަރެން ނާއިކު ދެކެ ވަރަށް ލޯބިވޭ!" އައިޝާ އޭނާގެ ހިތާ ސިކުނޑިއަށް އިންޒާރު ދިނީ، ނާއިިކާ މެދު ޝައްކުތައް ނުކުރުމަށެވެ.
***
އެނދުގައި އޮވެ ދެފަރާތަށް ފުރޮޅިލަމުން، ރީޝާ ދެލޯ ހުޅުވައި ގަޑިއަށް ބަލައިލިއެވެ. އަދި އޭނާ އެނދުން ތެދުވެގެން ގޮސް ވަނީ ފާޚާނާއަށެވެ.
"ކޮއްކޯ؟ އަދިވެސް ނުނިދަންތަ؟" ރީޝާ ފާޚާނާކޮށް ނިންމައިލައިގެން، ނުކުތީ ސިޓިންގރޫމަށެވެ. އެވަގުތު އޭނާާގެ 19 އަހަރުގެ ކޮއްކޮ ރިފާދު އޮތީ ސޯފާގައި އޮށޯވެގެން ފޯނާ ކުޅޭށެވެ.
"އާނ! ނިދި ނައިސްގެން މިނުކުތީ.." ރިފާދު އެެހެން ބުނެ، ސޯފާއިން ތެދުވިއެވެ.
"ސިސް އަށް އެނގޭތަ؟ މިރޭ ހަނދު ވަރަށް ރީިތި! އަހަރެން މިއައީ ވަރަށް ގިނަ އިރު ހަނދަށް ބަލަން ހުރެފަ. ބެލްކަނީގަ. އާދެބަލަ!" ރިފާދު ހިނގާފައި ގޮސް ބެލްކަންޏަށް ނުކުތެވެ. ރިފާދުގެ ފަހަތުން ރީޝާ ވެސް ދިޔައެވެ. ރީޝާ ބެލްކަންޏަށް ގޮސް، އެންމެ ފުރަތަމަ ވެސް ކަޅި ހިންގައިލީ ބޭރު މަގުމައްޗަށެވެ. ހަމަ އެއާ އެކު ރީޝާގެ ދެލޯ ބޮޑުވެ، މުޅި މީހާ ހުއްޓުން އެރިއެވެ.
"ވަރަށް ރީތި ހަނދެއް ދޯ؟ އަހަރެން ބުނީމެއްނު؟" ރިފާދު އެހެން ބުނެ ހަނދަން ބަލަމުން ގެންދިޔައެވެ. ވަގުތު ކޮޅެއް ފަހުން، ރީޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން، ރިފާދު ބަލައިލީ ރީޝާއަށެވެ. ރީޝާގެ ކަޅި ގޮސް ހުއްޓިފައި ވަނީ މަގުމައްޗަށެވެ. ރިފާދު ގާތަށް ހިނި އައެވެ.
"ހެހެ! ސާބަސް ސިސް. ހަނދު އެ ހުރީ މަތީގަ އޭ! މަގުމައްޗަކު ނޫނޭ." ރިފާދު ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. ނަމަވެސް ރިފާދު ދެއްކި ވާހަކަ ރީޝާއަށް އިވުނުހެން ހީއެއް ނުވެއެވެ. އެޔަށް ވުރެ ބޮޑަށް ރީޝާ ހުރީ ޝޮކެއްގައެވެ.
***
ނިދަން ކުރަމުންދާ ކޮންމެ މަސައްކަތެއް އައިޝާއަށް ދިޔައީ ނާކާމިޔާބު ވަމުންނެވެ. ދެލޯ މަރައިލާ އިރަށް، ހިތަށް ތަދު ވަނީއެވެ. ބުނެދޭން ނޭނގޭ ފަދަ އުނދަގޫ އިޙްސާސެއް އަބަދުމެ، އައިޝާއަށް ވާން ހެން އޭނާއަށް ހީވަނީއެވެ. ހުރިހާ ޚިޔާލުތަކުން ދުރުވެލަން އެދުނަސް އެކަން އެގޮތަށް ވަނީއެއް ނޫނެވެ. ނާއިކާ މެދު ކިތަންމެ ބޮޑު އިތުބާރެއް އައިޝާގެ ހިތުގައި ތަތް ކުރަން އުޅުނަސް އެކަމެއް ނުވެއެވެ. އެންމެ ފަހުން އަނެއްކާ ވެސް އައިޝާ އެނދުން ތެދުވެ ފަޑީގައި އިށީންދެލިއެވެ. އެއްވެސް ކަމަކާ މެދު ވިސްނާކަށް އައިޝާ ބޭނުމެއް ނުވެއެވެ. ނަމަވެސް، ކަންތައް ވަމުން ދިޔައީ އައިޝާގެ ޟަމީރު އެދޭ ގޮތަކަށް ނޫނެވެ.
***
ފޯނު ރިންގުވާން ފެށި އަޑަށް ޖަންނަތަށް ދެލޯ ހުޅުވައިލެވުނެވެ. މޫނުގައި ދެއަތުން އަތް އުނގުޅައިލަމުން، ޖަންނަތު ބަލައިލީ އޭނާގެ ފޯޯނުގެ ސްކްރީނަށެވެ.
"ޒަހީން.. ކީއްކުރަން ބާ އެ ގުޅަނީ؟" ޖަންނަތުގެ ހިތް ތެޅެން ފެށިއެވެ. ދެލޯ ތަންމިނަށް ބޮޑު ކޮށްލަމުން، ޖަންނަތު ލަތްކަކަށް އެނދުން ތެދުވިއެވެ. އަދި ފުންކޮށް ނޭވާއެއް ދޫކޮށްލުމަށްފަހު، ޖަންނަތު ފޯނަށް ޖަވާބު ދިނެވެ.
"ތީ ހާދަ ބޯ ބޮޑު މީހެކޭ.. ކަލޭ ވާ ގަދަ އަންހެނެއް ތީ.. މުޅި ރަށުގަ އެބަ އޮތް މިހާރު ކަލޭ ބަނޑު ބޮޑު ޚަބަރު. ދަރި އެންމެ ފަހުން ލަބީބުގެ ބޮލަށް ޖެހީއޭ ދޯ؟ ހެހެ! ގަދަ.." ޒަހީން ވާހަކަ ދައްކަމުން ދިޔައީ ޖަންނަތަށް މަލާމާތް ކުރާ ފަދަ ބީދައަކުންނެވެ.
"ކަލެއަށް ކީ؟ ކަލޭގެ ސަބަބުން މިހެން މި ދިމާވީ.. ދެން ކޮންމެހެން މިކަން ފަނި ކުރަން ޒަހީން ނޫޅޭ.. ޕްލީޒް!" ޖަންނަތުގެ އަޑުގައި ނިދީގެ އަސަރުތައް ވަނީ އެއްކޮށް ފިލައިފައެވެ.
"ހައްހައްހާ.. ދެން އަހަރެން މަޑުން ހުންނާނަމޭ. އަހަރެންގެ ދަރިއެއް ވިއްޔާ.. ދޯ؟ ހެހެ..!" ޒަހީން ހެމުން ހެމުން ފޯނު ބޭއްވިއެވެ. ޖަންނަތު އޭނާގެ އަތުގެ ތެރެއަށް ފޯނު ލައި، މުށް ބާރު ކޮށްލިއެވެ.
***
"ސިސް.. ކިހިނެއްތަ ވީ؟" ރީޝާގެ ހަރަކާތްތަކުން ރިފާދު ހައިރާންވިއެވެ.
"ހޮހޮހޯ... ޔަންގު މޭން އެއް. ވިތް އޯލްޑް ލޭޑީ.." ބޭރަށް ބަލައިލުމަށްފަހު، ރިފާދު ހިނިތުން ވެލަމުން ރީޝާއަށް ބަލައިލިއެވެ. ރީޝާ ކުއްލިއަކަށް ހުރެފައި ބަލައިލީ ރިފާދުގެ މޫނަށެވެ. ރީޝާގެ މޫނުމަތިން ރިފާދަށް ފެނުނީ ހައިރާން ކަމާއި އެކު ކަންބޮޑު ވުމުގެ ކުލަވަރު ތަކެވެ. ރީޝާ ދުވެފައި ކަހަލަ ގޮތަކަށް ބެލްކަނި ދޫކޮށް، ސިޓިންގރޫމަށް ނުކުތެވެ. ވާނުވާ ނޭނގިފައިވާ ރިފާދު، އޭނާގެ ދެ ކޮނޑު އަރުވައިލަމުން، ރީޝާގެ ގާތަށް ދާން ހިނގައިގަތެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ