އަންނަ މަހު އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކޮންގްރެސްގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން، އެ ޕާޓީގެ އިިންތިގާލީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ޕްރެސް ކޮންފަރެއްސެއްގައި އެކަން އިއުލާން ކުރެއްވީ މައުމޫނެވެ.
ޕީޕީއެމްގެ އިންތިގާލީ ރައީސް ކަމުގައި ވެސް ހުންނެވި މައުމޫނު ވިދާޅުވީ ޕާޓީގެ ރައީސް ކަމުގައި ހުންނަވަން ބޭނުންފުޅު ވަނީ ޕާޓީ ހަރުދަނާކަމާ އެކު ކުރިއަށް ގެންދިއުމުގެ ބޭނުންފުޅުގައި ކަމަށެވެ.
"ޕީޕީއެމްގެ ދާއިމީ ރައީސް ކަމަށް އަޅުގަނޑު ކުރިމަތިލާނަން. މި ޕާޓީ އުފެދިގެން ދިޔައީ ވެސް ގިނަ ބަޔަކު ކުރި މައްކަތްތަކެއްގެ ސަބަބުން. އެ ބޭފުޅުން އަޅުގަނޑު އިސްކޮށް ބަހައްޓަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވީ. ކުރިއަށް އޮތްތާގައި ވެސް ޕާޓީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތެއް ކުރަން ބޭނުންވާތީ ޕާޓީގެ މެންބަރުން އެދިވަޑައިގަންނަވާ ކަމަށްވާ ނަމަ ޕާޓީގެ ރައީސް ކަމުގައި ހުންނަން ގަސްތުކުރަން،" މައުމޫނު ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރައްވާފައިވާ އަދި މަލްޓި ޕާޓީ ޑިމޮކްރަސީ އަކަށް ގައުމު ހުޅުވާލަ ދެއްވި މައުމޫން މިއަދު ވިދާޅުވީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަކީ ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރައްވަން ތިއްބެވި ޒުވާނުންނަށް ހުރަހަކަށް ވެގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ޕާޓީގައި އޮންނަނީ އެންމެ މަގާމެއް ނޫން ދެއްތޯ. ރައީސް ކަމުގެ މަގާމު އޮތަސް ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމު ވެސް އޮންނާނެ. ކައުންސިލް މެންބަރުން ވެސް ތިއްބަވާނެ. ކޮމެޓީތައް ވެސް އޮންނާނެ. އެހެންވީމާ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތައް އޮންނާނެ މި ޕާޓީގައި ހުޅުވިފައި،" މައުމޫނު ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސް ކަމަށް އަދި ވެސް ކުރިމަތިލައްވަަން ގަސްތު ކުރައްވަންތޯ ނޫސްވެރިޔަކު ދެންނެވުމުން މައުމޫނު އެ ސުވާލަށް މިއަދު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ބޭފުޅަކަށް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން 2008 ވަނަ އަހަރުގެ އިންތިހާބުން ބަލިފުޅު ވުމަށް ފަހު ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނެވި ކަމަށް މީޑިޔާ މެދުވެރިކޮށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ދާދިފަހުން އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ ރާއްޖޭގެ ރައީސް ކަމަށް އަލުން ކުރިމަތިލެއްވުމާ މެދު ވިސްނުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. އެ އިންޓަވިއުގައި މައުމޫން ވިދާޅުވީ 30 އަހަރު ގައުމަށް ހިދުމަތް ކުރެއްވުނުކަން އިހުސާސްކުރެއްވޭ ކަމަށާއި ނަމަވެސް ވެރިކަން ކުރުމަކީ މިހާރު އެހެން މީހުންނަށް އޮތް ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ކުރިމަތި ލައްވާ ނަމަ އެކަން ކުރައްވާނީ އަމިއްލަފުޅު އިހުތިޔާރުގައި ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާ ވިދާޅުވުމާ މެދު މައުމޫނު ވިދާޅުވެފައި ވަނީ ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވަމުންދާ ކަމަށެވެ.
"ކަންތައްތައް ދަނީ ވަރަށް އަވަސް އަވަހަށް ބަދަލުވަމުން، އެހެންވީމާ އަޅުގަނޑު މިހުންނަނީ ވަކި ގޮތެއް ނުނިންމައި [ގޮތެއް ނިންމުމުގެ ދޮރު ހުޅުވާލައިގެން]" މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.
ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލައްވަން މައުމޫން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ