ހޯދާ ނުފެނިފައިވާކަމަށް ބުނެ މެންބަރު ސައުދު ހޯދަން އިއުލާންކޮށްފި

ހޯދާ ނުފެނިފައިވާކަމަށް ބުނެ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގއ. ވިލިނގިލި، އަޅިވިލާގެ ސަޢުދު ޙުސައިން (36އ) ހޯދަމުންދާކަމަށެވެ.
ފުލުހުން ބުނީ ސައުދު ހުސައިން އާއިބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.
މެންބަރު ސައުދު ހޯދަން އިއުލާންކޮށްފައިވާއިރު، މީގެ ކުރިން ފުލުހުން ވަނީ ގާނޫނީ އިމުގެ ބޭރުން ސައުދު ހައްޔަރުވެސް ކޮށްފައެވެ. އަދި ތަކުރާރުކޮށް ސައުދު ފުލުހުންގެ އިދާރާއަށް ހާޒިރުވެސް ކޮށްފައިވެއެވެ.
ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ކުނޫޒުގައި ހުންނަވަނިކޮށް ސައުދު ހައްޔަރުކޮށްފައިވަނީ މެންބަރު މުހައްމަދު އަމީތުގެ ނަން ޖަހާފައިވާ ކޯޓް އަމުރެއްގެ ދަށުންކަމަށެވެ. އެ މައްސަލަ މީޑިއާގައި ފެންމަތިވުމުން ފުލުހުން ވަނީ ސައުދު ދޫކޮށްލާފައެވެ.
ސައުދު މީގެ ކުރިން ފުލުހަށް ހާޒިރުކޮށްފައިވަނީ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމަށް ތުހުމަތުކޮށެވެ.
ސައުދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ސައުދާއިމެދު ތަފާތު ތުހުމަތުކުރަން ފެށީ ރައީސް އަބުދުﷲ ޔާމީނަށް ކުރަމުންދާ ތާއީދު އަނބުރާ ގެނެސް ރައީސް ޔާމީންގެ ފެކްޝަނުން ވަކިވުމާއި ގުޅިގެންނެވެ.
މިވަގުތު އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅޭ ސައުދު ހޯދުމަށް ފުލުހުން އާންމުކުރުމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ މިކަމުން ހާމަވެގެންދަނީ ފުލުހުންގެ ލަދުހަޔާތް ނެތްކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ