މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
ނޭޝަނަލް މީޑިއޮރޮލޮޖިކަލް ސާސިސް އިން ބުނީ މިއަދު މެންދުރު 2:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް 56 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން 11:00 އާ ދެމެދު 20 މިލިމީޓަރުގެ ވާރޭ މާލެ އަށް ވެހިފައިވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.
މިއަދު މެންދުރު 2:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ޖުމްލަ 76 މިލިމީޓަރުގެ ވާރޭ މާލެ އަށް ވެހިފައިވާ އިރު މަލޭގެ ބޮޑެތި މަގުތަކުގައި ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެ ހިނގާ މީހުންނަށާއި ދުއްވާއެއްޗިއްސަށް ވަރަށް ބޮޑު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެމްޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ ވިދާޅުވީ މާލެ އިން ފެންހިއްކުމުގެ މަސައްކަތް ފެށުމަށް ޓަކައި އާދަޔާޚިލާފަށް ފެންބޮޑުވެފައިވާ ސަރަހައްދުތައް ބަލައި ޗެކްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ފަހުން އެފަދަ މަގުތަކުން ފެން ހިއްމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.
މާލެ އަށް ވިއްސާރަކޮށް ވާރޭ ވެހޭތާ ދެތިން ދުވަސް ވަނީ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ