އިންޑިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތަކާ މިނިސްޓަރު ފައްޔާޒު ބައްދަލުކުރައްވައިފި

އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެ ގައުމުގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކުރައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ފައްޔާޒުގެ މިދަތުރުފުޅުގައި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ މިނިސްޓަރު ފައްޔާޒު ބައްދަލުކުރެއްވިއިރު އެމްއެފްއެމްސީގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
މިބައްދަލުވުމުގައި އިންޑިއާގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ކުންފުނިތައް ބައިވެެރިވި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރު ފައްޔާޒު ހޯމަ ދުވަހު ވަނީ އިންޑިއާގެ މިނިސްޓާ އޮފް ސްކިލް ޑިވެލޮޕްމަންޓް އެންޑް އެންޓަޕްރިނިއާޝިޕް، މަހެންދްރާ ނަތް ޕާންޑޭއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި އިއްޔެ މިނިސްޓަރު ފައްޔާޒު ވަނީ އިންޑިއާގެ ހޮސްޕިޓަލިޓީ ދާއިރާގައި ފާހަގަކުރެވޭ ކުންފުނިތަކާ ވެސް ބައްދަލުކުރައްވާފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިންޑިއާ އަށް ވަޑައިގެންނެވީ ވަޒީފާގެ ބާޒާރަށް މީހުން ނެރުމަށް އިންޑިއާގައި ކަންކުރަމުންދާ ގޮތް ބަލައި ތަޖުރިބާކުރުމަށް ކަމަށެވެ. މިނިސްޓަރުގެ މިދަތުރުފުޅުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ އިންވެސްޓަރުންނާއި ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކުރާނެ ކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ