ކައުންސިލްތަކުގެ ރޯދަ އިނާޔަތް: ބޮޑުފުޅުދޫ ކައުންސިލްގެ އިސްނެގުމެއް!

ކައުންސިލްތަކުން ރޯދަ އިނާޔަތް ދިނުން މިހާރު އާންމު ވެއްޖެއެވެ. ހަގީގަތުގައި އެކަން ވެގެން ދަނީ ރީތިވެސް މަންޒަރަކަށެވެ. ހާއްސަކޮށް އާންމުންނަށް ހަރަދު ބޮޑު މަހެއްގެ ގޮތުގައި ރަމަޟާން މަސް ފާހަގަކޮށްލެވޭ އިރު، އެ މަހާ ދިމާކޮށް ދެވޭ ކޮންމެ އެހީއަކީ ބޮޑު އުފަލެކެވެ. ރައްޔިތުންގެ ބޭނުންތަކަށް، ރައްޔިތުންގެ ކަންކަން ބަލަން ތިބޭ އެންމެ އިސް ފަރާތުން ރައްޔަތުންގެ ހާލަށް ރިއާޔަތްކޮށް ދޭ ރޯދަ ހަދިޔާ މިހާރު ވަނީ "ޓްރެންޑް"އަކަށް ވެފައެވެ.
ރައްޔިތުންގެ އިންތިޒާރަކަށް މިހާރު އެކަން ވެފައިވާ އިރު، ތަފާތު ތަކެއްވެސް ވަނީ އަންނަން ފަށާފައެވެ. ހާއްސަކޮށް އެކި ރަށްރަށުން ވާދައިގައިވެސް އަންނަނީ ހަދިޔާތައް ދެމުންނެވެ. ފިޔާ ބަސްތާއިން ގޮސް އަލުވި ބަސްތާގެ އިތުރުން މަސްދަޅު ކޭހާއި ކަރަންޓް ބިލާ ކުނި ބިލްތަކުންވެސް ރޯދަ އިނާޔާތްތައް އަންނަނީ ދެމުންނެވެ. އަދި ބައެއް ރަށްރަށުން ފަން، ދަރު އަދި ކާށި ފަދަ އެއްޗެހި ވަލުން ހޮވުމަށް ދޭ ހުއްދަވެސް ރޯދަ އިނާޔަތެއްގެ ގޮތުގައި ދެމުންދެއެވެ.
މި ކަމަކާ ކިހާ ހިސާބަކުން ފެށުނު ކަމެއްތޯ ސުވާލު ކޮށްލެވެއެވެ. އެންމެ ފުރަތަމަ ރޯދަ އިނާޔަތެއް ދިނީ ކޮން ކައުންސިލަކުންތޯ ކުރެވޭ ސުވާލަށް ޖަވާބު ދޭން އޮތީ އއ. ބޮޑުފުޅަދޫ ކައުންސިލެވެ. އެ ކައުންސިލްގެ ރައީސް އާދަމް ޝުޖާއި ވިދާޅުވެފައި ވަނީ ބޮޑުފުޅަދޫ ދެވަނަ ކައުންސިލުން ރޯދަ ހަދިޔާގެ ނަމުގައި ކަރަންޓް ބިލް އެއްކޮށް ހިލޭ ކޮށްލީ 2014 ވަނަ އަހަރު ކަމަށެވެ. އެއީ ރާއްޖޭގައި ކައުންސިލްތަކުގެ ރޯދަ ހަދިޔާ ފެށުނު ހިސާބު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރޯދަ ހަދިޔާ ދޭން ފެށީ ވަރަށްވެސް ފޮނި އުންމީދުތަކަކާއެކު، އެކަމުގެ ހަގީގީ ކުލަވަރު ފެންނަމުންދާތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. މާތް ﷲގެ ރަހުމަތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކަން ފެނިގެން ދިޔުމީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު އުފަލެއް. އެފަދަ ރައްތަކުގެ ރައްޔިތުންނަށް ލިބިގެންދާ ލުއި ކަމެއް،" އާދަމް ޝުޖާއު ވިދާޅުވިއެވެ.
ބޮޑުފުޅަދޫ ކައުންސިލުން ވަނީ މިފަހަރުވެސް ރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭން ނިންމާފައެވެ. ކަރަންޓް ބިލްގެ 50 ޕަސެންޓް ކައުންސިލުން ދައްކާ ގޮތަށް ނިންމާފައިވާ އިރު، ކައުންސިލުން ވިދާޅުވީ ކަރަންޓް ބިލް އެއްކޮށް ނުދައްކަނީވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ. އެގޮތުން އެއީ އިޝްރާފެއް ކަމަށް ނުހެދުމަށާއި، ހަމަހަމަ އުސޫލަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ