ޤާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް އިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް - ރައީސް

ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދު އޮތް ބާ ކައުންސިލްގެ އިންތިޚާބުގައި ވާދަކޮށް އެ ކައުންސިލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުންނަށް ތަހުނިޔާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ ރައީސް އަކަށް އިންތިޚާބުވެ ވަޑައިގަތް އަލްއުސްތާޒް މައުމޫން ހަމީދާއި ކައުންސިލްގެ އެހެން މަޤާނުމަތަށް އިންތިޚާބުވެވަޑައިގަތް މެމްބަރުނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
"ރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ ރައީސް އަކަށް އިންތިޚާބުވެ ވަޑައިގަތް އަލްއުސްތާޒް މައުމޫން ހަމީދާއި ކައުންސިލްގެ އެހެން މަޤާމުތަކަށް އިންތިޚާބުވެ ވަޑައިގަތް މެމްބަރުންނަށް ތަހުނިޔާ ދަންނަވަން. އަދި ރާއްޖޭގެ ޤާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް،" ރައީސް ސޯލިހުގެ ޓްވީޓުގައި ވެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލުގެ ރައީސްއަކަށް މަޢުމޫން ހަމީދު އިންތިޚާބު ވެވަޑައިގަތް އިރު އެ ކައުންސިލްގެ ނާއިބަކަށް އިންތިޚާބުވެ ވަޑައިގަތީ ކުރީގެ ބަންޑާރަނައިބު އަބްދުﷲ މުއިއްޒު އެވެ.
ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ބިލްގެ ދަށުން އެކުލަވާލާ ކައުންސިލެކެވެ. ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެމްބަރުން ތިބޭނެއެވެ. ބާ ކައުންސިލްގެ މަގާމުތަކަށް ބޭފުޅުން ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މިއަދުގެ ވޯޓުގައި ރާއްޖޭގައި މަސައްކަތް ކުރާ 1،600 ވަކީލުން ބައިވެރިވެފައި ވެއެވެ.
ބާ ކައުންސިލް އެކުލަވާލުމުން ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމަކީ ބާ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
މީގެ އިތުރުން ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި އެމިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޤާނޫނީ ޚިދުމަތަށް ޢާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ ޤާނޫނީ ޚިދުމަތްތަކަށް ފާރަވެރިވެ، މުރާޖަޢާކޮށް، އިޞްލާޙުކުރުމަށް އެފަރާތްތަކަށް ލަފާ ދިނުމަކީ ވެސް އެކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
މިއަދުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ