މޫސުން ގޯސްވުމުން އއ.އަތޮޅު ފެރީ ކެންސަލް ކޮށްފި

މިއަދު މާލެއިން އއ.އަތޮޅަށް ފުރަން އޮތް ފެރީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިއަދުގެ ފެރީ ދަތުރު ކެންސަލް ކޮށްފައި ވަނީ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި ފެރީ އިން ދަތުރު ކުރުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކުން މިއަދު 16:00 ގެ ކުރިން ކައުންޓަރަށް ދިއުމުން ރީފަންޑު ލިބޭނެއެވެ.
އއ.އަތޮޅު ފެރީ ކެންސަލް ކޮށްފައި ވާއިރު، ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ކަނޑުދަތުރު ކުރާއިރު ދޯނީގެ ފަޅުވެރިންނާއި ދަތުރުކުރާ ފަސިންޖަރުގެ ސަލާމަތަށް އިސްކަން ދިނުމަށާއި، ކަނޑުމަތީގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކަށް ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލާ އެޅުމަށްވެސް އެ ސެންޓަރުން އިލްތިމާސް ކުރައްވައެވެ.
ފާއިތުވި ދެތިންދުވަހު ކަނޑުމަތީގެ ހިތާމަވެރި ގިނަ ހާދިސާތައް ހިނގާފައިވާއިރު، ކުރިއަށް އޮތް އީދު ބަންދަށް ގިނަ އަދަދެއްގެ ފަރާތްތަކުން ރަށްރަށަށް ދަތުރުކުރުމަށް ދަނީ ތައްޔާރުވަމުނެވެ.
މީގެއިތުރުން ކަނޑު ދަތުރުކުރާ އުޅަނދަށް އެކަށީގެންނުވާ މިންވަރަށް މުދަލާ ފަސިންޖަރުން ނޭރުވުމަށްވެސް އެސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ފާއިތުވި ދެތިންދުވަސް ތެރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުންގޯސްވެ ކަނޑުދަތުރު ފަތުރު ކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ