ޖުމްހޫރީޕާޓީގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ފުވައްމުލަކުގައި 1000 ފުލެޓު އަޅުއްވާދެއްވާނެ ކަމަށް ވިދާޅުވެ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެރަށު ރައްޔިތުންނަށް ވައުދުވެވަޑައިގެންފި އެވެ.
ފުވައްމުލަކުގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ އެހެން ރަށް ރަށާއި ހިލާފަށް ފުވައްމުލަކަކީ ބިން ބޮޑު ކުރުމުގައި ލމިޓޭޝަންތަކެއް އޮތް އަތޮޅަކަށްވާތީ ރަށުގެ ބިން އިތުރަށް ގިރައިގެން ދިޔަ ނުދިނުމަށާއި ބިން ލިމިޓް ކުރުމަށް 4000 އަކަފޫޓުގެ ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
ފުވައްމުލައް ގިރުމުގެ މައްސަލައަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ އެމައްސަލައަށް ހައްލެއް ހޯދާ ދިނުމަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ބޮޑު ހިލަ ތޮށި ލައި ދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ 1995 ވަނަ އަހަރުގެ ބަޖެޓްގައި ފުވައްމުލައް ގިރުމުގެ މައްސަލައަށް ހައްލު ހޯދަން ފައިސާ ހިމެނި ވާހަކަ އޭނާ އަރިހުގައި ފުވައްމުލަކު އިސް ވެރިން ވިދަޅުވި ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ކޮންމެވެސް ތަނެއްގައި ތާށިވެފައި ހުރީ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ބަޖެޓްގައި ޖަހައިގެން ފާސްކުރި ލާރި ކޮންމެވެސް ތަނެއްގައި ތާށިވެފައި ހުރީއޭ. އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނަމޭ އިރާދަ ކުރެއްވިއްޔާ މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން އެކަން ހިނގާނޭ އެ ފައިސާ އެބަހުއްޓޭ ކޮންމެވެސް ތަނެއްގައި ތާށިވެފައި. އެކަން ހިނގާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި އެންމެ ރަށެއްގެ މައްޗަށް އޮތް އަތޮޅަކީ ވަރަށް ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރަށެއް ކަމަށާއި ރާއްޖޭގެ އެހެން ހުރިހާ ރަށަކާ ފުވައްމުލައް އެތައް ގޮތަކުން ތަފާތު ކަމަށެވެ.
އެހެންކަމުން ވެލި ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ފުރަތަމަ ދުވަހުން ފެށިގެން އިމާރާތް ކުރުމަށް މިރަށުގެ ރަޔިތުން ވެލި ހޯދުމަށް އުފުލާ ބުރަ ހައްލު ކޮށްދިނުމަށް ދައުލަތުން ސަބްސިޑީ ދޭނެ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މިހާރު އައްޑު އަތޮޅާއި ހުވަދު އަތޮޅާއި ލ. އަތޮޅުން، އެހާ ދުރުން ވަރަށް ބޮޑު އަގެއްގައި މިރަށުގެ 12000 އަށް ވުރެ ބޮޑު އާބާދީއަށް ވެލި ހޯދަނީ. އެހެން ނަމަވެސް އަޅުގަނޑު ކަށަވަރު ކޮށްދެނީ އިމާރާތް ކުރުމުގައި ދިމާވެފައި ދައްޗަށް ދައުލަތުގެ ތެރެއިން ހައްލު ހޯދައި ދެވޭނެކަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ފުވައްމުލަކުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށް، އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
އަދި ބޭރު މީހުންނަށް ގެސްޓް ހައުސް މިލް ކުރުމުގެ ފުރުސަތު ހުޅުވާލައި ރާއްޖޭގެ ދެކުނާއި އުތުރުން ފުވައްމުލަކުގެ ގެސްޓް ހައުސްތަކުގެ ފަސޭހަކަށް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
ސަރުކާރުގެ ފުރަތަމަ އަހަރުގައި 1000 ފްލެޓް ފުވައްމުލަކުގައި އަޅާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ