އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްޑީއެން އުވާލަން ސަރުކާރުން ނިންމިތާ، ދޮޅު މަހެއްހާ ދުވަސް ފަހުން، މިއަދު ރަސްމީކޮށް އެ ޖަމިއްޔާ ވަނީ އުވާލާފައެވެ.
އެ ޖަމިއްޔާ އުވާލުމާއި ގުޅިގެން މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީއެން އުވާލިކަމަށްޓަކައި ޔޫތް މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
"އެއީ އިސްލާމް ދޯނަށާއޮ. ކީރިތި ރަސޫލާއަށް ލޯބިކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް".ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އެ ޖަމިއްޔާ އުވާލިކަން އިއުލާނުކޮށް މިއަދު ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޖަމިއްޔާ އުވާލުމަށް ރެޖިސްޓަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން ޖަމިއްޔާތަކާއި ބެހޭ ގަވާއިދުގައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި، ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ނޮވެމްބަރު ފަހަކުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައުވާ 45 ދުވަހުގެ މުއްދަތު ހިމަވިއިރުވެސް އެ ޖަމިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.
"... މިއަދުން ފެށިގެން އެ ޖަމިއްޔާ ރަސްމީކޮށް އުވާލާފައިވާ ވާހަކަ ދެންނެވީމެވެ". ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
އެމްޑީއެން ރަސްމީކޮށް އުވާލާފައިވާއިރު، އެޖަމިއްޔާގެ އިސް މެންބަރުންނާއި، ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިންވެސް ގޮވާލިއެވެ. ނަމަވެސް އެ ޖަމިއްޔާގެ މެންބަރުންނާއި މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ. އެ ޖަމިއްޔާގެ މެންބަރުންނާއި މެދު ފިޔަވަޅު ނޭޅިފައި ވަނީ އެ މީހުން ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކަމަށް ބެލެވެއެވެ.
އެ ޖަމިއްޔާގެ ބައެއް މެންބަރުން ފުލުހަށް ހާޒިރުވުމަށްވެސް އެންގިއެވެ. ނަމަވެސް ހާޒިރުވެފައެއް ނުވެއެވެ.
އެމްޑީއެން އުވާލުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ