ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުން ސުޕުރީމް ކޯޓަށް ހާޒިރުވާން އަމުރުކޮށްފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ ނައިބް ރައީސް އަހްމަދު ތޮލާލް ވިދާޅުވީ އެކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓަށް މިއަދު 1:45 ގައި ހާޒިރުވާން އަންގާފައިވީ ނަމަވެސް ކޮމިޝަންގެ ހުރިހާ މެންބަރުން މިވަގުތު ރަށުގައި ވަޑައިގެން ނެތް ކަމަށެވެ. އެހެންކަމުން ކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވުން މިމަހުގެ 22 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގެވި ވަކި ސަބަބެއް އަދި އެނގިފައި ނުވާ ކަމުގައި ވެސް ތޮލާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފޮނުވި ޗިޓް ގައި ވަކި ސަބަބެއް ނެތްއ. އެހެންވީމާ ހާޒިރުކުރާ ސަބަބު ނޭގޭ،" ތޮލާލް ވިދާޅުވި އެވެ.
ވީނިއުސް އަށް އެނގިފައިވާ ކޮމިޝަންގެ ފަސް މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާއާއި ކޮމިޝަންގެ މެންބަރު އަހްމަދު އަބްދުލްކަރީމް މިވަގުތު މާލޭގައެއް ނޫޅުއްވަ އެވެ.
އެޗްއާރްސީއެމުން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ހަގީގަތާއި ހިލާފު އަދި ކޯޓާ މެދު ނުބައި ތަސައްވުރެއް އުފެދޭ ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ކޮމިޝަންގެ ހުރިހާ މެންބަރުން މީގެ ކުރިން ޖުވެނައިލް ކޯޓަށް ވެސް ހާޒިރުކޮށްފައިވެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ވެސް ހާޒިރުކުރަނީ އެކޮމިޝަނުން ދާދި ފަހުން އެކުލަވާލާ ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރްސީއެމުން ތައްޔާރުކޮށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެޗްއާރްސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަމުުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ