ކީޓޯ ޑައެޓްގައި އެތައް ނުރައްކަލެއް ކީޓޯ ޑައެޓްގައި އެތައް ނުރައްކަލެއް

އާދަޔާ ހިލާފަށް ފަލަ މީހުންނާއި ހަށިގަނޑު މާ ބަރު މީހުން ހިކުމަށްޓަކައި މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ އެއް ނިޒާމަކީ، ކީޓޯ ޑައެޓް ނުވަތަ ކީޓޯޖެނިކް ޑައެޓްއެވެ. ކީޓޯ ޑައެޓަކީ ގިނައިން ފެޓް ހިމެނޭ އަދި ކާބޮހައިޑްރޭޓް ވަރަށް މަދުން އެކުލެވޭ ގޮތަށް އެކުލަވައިލާ ކެއުމުގެ ނިޒާމެކެވެ. މިނިޒާމަށް ކެއުމުގެ ކަންތައް ބަދަލުކޮށްލުމުން، ހަށިގަނޑަށް ހަކަތަ ހޯދާނީ، ހަށިގަނޑުގައި ހިމެނޭ ގުލްކޯޒް (ހަކުރު) އެންދުމުގެ ބަދަލުގައި، ހަށިގަނޑުގައި ހުންނަ ސަރުބީ އަންދައިގެންނެވެ.
ސައެންސް އެޑްވާންސަސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ، ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދިގު މުއްދަތަކަށް ކީޓޯ ޑައެޓްގައި ހުންނަ ނަމަ، ހަށިގަނޑުގެ ބަރުދަން ލުއިވުމުގެ އިތުރުން، ސިއްހީ އެހެން މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. އާންމު ގޮތެއްގައި ކީޓޯ ޑައެޓް ބޭނުންކުރަނީ އާދަޔާ ހިލާފަށް ފަލަ މީހުންނާއި ޓައިޕް ދޭއްގެ ހަކުރުބަލި ހުންނަ މީހުންނެވެ.
ޔުނިވަސިޓީ އޮފް އުޓާ ހެލްތުގެ ސައެންސްވެރިން، ލެބޯޓެރީގައި މީދަލުގެ ހަށިގަނޑުގައި ކުރި މި ދިރާސާއިން އެނގުނު ގޮތުގައި ދިގު މުއްދަތަކަށް ކީޓޯ ޑައެޓް ބޭނުންކުރުމުން، މީދަލުގެ އާންމު މެޓަބޮލިކް މަސައްކަތްތަކަށް ހުރަސްއެޅެއެވެ. ދިގު މުއްދަތަކަށް އެ ޑައެޓް ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ ސަރުބި އާއި ހަކުރު، މެޓަބޮލިކް ނިޒާމުގެ ތެރެއިން ބަދަލުކޮށްލަނީ ހަށިގަނޑަށް ގެއްލުންހުރި އެއްޗަކަށެވެ.
މެޓަބޮލިކް މަސައްކަތަކީ، އިންސާނާގެ ގޮހޮރަށް އެތެރެވާ ކާ އެއްޗެހީގައި ހުންނަ ހަކަތަ، ހަށިގަނޑުގެ ދިރުމަށް ބޭނުންވާ ޕްރޮޓީން، ލިޕިޑް، ނިއުކްލިކް އެސިޑް، އަދި ބައެއް ބާވަތުގެ ކާބޮހައިޑްރޭޓްއަށް ބަދަލުކުރުމުގެ މަސައްކަތެވެ.
ކީޓޯޖެނިކް ޑައެޓް ބޭނުންކުރުމުން، ކާނާގެ ޒަރީއާއިން ހަށިގަނޑަށް ލިބޭ ކާބޯހައިޑްރޭޓްގެ މިންވަރު ވަރަށް ބޮޑަށް މަދުކުރެވެއެވެ. މިހެންވުމުން، އެމީހެއްގެ ހަށިގަނޑު ކިޓޮސިސް ކިޔާ ހާލަތަކަށް ބަދަލުވެއެވެ. މިހާލަތަށް ހަށިގަނޑު ދިޔުމުން، އެމީހެއްގެ ފުރަމެއިން، ކީޓޯން ބޮޑީސް ކިޔާ މޮލިކިއުލްތަކެއް އުފައްދަން ފަށައެވެ. ދެން ހަށިގަނޑުން މި ކީޓޯން ބޮޑީސް ބޭނުންކުރަނީ ސިކުނޑިއަށް ބޭނުންވާ ހަކަތަ އުފެއްދުމަށެވެ.
ދެން ކުރިމަތިވާ އަނެއް ކަމަކީ، ކީޓޯޖެނިކް ޑައެޓް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި އެކުލެވޭ ހަކުރުގެ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ހުއްޓާ، ބަނޑުހައިވެއްޖެ ނަމަ ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި އެކި ގުނަވަންތަކުގައި ހަރުލާފައި ހުންނަ ސަރުބީއަށް ބަރޯސާވާން ހަށިގަނޑަށް މަޖުބޫރުވެއެވެ.
ކީޓޯޖެނިކް ޑައެޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ، ހަށިގަނޑުގެ ބަރުދަން ވަކި މިންވަރެއްގައި ހިފެހެއްޓުމުގަޔާއި މެޓަބޮލިކް ނިޒާމުގެ ދުޅަހެޔޮކަމަށް، އެ ޑައެޓްގެ ސަބަބުން ފައިދާތަކެއް ކުރާ ކަމަށް، ކުރު މުއްދަތަށް އަމާޒުކޮށް ހަދާފައިވާ ދިރާސާތަކުން ދައްކާތީއެވެ. ނަމަވެސް، މިހާތަނަށް އައި އިރު، ދިގު މުއްދަތަކަށް ކީޓޯޖެނިކް ޑައެޓް ބޭނުންކުރުމުން، ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށް ދިރާސާއެއް ނުހަދައެވެ.
ޔުނިވަސިޓީ އޮފް އުޓާ ހެލްތުގެ ސައެންސްވެރިން ހެދި މި ދިރާސާއަކީ، ދިގު މުއްދަތަކަށް ކީޓޯޖެނިކް ޑައެޓް ބޭނުންކުރުމުން، ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށް މިހާތަނަށް ހެދި ފުރަތަމަ ދިރާސާއެވެ. މީގެ ކުރިން ހަދާފައި ހުރި ދިރާސާތަކުގައި ދެނެގަނެފައިވަނީ، ކީޓޯޖެނިކް ޑައެޓް ބޭނުންކުރުމުން، ހަށިގަނޑުގެ ބަރުދަނަށް އަންނަ ބަދަލުތަކެވެ. ދިގު މުއްދަތަށް އެ ޑައެޓް ބޭނުންކުރުމުން މެޓަބޮލިކް ނިޒާމަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ކުރި މިއީ ފުރަތަމަ ފަހަރެވެ.
މި ދިރާސާގައި ސައެންސްވެރި ތަހުލީލުކޮށް ބެލީ، ކީޓޯޖެނިކް ޑައެޓް ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަނަށާއި ކެއުމުގެ ވައްޓަފާޅިއަށާއި ލޭގައި ސަރުބީ އެކުލެވޭ މިންވަރަށާއި ފުރަމޭގައި ސަރުބީ ހިފާ މިންވަރާއި ލޭގައި ހަކުރު އެކުލެވޭ މިންވަރަށާއި އިންސުލިންއަށް އަންނަ ބަދަލުތަކެވެ. އޭގެ އިތުރުން، އިންސުލިން އުފެއްދުމުގެ ޒިންމާ އަދާކުރާ ޕެންކްރިއާސްގެ ސެލްތަކުގައި ހީވާގިކަމާއެކު ހަރަކާތްތެރިވަނީ ކޮންކޮން ޖީންތަކެއްތޯ ވެސް ބެލިއެވެ.
ކީޓޯޖެނިކް ޑައެޓް ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން ލުއި ވިޔަސް، ފުރަމެއަށް ހުރި ނުރައްކާތައް މާ ބޮޑެވެ. ސަރުބީ އެކުލެވޭ ޑައެޓެއް ބޭނުންކުރާ ނަމަ، އެ ތަކެތި ހަޖަމުވުމުން ހަށިގަނޑުގެ ކޮންމެވެސް ތަނަކަށް ދާންޖެހޭނެއެވެ. މިދިރާސާގައި ބައިވެރިވި ސައެންސްވެރިން ކަށަވަރުކަމާ އެކު ބުނާ ގޮތުގައި އެ ސަރުބީތައް ހަޖަމުވެގެން އުފެދޭ ލިޕިޑްތައް ގޮސް އާހިރުގައި ޖަމާވާނީ ލެޔަށާއި ފުރަމެޔަށެވެ.
ފުރަމޭގައި މާގިނައިން ސަރުބީ ޖެހުމުން ބޭސްވެރިކަމުގެ އިސްތިލާހުގައި ކިޔައި އުޅެނީ ފެޓީ ލިވާ ޑިސީސްއެވެ. މި ހާލަތަށް އެމީހެއްގެ ފުރަމޭގެ ދުޅަހެޔޮކަށް ދަށަށް ދިއުމުން، ކީޓޯޖެނިކް ޑައެޓުން ހަށިގަނޑަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
މި ޑައެޓުން ކުރިމަތިވާ އަނެއް މައްސަލައަކީ ލޭގެ ނިޒާމުގައި ހަކުރު ދައުރުވުމަށް ހުރަސްތައް ކުރިމަތިވުމެވެ. ދެ މަސް ނުވަތަ ތިން މަސް ވަންދެން، މީދަލަށް ކީޓޯ ޑައެޓް ދިނުމުން، އެސޮރުމެންގެ ލޭގައި ހަކުރު އެކުލެވޭ މިންވަރާއި އިންސުލީންގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.
އެ ހާލަތަށް އެސޮރުމެންގެ ހަށިގަނޑު ދިޔުމުން، ދެން އެސޮރުމެންނަށް ކުޑަކުޑަ ކާބޮހައިޑްރޭޓް ކޮޅެއް ދިނަސް، އެސޮރުމެންގެ ހަށިގަނޑުން އެ ކާބޮހައިޑްރޭޓްއާ މެދު އަމަލުކުރާ ގޮތް މުޅިން އިދިކޮޅަށް ޖެހެއެވެ. އެސޮރުމެންގެ ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް ވަރަށް މައްޗަށް ގޮސް، ގިނަ އިރުތަކެއް ވަންދެން ހަކުރުގެ މިންވަރު އެ ގޮތުގައި ހިފެހެއްޓިފައި ހުރެއެވެ. މިއީ ވެސް ވަރަށް ނުރައްކާތެރި ކަމެކެވެ.
މީދަލާއި އިންސާނުންގެ އެތެރެ ހަށީގެ ގުނަވަންތައް އުފެދިފައިވާ ގޮތުގައި ކުދިކުދި ތަފާތުތަކެއް ހުއްޓަސް، އިންސާނުންގެ އެތެރެ ހަށީގެ ނިޒާމާ އެންމެ އެއްގޮތް ނިޒާމެއް ލިބިފައިވާ ޖަނަވާރުގެ ގޮތުގައި ފާހަގަކުރެވެނީ މީދަލެވެ. އެހެންކަމުން، އިންސާނުންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކުގެ އަޖުމަ ބެލުމަށް މީދަލުގެ ހަށިގަނޑުގައި ކުރާ ދިރާސާތަކުގެ ނަތީޖާއިން، އިންސާނުންގެ ހަށިގަނޑަށް ފަރުވާ ކުރުމާއި ބޭސް އުފެއްދުމުގައި ރަނގަޅު ފައިދާތަކެއް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ