އިސްރާއީލުން އެއްބަސްވުމާ ޚިލާފުވާތީ، ތަންފީޒު ނުކުރެވޭނެ ކަމަށް ބުނެފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެތައް ފަހަރަކު އެއްބަސްވުމާ ޚިލާފުވެފައިވާތީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވީ އެއްބަސްވުން ތަންފީޒު ނުކުރެވޭނެ ކަމަށް ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތް، ހަމާސްއިން ބުނެފިއެވެ. އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ގާތްގަޑަކަށް 738 ފަހަރު އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ހަމާސްގެ އޮފިޝަލު، ހުސާމް ބަދުރާން ވަނީ އިސްރާއީލުން އެއްބަސްވުމާ ޚިލާފު ނުވެ، އެއްބަސްވުމުގައި މިހާރު ހުރި ކަންތައްތައް ތަންފީޒު ކުރުމަށް ޕްރެޝާކުރުމަށް ހަނގުރާމަ ހުއްޓާލުމުގައި މެދުވެރިވި، ގަތަރާއި މިސްރު އަދި އެމެރިކާއަށް ގޮވާލާފައެވެ. ޣައްޒާގެ ދީރް އަލް ބަލާހުގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން. ފޮޓޯ/ރޮއިޓާސް 'އިސްރާއީލުން އެއްބަސްވުމާ ޚިލާފު އަމަލުތައް ކުރިއަށް ގެންދާހާ ހިނދަކު ދެން އޮތް މަރުހަލާ ނުފެށޭނެ." ބަދުރާން ވިދާޅުވިއެވެ. "ފުރަތަމަ ފިޔަވަހީގެ ތަންފީޒީ މަސައްކަތް ނިންމުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށް ހަމާސްއިން ވަނީ މީޑިއޭޓަރުންގެ ކިބައިން އެދިފައި." އޭނާ އިތުރަށް ވިދާޅުވިއެވެ. އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޣައްޒާގައި ބަންދުކޮށްފައިވާ އަސީރުން އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ގައިދީންނާ ބަދަލުކުރުމާއި އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށެވެ. އިސްރާއީލުން ދިން ހަމަލާއެއްގައި ރަފަހް ގައި ހުރި އިމާރާތެއް ސުންނާފަތިވެފައި. ފޮޓޯ/ރޮއިޓާސް ނަމަވެސް އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ހިމެނޭ ކަންތައްތައް ކަމަށްވާ ޣައްޒާ ހިންގުން ވަގުތީ ކޮމެޓީއަކާ ހަވާލު ކުރުމާއި، ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުން ފަދަ ކަންކަމަށް އަދި ހައްލެއް ނުލިބެއެވެ. އެއްބަސްވުން ތަންފީޒުކުރުމަށްފަހުވެސް އިސްރާއީލުން ހަމަލާތައް ހުއްޓާނުލާތީ،ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް ވަނީ އަމާޒުވެފައެވެ. ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ގާތްގަޑަކަށް 377 މީހުން ޝަހީދުވެ، 987 މީހުން ޒަޚަމވެފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ