ޖުންޖުލާ 19
"ކޮންމެވެސް ދުވަހަކުން ތިބާ ބަދަލުވެދާނެއެވެ. އެއްވެސް މީހަކު ކުށްވެރިނުކޮށް ބޭކާރު ވާހަކަތަކުން ދުރުވެ އަދި ތިބާ ދޫކޮށް ދާ މީހުންނާއި ދިމާލަށް ބަލާނީވެސް ހިތް ސާފުކޮށް ހަމަޖެހިލައިގެން ހުރެއެވެ." *** ޑޮކްޓަރ އާރިކް ނުކުމެގެން ދިޔަތަން ބަލަން އަދީނާ އިނީ ޝައުގުވެރި ނަޒަރަކުންނެވެ. "އަހެދް....ޑޮކްޓަރ އާރިކްއަކީ ކޮންފަދަ ހިތްހެޔޮ ސްމާޓް ޒުވާނެއް..މިހާ ގިނަ ޑޮކްޓަރުން އަންނައިރު މިވަރު ކަމެއް ނުދެކެން.......އޭނައާއި ކައިވެނިކުރަންވީނު...އަންހެންކުއްޖަކު ތިހެން އެކަނި ހުރުމުން ލޯތައް އަމާޒުވާނެ.........." "އާނ....ތިކަން ކުރަން އެބަވިސްނަން. އޭރުން ބާބިލްގެ ފަހަރިއަކަށް ވީނު......." އަހެދްގެ ޖުލްމަ އިވުނީ ކުޑަކޮށް ހުޅުވިފައި ހުރި ދޮރާއި އަރާ ހަމަވީ މީހަކަށެވެ. ޖެނީފާއަށް ލިބުނު ޚަބަރާއެކު އިތުރަށް މަޑުކުރަން ނަހަދާ އަވަސްވެގަތީ އާރިކްގެ ކަންފަތަށް އެވާހަކަ އިއްވުމަށެވެ. އަލާނާއަށްވުރެ ހުރިހާގޮތަކުން މި ނިގާބީ އަންހެންކުއްޖާ ރަގަޅުވާނެއެވެ. ބާބިލް ހީގަތެވެ." އަހެދްގެ ހިތް ބަދަލެއްނުވާނެ...އެހެން ހުރިހާ ކަމެއް ބަދަލުކުރިޔަސް....މީހަކު އެހިތް ހަލާކުކޮށް ޗިސްކޮށްލިޔަސް އެމީހަކު ދެކެ ވީ ލޯތްބަށް ބަދަލެއްނާދޭ..ދެން ކިހިނެއް މަގޭ ފަހަރިއަކަށްވާނީ؟" "ހޫމް...އާންޓް އެހެން ކިޔާވަރުން އެއްބަސްވާން ޖެހުނީ..އެކަމަކު ދައްތަ އެވާހަކަ މާފަހުން ބުނަން ތިހިރީ...އާރިކް އިޒް ޓޭކެން...އާރިކްއާއި އެ ކުއްޖާއާއި ވަރަށް ގުޅޭ...." "އާރިކް ވަރަށް ސިކްރެޓިވް ދެން ކިހިނެއް އެ ހިތުގައިވާ އެއްޗެއް ދެނެގަތީ؟" ބާބިލް ހީލިއެވެ. "މިހާ ދުވަސްވީއިރު އަހެދް ބޮޑީ ލެންގުއޭޖަށް މޮޅުކަން ބާބްއަށް ނޭގުނީމަ ހަމަ ހައިރާންވެއްޖެ..." "މުރުތަސިމް ކޮބާ؟ އެކުއްޖާއަށްވެސް ހެޔޮ ވިސްނުން ދެއްވާށި...ދައްތަގެ ދުއާއަކީ އަދިވެސް މުރުތަސިމް އެނބުރި އައުން..ޒަހްރާދައްތަވެސް ކިހާ ބޭނުންވެގެން ކުރުވި ކައިވެންޏެއް....."ޢަދީނާ ބުނެލިއެވެ. އަހެދް އިސްޖަހައިލިއިރު އެލޮލުން މޮޅިވެރިކަމުގެ ކުލަ ފެނުނެވެ. *** އަހެދްއާއި ބާބިލް ހޮސްޕިޓަލުގެ ކެފޭގައި ސްމޫތީ ބޯން ތިބިއިރު ދެކުދިންގެ އަޑު މަޑެވެ. "ސީރިޔަސްކޮށް ؟ ލޯކަން؟ ގަބޫލެއްވެސް ނުކުރެވޭ.." "ޢާއެނކޭ ހަމަ އޭނަ އެއީ...ތުނބުޅިއެއް ހުއްޓަސް އެލޮލުގެ ކުލައާއި ގަދަ ބުމަ ނޯޅޭނެ ދޯ...އަދި ނުވީތާކަށް ދޮންބެއާއެކު...މާޒީގެ ގޯސްޓްތައް އަރާ ހަމަކުރަނީ..ހިތަށް އަރަނީ އޭނަ ރަގަޅަށްވެސް ތައުބާވީބާވައޭ...ޖަލަށް ލާމީހުންނަށްވެސް ބައެއްފަހަރު ހިދާޔަތް ލިބޭ..އެކަމަކު އެތާ ތިބެގެންވެސް ކުށްތަކަށް އަރައިގަންނަމީހުންގެ ދިރިއުޅުން ހިތިގޮތަކަށް ނިމިގެން ދޭ..އެކަމަކު ލޯކަން...އޭނަގެ ހުރިހާ ނުލަފާކަމަކަށްފަހު ހަމަ އިސްލާހުވީތަ؟ އެކަމަކު އެމޫނުންވެސް ފެނުނީ މުޅިން އެހެން މީހެއް...މާތްފާޑުހުރި...މަޑުމައިތިރިކަން..އިންސާނުންގެ ހިތް ހަމަ ބަދަލުވޭދޯ. ނަސީބު ރަގަޅު މީހަކަށް ހިދާޔަތް ލިބޭނީ...ދުވަހަކު ހިޔެއްނުކުރަން ލޯކަން އެގޮތަށް މަސްޖިދުގައި އިންނަ ދުވަހެއް އައިސްދާނެކަަމަށް.." "އަނެއްކާ ބާބްގެ ހިތްވެސް މަޑުވީތަ؟" "ނޫން..ދެން އަނެއްކާ މާޒީއަށް ދާކަށް ނުވިސްނަން..ދެމީހުންނަށްވެސް އެންމެ ރަގަޅުވާނީ އެހެން ރާސްތާއެއް ޚިޔާރުކުރުން..." އަހެދްގެ ޚިޔާލަށް އުދަގޫކުރީ މުރުތަސިމްގެ ހަނދާނެވެ. އޭނަގެ ސިކުނޑީގައި ބިނާކުރި ގަނޑުވަރު ތެޅުނަސް އަލުން އާބާދުވާންފެށީ ކީއްވެކަމެއް ނޭގުނެވެ. *** ސަހަރާތެރެއަށް ވެރިވެފައިވާ ހިމޭންކަމާއެކު އެހިސާބުގައިވާ ގަސްތަކުގެ ފަތްތައް ދޮވެވި ތާޒާކަމަށް ފެނެއެވެ. ޝަބްނަމްގެ ތިކިތއް ވިނަގަނޑުގައި ހަރުލާފައިވަނީ ރޭ ދުނިޔެ އޮއްސި ކަރުނަ ތިކިތައް ފަދައިންނެވެ.މުރުތަސިމްގެ ފިޔަވަޅުތަކަށް ލޮޑުކަމެއް ލިބި މޭގައިވި ހިތުގެ ތެޅުން އެތައްގިނަ އިތުރުވިއެވެ.މަހާނައިގެ ދެކޮޅުގައި ވާ ގަހުގެ ފަތްތައް ތާޒާވެފައި ފެންތިކިތައް ވިދައެވެ. ޖޭސްމިން މާތައް ފޮޅިފައެވެ. މަންމަގެ ނަން ޖަހާފައިވަ ނަމުން އަދި ހިތަށް އިތުރު އުދަގޫވިއެވެ. އޭނަގެ މަންމަގެ ނަމެވެ. އޭނަގެ ދިރިއުޅުުުގެ ފުރަތަމަ ލޯތްބެވެ. އޭނަ އެހިތަކަށް އެންމެ އަނިޔާދިން ފަރާތެވެ. އޭނައަށް މަންމަގެ މަހާނައިގާ އަތުން ޖައްސައިލެވުނެވެ. އެއާއެކު ކަކުލުހުޅުން ވާގިދޫވެ ހުރިތަނަށް ތިރިވެވުނެވެ. އިށީދެވުނީއެއްނޫނެވެ. ދެއަތްތިލަ ފިނި ބިންގަނޑުގައި ޖައްސައިލެވުނުއިރު ލޮލުން ކަރުނަ އޮހިގަތެވެ. އެއްވެސް ޝަރުތެއްނެތި އޭނަދެކެ ލޯބިވި ހަމައެކަނި ފަރާތް އަބަދަށް ވަކިވުމުން ހިތަށް ހުޅަދާނަވާނީ ކިހިނެއްހެއްޔެވެ؟ "މަންމާ..މާފުކުރޭ...އަހަންނަށް މަންމައަށް ގިނައިން ޒިޔާރަތްކުރުމުގެ ހިތްވަރު ނުލިބޭތީ...އަހަންނަށް މަންމަ ބުނިގޮތަށް ނެހެދުނު...މަންމަ ބުނީމެއްނު އެލީޒީ އެހާ ކަމަކުނުދެއޭ...މަންމަ ބުނިން ދޯ އަލުން ވިސްނާށޭ..އެކަކަކު އޭނަ ދިފާއުކުރެވުނީ.މަންމައައި ދިމާލަށް ހަޅޭއްލެވުނީ..މަންމަ..އަހަރެން ކުޑައިރު އުފުލާ ހެދި..ދުޢާކުރި...ބަލިވެއްޖެއްޔާ ދުރަަށް ނުގޮސް މިޅި ރޭގަނޑި ހޭހަން ކުރަން އިނދޭ...މަންމަގެ އަގު ވަޒަންނުކުރާ މީހަކާއި ހެދި މަންމައާއި ދިމާލަށް އެހެން ވާހަކަދެއްކުނީ..މަންމާ މާފުކޮށްދީ..." "ޢަދިވެސް މަންމަގެ އަޑު ކަންފަތުގައި ހިފާލާފައިވޭ.. މަންމަ މުރުތަސިމް އެނަން ކިޔާގޮތް. އެ އަޑު އަބަދު އިވޭހެން ހީވޭ.........އައިމް ސޮރީ..އައިމް ސޮރީ..."އޭނަ ބުނަމުން ދިޔައެވެ. އެއިން ކޮންމެ ލަފުޒެއް އަންނަނީ ޒަޚަމަށް ލޮނު މިރުސްއަޅަމުންނެވެ. ފިނި ވައިރޯޅިއެއް އޭނަގެ މޫނުގައި ޖެހިލީ މަޑު އަތަކުން އޭނަގެ ކަރުނަ ފޮހެލަދިން ފަދައިންނެވެ. އޭނަ ލޯ މަރާ ބާރުކޮށްލީ ވައިރޯޅިތަކަށް އޭނަގެ ގައިގާ ބީހެން ފުރުސަތުދެމުންނެވެ. އޭނަ ކުޑައިރު ވެއްޓި އަނިޔާވުމުން މަންމަ ކަރުނަ ފޮހެދޭފަދައިންނެވެ. "މަންމަ މާފު ދިން ދޯ....އަހަރެން މަންމަގެ ހިތުގައި ޖެއްސިޔަސް...ހުރިހާ ކަމަކާއިއެކުގައިވެސް މަންމަ މާފުދިން..." "އަހަރެން އަހެދެ ދެކުނިން މަންމާ..ކޮންމެ ފަހަރަކު އަހެދް ފެނުނީމަ މަންމަގެ މަތިން ހަނދާންވަނީ...މަންމަ އަހެދްދެކެ ލޯބިވީވަރު ހަނދާންވޭ...އަހެދް ކޮޓަރިއަށް ވަދެލިޔަސް މަންމަ އުފަލުން ހިނިތުންވެލާ....އެކަމުން އެނގެނީ މަންމަގެ ހިތުގައި އެކުއްޖާއަށްޓަކާ ވާ ޚާއްސަ ލޯބި، އަމިއްލަ ދަރިއަކަށްވުރެ ބޮޑަށް ގާތްކޮށްގެން މަންމަ ގެންގުޅުނީ.........މަންމަ އަބަދުވެސް ބުނާނެ އެއީ ރަގަޅުކުއްޖެކޭ ދޫކޮށްނުލާށޭ..އެކަމަކު އަހަންނަށްވެސް ކަންތައް ހިނގިގޮތުން އެހެން ދިމާލަކަށް ދެވުނީ....." "އަހަދް ދޫކޮށްލެވުނީ..މަންމާ. ހުރިހާ އެއްޗެއް ގެއްލިއްޖެ.ކުށްވެރިޔަކީ ހަމައެކަނި އަހަރެން..." "މަންމަ އަހަންނާއި އެކުގައިވާނެނަމަ..ގާތުގައި ހުރިނަމަ...ހަދަންވީގޮތް ބުނެދޭނެނަމަ...އެންމެފަހަރަކު މަންމަ ހަގްކޮށްލާނެމަ..ހަމަ އެންމެ ފަހަރަކު.." މިފަހަރު ޖެހިލި ރޯޅި ތަންކޮޅެއް ހޫނުވެފައި ޖޭސްމިން މަލުގެ ވަސް ހުއްޓެވެ. އޭނައަށް އިހުސާސްވީ މަންމަ ގާތުގައިހުރިކަމެވެ. މާފުކޮށްދިންކަމެވެ. ހިތަށް ތަދުވާހާބޮޑަށް މަންމަ ނެތުމުގެ އުނިކަން އިހުސާސްވިއެވެ. "ވަރަށް ލޯބިވޭ މަންމާ..އަބަދުވެސް ވިން...ހުރިހާ މޮޔަކަމެއް ކުރެވުނުއިރުވެސް...އިގޯގެ ސަބަބުން އަނދިރިވީއިރުވެސް ލޯބިވި. އަދިވެސް ވަރަށް ލޯބިވޭ..ޕްލީޒް ފޮގިވް މީ މަމް.." އެންމެ ކަރުނަތިއްކެއް ލޮލުން ތިރިއަށް ދެމިގަތެވެ. ދުވަހަކުވެސް ޝިފާ ލިބުމެއްނެތް ޒަޚަމެކެވެ. އޭނައަށް އެތާ ހުރެވުނީ ކިހާއިރެއްކަމެއްވެސް ނޭގެއެވެ. އޭނައަށް އެނގުނީ މިތަނުގައިވުމުން މަންމައާއި ވަރަށް ގާތުގައި ހުރެވުނުފަދަ އިހުސާސެއްކުރެވުނު ކަމެވެ. އެއާއެކު އަމިއްލަ ނަފުސަށް މާފުދިނުމަކީ އެންމެ ދުރުގައިވާ ކަންތައްކަމެވެ. އޭނަ ހަނދާންވީ ޑޮކްޓަރ އާރިކްގެ ވާހަކަތަކެވެ. ކަރުނައިން އަމިއްލަ ނަފުސަށްވެސް އަދި މަންމައަށްވެސް ލިބޭނެ މާ ބޮޑު އެއްޗެއް ނެތެވެ. މަންމައަށް ބޭނުންވަނީ އޭނަގެ ދުޢާއެވެ. ސާލިހު ދަރިއެއްގެ ދުޢާއެވެ. އޭނަ ހުރިހާ ވިސްނުމެއް އެއްފަރާތްކޮށްލަމުން ދުޢާކުރުމާއިގެން މަޝްއޫލުވެގަތެވެ. އެހުރިހާ މަންޒަރެއްދެެކެން ހުރިއިރު އަހެދް ގޮސް މުރުތަސިމްގެ ހިތްހަމަޖައްސައިދޭން ވާހަކަދައްކަން ބޭނުންވިޔަސް އެހިތްވަރެއް ނުލިބުނެވެ."ގްރީފް"އަކީ ވޭންދެނިވި އެކަމުން އަރައިގަންނަން ދަތި ތަކުލީފެކެވެ. ވަގުތު ބޭނުންވާނެއެވެ. އެއީ ހިތް ހަށިގަނޑުން ވަކިވެގެން ދިޔުމުންވެސް ދުނިޔޭގައި ހުންނަން ޖެހުމެވެ. ޚާއްސަކޮށް މުރުތަސިމްއަށް މަންމައާއި ދިމާލަށް ބުނެވުނު ލަފުޒުތަކުން ހިތް އަނދާނެއެވެ. އެ ގިނީގައި ފިހިގެން ދިޔަސް އެހިތަށް ޝިފާ ދެއްވުމަށް ﷲ ތައަލާ ކުޅަދުންވަންތައެވެ. އޭނައަށް މުރުތަސިމްއަށް އެހީތެރިވެވިދާނެހެއްޔެވެ؟ އެހިތަށް ތަސައްލީއެއް ލިބުމަށް ވަސީލަކަށްވެދާނެ ބާވައެވެ. *** ޖެނީފާ ޕްލާސްޓިކް ދަބަހަށް ހެދުންތައް ގަންނަވާލަމުން ދިޔައިރު މޫނުމަތިން ފެންނަނީ ރުޅީގެ އަސަރުތަކެވެ. އާރިކްއާއި ބާބިލް އެކީގައިހެން އެކޮޓަރިއަށް ވަންއިރު ފެނުނީ މަންމަ ދާން ތައްޔާރުވިތަނެވެ. "ޕެކް ކުރަނީ ކީއްވެ؟" ބާބިލް އަށް އަހައިލެވުނެވެ. "މިތަނުން ދާންވެގެން.. މިތަން ދެކެ ފޫހިވެއްޖެ، މި ހުއްޓުމެއް ނެތް ވާރޭ، މީހުން، އަދި ބުޅާގަނޑުދެކެވެސް..." ކޮޓަރީގެ ކަނުގައި އެއް ލޯ މަރާލައިގެން އޮތް ނިކްސަން އިހުތިޖާޖު ކުރުމުގެ ގޮތުން އަޑެއް ލައްވައިލިއެވެ. "އެކަމަކު...ކޮންތަނަކަށް ދާނީ؟" ބާބިލް ގެ މޫނުމަތިން ހާސްކަން ފެނިލިއެވެ. "ތިމީހުން ނުފެންނަ ހިސާބަކަށް..ގަބުރުސްތާނަށް.."ޖެނީފާ ހަޅޭއްލަވައިގަތެވެ."އަހަރެން އެންމެނަށް ނުފެންނަ ހިސާބަކަށް ދާނީ..އެނގިއްޖެތަ؟" "އަދި ފަރުވާ ނިމެން ދުވަސްކޮޅެއް އެބައޮތެއްނު.."އާރިކް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. "އަހަރެން ބަދަލުވެދާނެކަމުގެ އުއްމީދުގައި މިތަނުގައި ހައްޔަރުކޮށްގެން ތިގެންގުޅެނީ؟ އެކަމަކު ކަލޭމެން ދުނިޔެއަށް ނޭވާލުމުގެ ކުރިން ހަލާކުވެ ނިމިފައި މިހިރީ..ރަގަޅެއްނުވާނެ ދެނެއް....." "އެހެންވިޔަސް ފުރުސަތު ދެވިދާނެއްނު. އެވީ ދުވަސްތަކުގެ ބަދަލުގައި...ދުވަސްކޮޅަކަށް ނަމަވެސް މާމަގާތަށް ދާންވީނު..މާޒީގައި ހެދުނު ގޯސްތަކަށް ކައްފާރާއަކަށްވެސް ހަމަ ވެދާނެ....." ޖެނީފާގެ ސަމާލުކަން އަތުލައިގަތް ލަފުޒަކަށްވިއެވެ. ދަބަސް ބަހައްޓާފައިގޮސް އެނދުގައި އިށީނީ ހަގުރާމައަކުން ބަލިވެފައިވާ މީހެއްފަދައިންނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ