ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިން ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓު ބަންދުކޮށްފިއެވެ.
ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓްގެ މަތީގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އައުޓްލެޓް ހުޅުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.
ކޭއެފްސީ އާއި ޕިއްޒާ ހަޓް ބޮއިކޮޓު ކުރުމަށް ގޮވާލާފައިވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންނެވެ. އެގޮތުން، އިސްރާއީލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ބައިނަލްއަގްވާމީ ބޮޑު ކެމްޕެއިނެއް ވަނީ ފަށާފައެވެ. މާލޭގަައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓު ކުރިމަތީގައިވެސް އެތަންތަން ބޮއިކޮޓް ކުރަން ގޮވާލައި އެކި ފަހަރުމަތީން މީހުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ކޭއެފްސީ ހުންނަ އިމާރާތުގެ ބިއްލޫރި ގަނޑު ވެސް ތަޅާލާފައިވެއެވެ.
ނަމަވެސް ކޭއެފްސީން ބުނެފައިވަނީ އެ ކުންފުނިން އިސްރާއީލަށް ތާއީދު ނުކުރާ ކަމަށާއި އެއީ ސިޔާސީ ކަމަކާ ގުޅުމެއް ނެތް ވިޔަފާރިއެއް ކަމަށެވެ. މާލޭގައި ހުންނަ ދެ އައުޓްލެޓް އަދިވެސް ދަނީ ހިންގަމުންނެވެ.
ރާއްޖޭގެ އިތުރުން، މުސްލިމުންގެ އާބާދީ ބޮޑު އެހެން ގައުމުތަކުން ވެސް ވަނީ އިސްރާއީލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ވަރުގަދަ ކެމްޕެއިންތައް ފަށާފައެވެ. އެގޮތުން އިންޑޮނީޝިއާ އާއި މެލޭޝިއާގައި ވެސް މި ބޮއިކޮޓް ކެމްޕެއިނާ އެކު ކޭއެފްސީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.
ހުޅުމާލެ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ