ފުވައްމުލަކުގައި ހިންގާ "ޑްރަގު ކެފޭ" އެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް (ޑްރަގު ކެފޭ) އެއް ބަންދުކުރަން އެ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން ނިމުނު ހަފުތާގެ ތެރޭގައި އަމުރުކޮށްފި އެވެ. 
ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުދަ ދުވަހު ނެރުގައި އަމުރުގެ ދަށުން ބަންދުކުރީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގޭގައި ހިންގާ ޑްރަގް ކެފޭ އެވެ. ކޯޓުން ވަނީ މި ހިނގާ މެއި 27، އިން ފެށިގެން 85 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކުރަން އަންގާފަ އެވެ.. 
ކޯޓުން މި ތަން ބަންދުކުރަން އަމުރުކޮށްފަ އޮންނަ މުއްދަތުގެ ތެރޭގައި އެ ތަނަށް ހުއްދަ ނުހޯދައި ވަނުމަކީ ކުށެކެވެ. ފުލުހުން ބުނީ އެފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިލްތިމާސްކޮށްފަ އެވެ. 
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި، ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ މީހުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް އެ މުައައްސަސާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން މާލޭގައި ހިންގި ޑްރަގު ކެފޭއެއް ބަންދު ކުރަން އަމުރުކޮށްފަ އެވެ. މިއީ މާލޭ ނޫން ރަށެއްގައި ހުރި ޑްރަގު ކެފޭއެއް ބަންދުކުރަން ކޯޓަކުން ނެރުނު ފުރަތަމަ އަމުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ