މިއީ ކާކުގެ ހިޔާލަށް ކުރި ކަމެއް ހެއްޔެވެ؟ އެމީހަކަށް ނުވަތަ އެކަން ރޭވި ނުބައި ބައިގަނޑުގެ ކަންކަށިމަތީގައި ދިވެހިން އިއްޔެ ޖަހައިފި އެވެ. ދިވެހިން ބުނީ ކީކޭ ހެއްޔެވެ؟ މި ކަހަލަ އެއްޗެއް އަހަރެމެންގެ ކުރިމައްޗަށް ދެން ހުށަނާޅައްޗެވެ.
ދިވެހިންނަށް ޝުކުރިއްޔާ އެވެ! ސާބަހާއި އައްސަރިބަހެވެ!
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައީސް މުހައްމަދު މުއިއްޒު އާއި ކެބިނެޓާއި ޕީއެންސީން ކުރި މަސައްކަތާ ދެކޮޅަށް، ވޯޓު ލީ މީހުންގެ ގާތްގަނޑަކަށް %70، ނޫނެކޭ އިއްޔެ ބުނުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ހިމާޔަތުގައި ރައްޔިތުން ސީދާ ބަސް ބުނި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގާނޫނުއަސާސީއަށް ގެނައި ކޮންމެ ބަދަލެއް އައީ ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ ތެރެއިންނެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން 10 ފެބްރުއަރީ 2026ގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފާސްކުރީ ޕީއެންސީގެ 72 މެމްބަރުންގެ ވޯޓުންނެވެ.
އެކަމަކު އެ ސުޕަ މެޖޯރިޓީއަކީ ބައެއް ނޫންކަން ދިވެހިން ބުނެދީފި އެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުވާނެ ކަމަށް އިއްޔެ ނެގި ހިޔާލު ހޯދުމުގައި، މިހާތަނަށް ގުނި 154،785 ވޯޓުގެ ނަތީޖާއިން ފެންނަނީ:
އާނއެކޭ: %31
ނޫނެކޭ: %69
މީގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގީ މިހާރުގެ ގާނޫނުއަސާސީ ހެދިއިރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ބެހޭ ގޮތުން 18 އޮގަސްޓް 2007ގަ އެވެ. އެއީ އެހާ ތަނަށް ރާއްޖޭގައި ބޭއްވި އެންމެ މިނިވަން، އެންމެ ފޯރިގަދަ ވޯޓުލުމެވެ. އޭގެ ތަފުސީލަކީ މި އެވެ:
154،123: ވޯޓު ލީ ޖުމްލަ މީހުންގެ އަދަދު
95،169، (62.04%): ރިޔާސީ ނިޒާމަށް
58،504 (37.96%): ޕާލިމަންޓްރީ ނިޒާމަށް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަކީ ރިޔާސީ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް އެ މީހުންގެ ބަސް ބުނަން ލިބޭ އެންމެ ބޮޑު ދެ ފުރުސަތެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް އެ ފުރުސަތުން ދިވެހިން މަހުރޫމްކުރަން ޕީއެންސީގެ ސުޕަ މެޖޯރިޓީން ތާއީދުކުރީ މަޖިލިހުގެ ކޮންމެ ނިންމުމަކަށް ދިވެހި ރައްޔިތުން ލައްވާ 'އާނއެކޭ' ބުނުވޭނެ ކަމަށް ގަބޫލުކޮށްގެންނެވެ. ނުވަތަ އެންމެ ފަހުގެ އާންމު އިންތިހާބުގައި ދިވެހިން ޕީއެންސީއަށް ސުޕާ މެޖޯރިޓީ ދިނީ، ބޭނުންހާ ކަމެއް ކުރުމުގެ ހުއްދައާ އެކުގައި ކަމަށް، ހީކުރީ އެވެ.
މިއީ ނުހަނު ބާރުގަދަ ސަރުކާރަކާއި މަޖިލިހެކެވެ. ކަން ކުރަމުން އަންނަނީ ހިތަށްއެރި ގޮތަށެވެ. ރައީސް މުއިއްޒު ބޭނުންފުޅުވީމާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ބާރު ވެސް އެ މެމްބަރުން އަމިއްލައަށް ހަނިކޮށްލީ އެވެ. އެ ހަނިކޮށްލުން ގާނޫނުއަސާސީއާ ހިލާފޭ ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ލީމާ ބަދަލުކޮށްލީ ސުޕްރީމް ކޯޓުގެ ބެންޗެވެ.
އޭރު ވެސް ރައްޔިތުން ތިބީ ބަލާށެވެ. ކޮންމެ ނިންމުމަކަށް ދިވެހިންގެ ހިޔާލު ހޯދާކަށް ނުޖެހެ އެވެ. ނަމަވެސް ދިވެހިން ހިމޭންކަން ދެއްކުމަކީ ސަރުކާރާއި މަޖިލިހުން ކުރާ ކޮންމެ ކަމެއް ގަބޫލުކުރުމެއް ނޫނެވެ. އޭރު ވެސް ގިނަ ދިވެހިންގެ ޝަކުވާ ހުއްޓެވެ. މި ސަރުކާރާއި މި މަޖިލިހަކީ ހާދަހާ 'ގޮތްކުޑަ ބައެކޭ' ވެސް ބުނެ އުޅުނެވެ.
ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސްކޮޅު އަތަށް އެރުމާ އެކު ދިވެހިން އިއްޔެ އެ ކަށަވަރުކޮށްދިނީ އެކަމެވެ. ރައީސް ކިތައްމެ ބާރުގަދަޔަސް އެ މީހުންނާ ހަމައަށް ފުރުސަތެއް ތަނަވަސް ވެއްޖެ ނަމަ، ގައުމަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރާނެ ކަމެވެ. ގާނޫނުއަސާސީ ހިމާޔަތްކުރާނެ ކަމެވެ. ކޮންމެ ކަހަލަ ބަދަލެއް އެއަށް ނުގެނެވޭނެ ކަމެވެ.
އެ ނިންމުން ދިވެހިން އެ ނިންމީ ގާނޫނުއަސާސީއަށް ގެންނަ އެފަދަ ބޮޑެތި ބަދަލުތަކަށް ރައްޔިތުން ހޭލުންތެރިކުރަން އެކަށީގެންވާ ވަގުތު ވެސް ނުދީ އެވެ.
ރާއްޖޭގެ ސިޔާސީ ވެރިންގެ ހަނދާނުގައި ބަހައްޓަން ވާނެ އެވެ: އާ ގާނޫނުއަސާސީއަކީ މަޑުން ތިއްބާ ދިވެހިންނަށް ލިބުނު އެއްޗެއް ނޫނެވެ. އެއީ އެތައް ބައެއްގެ، އެތައް ގުރުބާނީއެކެވެ. މަގުމަތީގެ އެތައް ހަރަކާތެކެވެ. އެތައް އަނިޔާއެއް ތަހައްމަލްކުރި އެވެ. އެތައް ބަޔަކު ހައްޔަރުވި އެވެ.
އެވަރުން ހޯދި އެއްޗަކަށް ރައީސް އާއި ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީން ކޮންމެ ކަހަލަ ބަދަލެއް ގެނަޔަސް ދިވެހިން ގަބޫލުކޮށްލާނެ ކަމަށް ހިތަށް ވެސް އަރުވައިގެން ނުވާނެ އެވެ. ގާނޫނުއަސާސީ ހިމާޔަތްކުރަން ގިނަ ދިވެހިން މަގުމައްޗަށް ނުނިކުމެފާނެ އެވެ. އެކަމަކު އެ މީހުންގެ ނުރުހުމާއި ރުޅިވެރިކަމުގައި މަތިޖަހައިގެން ފިންޏެއް ނުކުރެވޭނެ އެވެ. އަތަށް ވޯޓު ކަރުދާސްކޮޅު އެރުމާއި 'ތިމަންނަމެން މި ތިބީ ތިކަމާ ދެކޮޅަށޭ' ބުނުން އަންނާނީ އެކުއެކީގަ އެވެ.
އިއްޔެގެ ވޯޓުން ސަރުކާރު ބަލިވެއްޖެ ކަމަށް ޕީއެންސީގެ މަޖިލިހުގެ މެމްބަރުން ގަބޫލުކުރައްވައިގެން ފަރުޖައްސާލެވޭކަށް ވެސް ނެތެވެ. ރައްޔިތުން އެ ބުނީ އެ މެމްބަރުންގެ ފެންވަރު ނެތް ކަމަށެވެ. ޒިންމާ ނުނަންގަވާ ކަމަށެވެ. ގޮނޑިއަށް އެކަށީގެންނުވާ ކަމަށެވެ. ނުވިތާކަށް ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮތަކެއް ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ނިންމުން ގަބޫލުފުޅުކުރައްވާ ކަމަށް ރޭ ވިދާޅުވެފަ އެވެ.
"ސަރުކާރުން ރަނގަޅުކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްﷲގެ ވާގިފުޅާ އެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ސޯޝަލް މީޑިއާގައި ލިއުއްވި މެސެޖްގައި ރައީސް ވިދާޅުވި އެވެ.
ރަނގަޅު ކުރަން ހުރި ކަންކަން ވަރަށް ގިނަ އެވެ. ފުރަތަމަ ވިސްނަވަންވީ ރައްޔިތުން ރައީސް މުއިއްޒުއާ ވެރިކަން ހަވާލުކުރީ ކޮންމެ ކޮންމެ ކަމެއް ބޭނުންފުޅު ގޮތަކަށް ކުރައްވަން ނޫން ކަމެވެ. ރައީސްގެ ބާރު ގަދަޔަސް ހުދޫދަކާއި އިންތަކެއް އޮންނަ ކަމެވެ. ކިތައްމެ މައުސޫމް ބޭފުޅަކަށް ވެވަޑައިގަންނަވަން މަސައްކަތްކުރެއްވިޔަސް ދައުލަތުގެ ހުރިހާ ބާރެއް އަތްޕުޅަށް ނަންގަވައިގެން ހުންނެވިކަން ދިވެހިންނަށް އެނގެ އެވެ. މި ގައުމުގައި މިހާރު މިނިވަން މުއައްސަސާއެއް ނެތެވެ. މިނިވަން، އިންސާފުވެރި ޝަރުއީ ނިޒާމެއް ނެތެވެ. މިނިވަން ރައްޔިތުންގެ މަޖިލިހެއް ވެސް ނެތެވެ.
އެކަމަކު އާންމު ދިވެހިން އެ ތިބީ މިނިވަންކަންމަތީގަ އެވެ. އެ މީހުންނަށް ވޯޓު ލާނެ ފުރުސަތު ލިބިއްޖެ ނަމަ ގާނޫނުއަސާސީ ވެސް ހިމާޔަތްކުރާނެ އެވެ. ޝަރުއީ ނިޒާމު ވެސް ހިމާޔަތްކުރާނެ އެވެ. ރައްޔިތުންގެ މަޖިލިސް ވެސް ހިމާޔަތްކުރާނެ އެވެ. އުވާލި އަތޮޅު ކައުންސިލްތައް ވެސް ހިމާޔަތްކުރާނެ އެވެ.
ޕީއެންސީގެ އިސް ބޭފުޅަކު، މި ވޯޓުގެ މާ ކުރިން، އަޅުގަނޑު ކައިރީގައި ވިދާޅުވި ވާހަކައެކެވެ. 'ރައީސް އެ އުޅެނީ މާތްﷲ ދެއްވި ފަސް އަހަރު ބާއްވާފައި ނުދެއްވާ ފަސް އަހަރު ހޯދާށެ'ވެ. އެމްޑީޕީގެ ބޭފުޅެއް ނޫނެވެ. ޕީއެންސީގެ ހަރު، ނުފޫޒު ގަދަ ބޭފުޅެކެވެ. ތައުލީމީ ބޭފުޅެކެވެ.
ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވަން ޖެހޭ އެހެން މެސެޖެއް ވެސް އެބަ އޮތެވެ: 'ނޫނެކޭ' ވޯޓުގައި ޕީއެންސީގެ އެތައް ހާސް ބަޔަކު ވެސް ބައިވެރިވި އެވެ. ވޯޓުގެ ކުރިން އަޅުގަނޑަށް ލިބުނު މައުލޫމާތުތަކުން އެނގެނީ ކައުންސިލް ގޮނޑިތައް ޕީއެންސީއަށް ހޯދަން ކިތައްމެ މަސައްކަތެއް ކުރިޔަސް ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ތާއީދުނުކުރާނެ ކަމެވެ. މާނައަކީ ޕީއެންސީގެ ހަރަކާތްތެރިން ވެސް އޭގައި ބުނާނީ 'ނޫނެކޭ' އެވެ.
ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ މެމްބަރުން ދެން ހަނދާންކުރައްވަން ޖެހޭނެ ކަމަކީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަސައްކަތްނުކުރެއްވުމެވެ. ދިވެހިން ދަންނަ އަދި ދަސްކޮށްގެން ތިބި ޑިމޮކްރަސީގައި 'ޕްރެފެރެންޝަލް'ގެ ވާހަކައެއް ނާދެ އެވެ. ދިވެހިންނަށް އެނގެނީ ރައީސަކަށް ހޮވާ މީހަކަށް ޖުމްލަ ވޯޓުގެ %50އަށް ވުރެ މަތިން ލިބެން ޖެހޭނެ ކަމެވެ. ފުރަތަމަ ބުރުން ނުލިބިއްޖެ ނަމަ ދެވަނަ ބުރަކުންނެވެ.
އަމިއްލަ ގައުމުގައި ގާއިމްކުރި ނިޒާމު ހިމާޔަތްކުރަމާ ހިނގާށެވެ. ވެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި ކޮންމެ ކޮންމެ ކަމެއް ބަދަލުކުރަން ނޫޅެމާ ހިނގާށެވެ. އެފަދަ އަމަލްތަކަށް އާންމު ދިވެހިންގެ ހިތް ހެޔޮނުވާނެކަން ދަސްކުރަމާ ހިނގާށެވެ.
އިއްޔެގެ ނަތީޖާއަކީ އެ ފިލާވަޅެވެ. އެއީ ފިލާވަޅެއްކަން ގަބޫލުކުރަން ޖެހޭނީ އެ ވޯޓާ ދެކޮޅު އަޅުގަނޑު ކަހަލަ މީހުން އެކަންޏެއް ނޫނެވެ. ސަރުކާރު ވެސް މެ އެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ގޮނޑިކޮއްކޮ މަޖިލިސް ވެސް މެ އެވެ. ގޮނޑިކޮއްކޮ ބަންޑާރަ ނައިބާއި ގޮނޑިކޮއްކޮ ކެބިނެޓް ވެސް މެ އެވެ.
ގޮނޑިކޮއްކޮ ނުވީ ދިވެހިންނެވެ.
ދިވެހިންނަށް ޝުކުރިއްޔާ އެވެ! ސާބަހާއި އައްސަރިބަހެވެ!
އިއްޔެ ލިބުނު ފިލާވަޅު: ކޮންމެ ކަމަކާ ކުޅެން ނޫޅޭތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ